ހަލުއި ކަމާ އެކު ބަރުދަން ލުއިކޮށްދޭ ޔަގީން ބޭހެއްގެ ގޮތުގައި "މޮލެކިއުލް"، ކިޔާ ގުޅަ ބޭހެއް މިއަހަރުގެ ކުރީކޮޅު ރޫސީ ޓިކްޓޮކްގައި ވައިރަލްވިއެވެ.
ޒުވާނުންގެ ފީޑްތައް "މޮލެކިއުލް ބޭނުން ކޮށްގެން ކާއެއްޗެހި މަތިން ހަނދާން ނައްތާލާ" ފަދަ ކެޕްޝަންތަކުން ފުރެންފެށިއެވެ.
ވީޑިއޯތަކުގައި ދައްކާފައިވަނީ ހޮލޮގްރާމްތަކާއި "މޮލެކިއުލް ޕްލަސް" ލޭބަލް ޖަހާފައިވާ ނޫކުލައިގެ ފޮށިތަކުން ފުރިފައިވާ ފްރިޖްތަކެވެ.
ޓީނޭޖު ކުދިން އެމީހުންގެ "ބަރުދަން ލުއިކުރުމުގެ ދަތުރު" ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދިޔައިރު، މި ބޭހަށް ލިބެމުން ދިޔަ އޯޑަރުތައް އިތުރުވަމުން ދިޔައެވެ.
އެހެންނަމަވެސް، މީގައި ފޮރުވިފައިވަ އެތައް މައްސަލަ އެއް ހުރިކަން އެނގޭ މީހުން ވެސް މަދެއް ނޫނެވެ.
22 އަހަރުގެ މަރިޔާ، މި ގުޅަ ބޭސް ގަނެފައިވަނީ މަޤްބޫލު އޮންލައިން ވިޔަފާރިއަކުންނެވެ. އޭނާ ދުވާލަކު ދެ ގުޅަ ނަގައި، ދެ ހަފުތާއެއްހާ ދުވަސް ވީތަނާ، އޭނާގެ އަނގަ ހިކި، ކެއުމުގެ ޝައުޤުވެރިކަން މުޅިން ގެއްލުނެވެ.
"އަހަރެން ކާހިތްވުން މުޅިން ކެނޑުނު، އަދި ދިޔާ އެއްޗެހި ބުއިމުގެ ޝައުޤުވެރިކަމެއްވެސް ނެތް. އަހަރެން ހާސްވެފައި ހުންނަނީ. އަހަރެން އަބަދުވެސް ތުންފަތުގައި އަމިއްލަ އަށް ދައިގަނެ، ކޯތާފަތް ވަޅުޖަހަމުން ދިޔައީ."
މަރިޔާ އަށް ބޮޑެތި ކަންބޮޑުވުންތައް ކުރިމަތިވެ، ނުރަނގަޅު ފިކުރު އިތުވާން ފެށިއެވެ. "މި ގުޅަތަކުން އަހަރެންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރަމުންދިޔަ،" އޭނާ ބުނެފައިވެއެވެ.
ސެންޓް ޕީޓަރސްބާގްގައި ދިރިއުޅޭ މަރިޔާ ބުނާގޮތުގައި، އޭނާ މިފަދަ ގަދަ ސައިޑް އިފެކްޓްތަކަށް ހުރީ ތައްޔާރުވެގެންނެއް ނޫނެވެ.
ޓިކްޓޮކް ގައި އެހެން މީހުން ފާހަގަކޮށްފައި ވަނީ ލޯ ބޮޑުވުން، ހަށިގަނޑު ތުރުތުރުއެޅުން، އަދި ނިދިނައުން ފަދަ ކަންކަމެވެ. އަދި މަދުވެގެން ތިން ސްކޫލް ކުދިން ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އޭޕްރިލް މަހު، ސައިބީރިއާގެ ޗިޓާގައި ސްކޫލް އަންހެންކުއްޖަކަށް މޮލެކިއުލް އޯވަޑޯސް ވެގެން ހޮސްޕިޓަލްގެ ފަރުވާ ދޭން ޖެހުނެވެ. ލޯކަލް ރިޕޯޓްތަކުގައިވާގޮތުން، އޭނާ ބޭނުންވީ ހޫނު މޫސުމް އަންނަންވާ އިރަށް އަވަހަށް ބަރުދަން ލުއިކޮށްލާށެވެ.
އެހެން ސްކޫލް އަންހެންކުއްޖެއްގެ މަންމަ ލޯކަލް މީޑިއާ އަށް ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު އިންޓެންސިވް ކެއަރ އަށް ވައްދަން ޖެހުނީ އެއްފަހަރާ އެތައް ގުޅައެއްގެ މޮލެކިއުލް ބޭނުން ކުރުމުގެ ސަބަބުންނެވެ.
މޮލެކިއުލް ގުޅަތަކުގެ ޕެކޭޖިންގގައި އާންމުކޮށް ލިސްޓުކޮށްފައި ހުންނަނީ "ގުދުރަތީ މާއްދާތައް" ބޭނުން ކޮށްފައި ހުންނަ ކަމަށެވެ.
ނަމަވެސް މިއަހަރުގެ ކުރީކޮޅު، ރަޝިއާގެ ނޫސް އިޒްވެސްޓިޔާގެ ނޫސްވެރިން އޮންލައިންކޮށް ގަނެފައިވާ ގުޅަތައް ޓެސްޓްކުރުމަށް ފޮނުވުމުން، އޭގައި ސިބިއުޓްރަމިން ކިޔާ މާއްދާއެއް ހިމެނޭކަން ފެނިފައިވެއެވެ.
1980 ގެ އަހަރުތަކުގައި ފުރަތަމަ ބޭނުން ކުރަން ފެށި ސިބިއުޓްރަމިން އަކީ ޑިޕްރެޝަން ފަރުވާ އަށް ބޭނުން ކުރާ ބޭހެކެވެ. ފަހުން މިއީ ކާހިތްވުން ކުޑަކުރަން ބޭނުން ކުރެވުނެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ސިބިއުޓްރަމިން ހާޓް އެޓޭކް އާއި ސްޓްރޯކްގެ ނުރައްކާ އިތުރުކުރެއެވެ. އަދި ބަރުދަން ލުއިކުރުމަށް ކުޑަކޮށް އެހީވެދެއެވެ.
މިއީ 2010 ގައި އެމެރިކާގައި މަނާކުރެވުނު، އަދި ޔޫކޭ، ޔޫރަޕިއަން ޔޫނިއަން، ޗައިނާ އަދި އެހެން ޤައުމުތަކުގައި ވެސް ޤާނޫނީ ގޮތުން މަނާ އެއްޗެކެވެ.
ރަޝިޔާ ގައި މިއީ އަދިވެސް ބަރުދަން އިތުރުވުމުގެ ފަރުވާ އަށް ބޭނުން ކުރެވޭ އެއްޗެކެވެ. އެހެން ނަމަވެސް ސިބިއުޓްރަމިން ބޭނުން ކުރަން ހުއްދަ އޮންނަނީ ބޮޑެތި މީހުންނަށެވެ. އެއީ ވެސް ޑޮކްޓަރުގެ ސިޓީއަށެވެ.
ޑޮކްޓަރުގެ ސިޓީއަކާ ނުލައި ސިބިއުޓްރަމިން ގަތުމާއި ވިއްކުމަކީ ރަޝިޔާ ގައި ވެސް ޖިނާއީ ކުށެކެވެ. ނަމަވެސް އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތަކުން އޮންލައިންކޮށް މިއެއްޗެހި ވިއްކުން ހުއްޓުވިފައެއް ނުވެއެވެ.
ޓިކްޓޮކް ގައި ފާޅު ގައި މި ބޭސް މާރކެޓް ކުރަމުން ގެންދާއިރު މިއީ ކޮންތަނެއްގައި އުފެއްދި އެއްޗެއް ކަމެއް ވެސް ނޭނގޭ ކަމަށް ވެެއެވެ. އަދި ބައެއް ފަހަރު އުފެއްދި ކުންފުނީގެ ނަން ޖަހާފައި ހުރި ނަމަވެސް އެއީ ހަގީގަތުގައި ހުންނަ ތަނެއް ނޫން ކަމަށް ވެސް ވެއެވެ.
މި ބޭހުގެ ސަބަބުން ނުރައްކާތެރި އަސަރުތަކެއް ކުރި އުމުރުން 22 އަހަރުގެ މާރިޔާ މަސައްކަތް ކުރަމުން ގެންދަނީ މޮލެކިއުލް ބޭހާ ޒުވާނުން ދުރުކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރު ކުރާށެވެ.
މިހާރު އޭނާ ބަރުދަން ލުއިކުރުމާބެހޭ ފޯރަމްތަކުގައި އެހެން ޒުވާން އަންހެނުންނާއި އަންހެން ކުދިންނަށް މި ގުޅާތައް ބޭނުން ނުކުރުމަށް ބާރު އަޅާ ވާހަކަ ދައްކަމުން ގެންދެއެވެ.
ނަމަވެސް މޮލެކިއުލް އަދިވެސް އޮންލައިން ކޮށް މަގުބޫލު ބޭހެއްގެ ގޮތުގައި އަންނަނީ ފާހަގަ ކުރެވެމުންނެވެ.