ގދ.ވާދޫ ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ނުނަގައި ދަތި ކޮށްފައިވާ ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް ގައި ކައުންސިލްގެ ރައީސް ހަސަން ވިދާޅުވީ، ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ދޭ މަރުކަޒެއް ކަމަށާއި، ނަމަވެސް އެތަނުގައި މަސައްކަތް ކުރާނެ މުވައްޒަފުން ނެތް ކަމަށެވެ. މި ސަރުކާރުން މުވައްޒަފުން ނެގުމަށް ފުރުސަތު ނުދީ ދަތިކުރަމުންދާ ކަމަށާއި، މިއަދު ސިއްހީ ރަނގަޅު ހާލަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މުވައްޒަފުން ނެގުމެއް ނެތި، ސިއްހީ މަރުކަޒަށް 30 އަހަރު ނުވަތަ 25 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުން ލައްވާ ހުރިހާ މަސައްކަތެއް ކުރުވަމުންދާ ކަމަށާއި، ފޮޅާ ސާފު ކުރުވުމުގެ މަސައްކަތް ވެސް ހަވާލު ކުރާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެތާގައި ތިބޭ މުވައްޒަފުންނަށް ވެސް އެއްވެސް ގޮތަކަށް ކުށްވެރިއެއް ނުކުރަން. އެތާގައި ތިބޭ މުވައްޒަފުން ދޮރު ހޮޅުވާފައި ލައްޕާފައި ސާފުކޮށް އެބަ ހަދާ. 24 ގަޑިއިރަށް އެއޮތީ ބަދަލުކޮށްފައި. ނަމަވެސް 11 މުވައްޒަފަކު އެބަ ތިބި ނުނަގާ. އެއީ އަޅުގަނޑު ސަރުކާރަށް ގޮވާލަން މިވަގުތު ވެސް ސަރުކާރުގެ ހެލްތް މިނިސްޓަރަށް ވެސް އެދެން އަޅުގަނޑުމެންގެ ރަށަށް ނިސްބަތްވާ ސްޓޭޓް މިނިސްޓަރަށް ވެސް އެބަ ހުންނެވި. އެބޭފުޅާއަށް ވެސް ވަރަށް އާދޭހާއެކު ދަންނަވަން އެތާގައި ހުރި ވަޒީފާތަކަށް ކުދިން ނަގާށޭ. ނަގާފައި ކަމެއް ނުވިޔަސް އެމީހުންނަށް މުސާރަ ލިބޭ ވަރު ކޮށްދޭށޭ. އެތާގައި ހުސް މަގާމުތައް ނުބާއްވާ.
ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ![]()
ވާދޫގެ ސިއްހީ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ބަދަލު ކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގަ އެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާއެކު، ސިއްހީ މަރުކަޒަށް ލިބެން ޖެހޭ ޚިދުމަތްތަކާއި، ވަސީލަތްތަކާއެކު ލިބެންޖެހޭ ތަރައްގީ ވަނީ ހުއްޓިފަ އެވެ.