އަޅުގަނޑުމެން އެންމެންވެސް ހީވެފައި އޮންނަނީ ދަތް އުނގުޅަން އެނގޭ ކަމަށެވެ. ހެނދުނާއި ރޭގަނޑު ދަތުގައި ބުރުސް ކާއްތާ، ފެނުން އަނގަ ދޮވެ، އަދި ބައެއް ފަހަރު މައުތް ވޮޝް އަކުން އަނގަ ސާފު ކޮށްލާ ހެދުމުގައި ކަންކަން މުޅިން ކުރެވިފައި ހުންނަނީ ރަނގަޅަށް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މި ގޮތުން ދަތުގެ މާހިރުންގެ ބަހުން ބުނާނަމަ، އެންމެ ފަރުވާތެރިކަމާއެކު ދަތް އުނގުޅާ މީހުން ވެސް ހަދާ ބައެއް ކުދިކުދި ގޯސްތަކުގެ ސަބަބުން ދަތް އުނގުޅުމުގެ ފައިދާ ނުލިބިދާތަން އާދެއެވެ.
ބާމިންގހަމް ޔުނިވަރސިޓީގެ ސްކޫލް އޮފް ޑެންޓިސްޓްރީގެ ޑރ. ޕްރަވީން ޝަރުމާ ވިދާޅުވާ ގޮތުގައި، "ހިރުގަނޑުން ލޭ އަންނަ ނަމަ ނުވަތަ ހިރުގަނޑު ދުޅަވެފައިވާ ނަމަ، އެއީ ދަތް އުނގުޅަން ރަނގަޅަށް ދަސްކުރަން ޖެހޭ ކަމުގެ ނިޝާނެކެވެ،"
ދަތުގެ ސިއްހަތު ދެމެހެއްޓުމަށް އެންމެ މުހިންމު އެއް އުސޫލަކީ - ދުވާލަކު ދެފަހަރު ދަތް އުނގުޅުމެވެ. އަދި މިއީ އިނގިރޭސިވިލާތު ގައި ސިއްހަތާ ބެހޭ ރަސްމީ އިދާރާ އިން ލަފާދޭ ގޮތް ވެސް މެއެވެ.
ނަމަވެސް ޑރ. ޝަރުމާ ވިދާޅުވާ ގޮތުގައި އަސްލު މުހިންމީ ދަތް އުނގުޅުމުގެ ކޮލިޓީއެވެ. ދަތް އުނގުޅާ އަދަދެއް ނޫނެވެ.
"އެ މީހަކަށް ވަގުތު ލިބޭ ނަމަ، ރަނގަޅީ، ދުވާލަކު ދެ ފަހަރު ރަނގަޅަށް ދަތް އުނގުޅުމެވެ،" އޭނާ ވިދާޅުވިއެވެ. "އެކަމަކު ދުވާލަކު އެއް ފަހަރު ރަނގަޅަށް އަދި އަނެއް ފަހަރު އަވަސް ކޮށް 2 މިނިޓަށް ދަތް އުނގުޅުން ރަނގަޅު،" ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ވަގުތު ލިބެނީ ދުވާލަކު އެއްފަހަރު ރަނގަޅަށް ދަތް އުނގުޅާ ފްލޮސް ކުރަން ކަމަށް ވާނަމަ އޭނާ ވިދާޅު ވަނީ ރަނގަޅީ ރޭގަނޑުގެ ވަގުތެއްގައި އެކަން ކުރުމެވެ.
ދަތް އުނގުޅުން ރަނގަޅު ގޮތަށް ބަލާއިރު، ކޮންމެ ދަތެއްގައި ވެސް ބޭރު ފަރާތާއި، ދަތް އަޅާ ބަޔާއި، އަދި އެތެރެ ފަރާތް ހިމެނެއެވެ. މި ތިން ބައިގައި ވެސް ބުރުސް ކާއްތަން ޖެހޭނެ އެވެ.
ޑރ. ޝަރުމާ ލަފާ ދެއްވަނީ ކޮންމެ ބަޔަކަށް ވެސް މާބޮޑަށް ބާރު ނުލައި، ވަށް ބުރައް ބުރުސް ހޭކުމަށެވެ.
ގިނަ ބަޔަކު ކައިބޮއި ހަދާފައި ވަގުތުން ދަތް އުނގުޅައެވެ. ނަމަވެސް މިގޮތަށް މިކަން ކުރުމުން ދަތައް އެހާ ފައިދާ އެއް ނުކުރާނެއެވެ.
"އެންމެ ރަނގަޅީ ނާސްތާ ކުރުމުގެ ކުރިން ދަތް އުނގުޅުމެވެ،" ޑރ. ޝަރުމާ ވިދާޅުވި އެވެ. "އެސިޑިޓީ އެކުލެވޭ އެއްޗެއް ކައިބޮއި ހަދާފައި ވަގުތުން ދަތް އުނގުޅަން ރަނގަޅެއް ނުވާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.
"ކައިބޮއި ހަދާފައި ދަތް އުނގުޅާނަމަ، ކެއުމާއި ދަތް އުނގުޅުމާ ދެމެދު ވަކި ވަގުތުކޮޅެއް ބާއްވަން ޖެހޭނެއެވެ."
އެއީ ކާއެއްޗެހީގައި އަދި ބުއިމުގައި ހުންނަ އެސިޑްގެ ސަބަބުން، ޚާއްޞަކޮށް މޭވާ ޖޫސް ނުވަތަ ކޮފީ ފަދަ ތަކެތީގައި ހުންނަ އެސިޑްގެ ސަބަބުން، ދަތުގެ އެނަމަލް (ހުދުކުލައިގެ ހަރުބައި) މަޑުވެދެއެވެ. އަދި އެވަގުތު ދަތް އުނގުޅައިފިނަމަ އެނަމަލް ހަލާކުވެގެން ހިނގައިދާނެ އެވެ.
ޑރ. ކްރިސް ލަފާދެއްވަނީ ކައިބޮއި ހަދާފައި ފެނުން އަނގަ ދޮވެލުމަށެވެ. އޭރުން އެސިޑްގެ ބައެއް ނައްތާލެވޭނެއެވެ. އަދި ނާސްތާ ކުރުމަށް ފަހު ދަތް އުނގުޅާ ނަމަ، މަދުވެގެން 30 މިނިޓު ވަންދެން މަޑުކުރުމަށެވެ.
ދަތް އުނގުޅާ ނިމުމުން ކުޅުޖަހައި، ފެނުން އަނގަ ދޮންނަ ނަމަ މިއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
"ކުޅުޖެހުން އެންމެ ރަނގަޅެވެ، އެކަމަކު ފެނުން އަނގަ ނުދޮންނާށެވެ،" ޑރ. ޝަރުމާ ލަފާދެއްވިއެވެ. އަނގަ ދޮވެލުމުން ދަތްއުނގުޅާ ބޭހުގައި އެކުލެވޭ އެންމެ މުހިންމު އެއް މާއްދާ ކަމުގައިވާ ފުލޯރައިޑް ދޮވެވިގެން ދެއެވެ.
އެހެންކަމުން، އަނގަތެރޭގައި އިތުރު ވެފައި ހުންނަ ދަތް އުނގުޅާ ބޭސް ކުޅުޖަހައި ބޭރު ކޮށްލުމަށް ފަހު، ފެން އަޅައިގެން އަނގަ ނުދޮވެ ދޫކޮށްލުމުން ދަތުގައި ފުލޯރައިޑްގެ ތުނި ފަށަލައެއް ހަރުލާ ދަތް ރައްކާތެރި ކޮށްދެމުން ދާނެއެވެ.
ދަތް އުނގުޅުމަށް ފަހު އަނގަ ދޮވެލަން ބޭނުން ނަމަ، މައުތް ވޮޝް ބޭނުންކުރާށެވެ.
ދަތް ހުދުކުރާ، ޗާކޯލް އެކުލެވޭ، އަދި އެނަމަލް ވަރުގަދަ ކުރާ ޓޫތްޕޭސްޓްތަކުން ފުރިފައިވާ ފިހާރަތަކުގެ ހަރުތަކަށް ބަލާ ލުމުން އެތަކެތީގެ އެހީގައި ދަތްތައް ރީތި ކޮށް ބެހެއްޓިދާނެ ކަމަށް ހީކުރުމަކީ ވެދާނެ ކަމެކެވެ.
ނަމަވެސް ޑރ. ޝަރުމާ ވިދާޅުވާ ގޮތުގައި، މީހަކު ޚިޔާރު ކުރާ ބްރޭންޑަކުން މާބޮޑު ތަފާތެއް ނުހުންނާނެ އެވެ. އެންމެ މުހިންމީ މައިގަނޑު އެއް މާއްދާ އެއް އެކުލެވޭ ބޭހެއް ބޭނުން ކުރުމެވެ.
"ދަތް އުނގުޅާ ބޭހުގައި ފުލޯރައިޑް އެކުލެވޭ ކަމަށް ވާ ނަމަ، މާބޮޑު ތަފާތެއް ނުހުންނާނެ އެވެ،" އޭނާ ވިދާޅުވިއެވެ. އަދި އޭނާ އާންމުކޮށް ގަންނަނީ އަގުހެޔޮ ނުވަތަ ޑިސްކައުންޓްގައި ހުންނަ ދަތް އުނގުޅާ ބޭސް ކަން ވެސް ފާހަގަ ކުރިއެވެ.
ފުލޯރައިޑް އިން ދަތުގެ އެނަމަލް ރައްކާތެރި ކޮށްދީ، ދަތް ހަލާކުވިޔަ ނުދީި ދަމަހައްޓައި ދެއެވެ. އެންމެ މުހިންމީ މިކަމެވެ.
ނަމަވެސް، ދަތުގެ ހިރުގަނޑު ގެ މައްސަލައެއް ދިމާވާ ނަމަ، ދަތުގެ ޑޮކްޓަރު ވަކި ޚާއްޞަ ދަތް އުނގުޅާ ބޭހެއް ބޭނުން ކުރުމަށް ލަފާ ދީފާނެ އެވެ.