ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:44
ރާއްޖޭގެ ބައެއް ހައްޖުވެރިން
ރާއްޖޭގެ ބައެއް ހައްޖުވެރިން
ގޫގުލް
ހައްޖުވެރިން
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މާލެ އައިސްފި
ފުރަތަމަ މާލެ އައިސްފައިވަނީ ޒައީ ގުރޫޕުގެ ހައްޖުވެރިން

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިން ފުރަތަމަ ގުރޫޕު ބުރާސްފަތި ދުވަހު ހެނދުނު މާލެ އައިސްފި އެވެ.

 

މިނިސްޓްރީން ބުނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން ފިޔަވާ އެހެން ހުރިހާ ގުރޫޕުތަކުގެ ހައްޖުވެރިން ރާއްޖެ އަންނާނީ ސްރީ ލަންކާގައި ޓްރާންސިޓް ކޮށްފައި ކަމަށެވެ.


ރާއްޖެ އައުމަށް އެންމެ ފުރަތަމަ އައިސްފައިވަނީ ޒައީ ގުރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ 100 ހައްޖުވެރިންނެވެ.

 

ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 8:15 ގައެވެ.

 

މީގެ އިތުރުން އެ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންގެ ދެވަނަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 8:15 ގައެވެ.


އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ 102 ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:15 ގައެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެންނެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން ރާއްޖެ އައިސް ނިމޭނީ މިމަހުގެ 29 ގަ އެވެ.

 

އެގޮތުން ހައްޖު ކޯޕަރޭޝަންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހުގެ މެންދުރުފަހު 14:15 ގައެވެ.

 

އަދި ދެވަނަ ފްލައިޓު މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 15:50 ގައި އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 14:15ގަ އެވެ.

 

އަދި ހައްޖު ކޯޕަރޭޝަންގެ ހަތަރުވަނަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 7:15 ގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް