ކ. މާލެ
|
30 އޮކްޓޯބަރ 2025 | ބުރާސްފަތި 16:21
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ޑރ މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މުއިއްޒާއި މުއިއްޒުގެ ރެކޯޑަށް އަނެއްކާ އިތުރުވި ބަޖެޓް ރެކޯޑް
މުއިއްޒު އުޅުއްވަނީ ރެކޯޑް ހެއްދެވޭތޯއެވެ. ކުރީގެ ރައީސުން ނުކުރއްވާ އަދަދަކަށް ކަންކަން ކުރެއްވޭތޯއެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީވެސް އޭގެ ރެކޯޑެކެވެ.

ރައްޔިތުންނަށް ވާނެ އެއްޗެއް ވާންވީއެވެ. ރައްޔިތުން އުޅެވުނިއްޔާ އުޅެވުނު ހާލަކައިގެން އުޅޭންވީއެވެ. އަތް ނުފޯރާ ފަށަށް ބިލް ތަކާއި ތަކެތީގެ އަގު އެރިއަސް އޯކޭއެވެ. އާސަންދައިން ހިލޭ ލިބުނު ބޭސް މަދުވެ އެންސްޕާ މެދުވެރިކޮށް ގެންނާން އެދުނު ބޭސް ނުލިބި ފަސްގަނޑު ދަށުވެ ނިމޭން ވިއްޔެވެ. ޒަރޫރީ މުހުތާދުތައް ނުފުއްދި އަނގަޔާ އަތާ ދިމާ ނުވިއަސް ވަރިހަމައެވެ. މުއިއްޒުގެ މަސައްކަތަކީ ރެކޯޑް ހެދުމެވެ. ހިތުން މޮޅުވާން ހަދާ ތާރީޚީ ރެކޯޑް ހެދުމަށެވެ. ރައްޔިތުންނަށް ކަންދައްކާންވެސް ހަދާ ރެކޯޑެވެ. އެއިން ރައްޔިތަކަށް ވާނެ ފައިދާއެއް ކުރާނެ މަންފާއެއް ނެތަސް ކަށިން ހިތްވަރުނެރެ ރެއާ ދުވާލު އެބައްލަވަނީ ރެކޯޑެއް ހެދޭތޯއެވެ. އެހެން ރައީސަކު ނުކުރާ ވަރުގެ ކަމެއް ކުރެވޭތޯއެވެ. މިބީދައިން ސަރުކާރުން އިއުލާންކޮށް ސަރުކާރުގެ އަޅުކުދިންކޮޅު ލައްވާއި އިސްތިހާރުކޮށް ނެގި އެންމެފަހުގެ ރެކޯޑަކީ ދައުރުގެ އެންމެ ކުރީކޮޅު އެންމެ ގިނަ ރަށްތަކަށް ވަޑައިގެންނެވި ރައީސްގެ ރެކޯޑް ގާއިމް ކުރެވުނު ވާހަކައެވެ.

މުއިއްޒު ހެދި އެރެކޯޑްގެ ވާހަކަ ރައްޔިތުން މިނުނީ މުޅިން ތަފާތު ގޮތަކަށެވެ. އެރެކޯޑުގެ މޯހިރުން މުއިއްޒަށް ހެދިފައިވާ ރެކޯޑްތަކެވެ. ވައިގައި ހިފީ އެރެކޯޑެވެ. ދޮގުހެދުމާއި ކަމެއް ނުވުމުގެ ރެކޯޑެވެ. އޮޅުވާލުމާއި މަކަރު ހެދުމުގެ ރެކޯޑެވެ. ބޮޑު އިސްރާފްގެ ރެކޯޑާއި ރައްޔިތުން ހާލުގައި ޖެއްސި ރެކޯޑެވެ.

މުއިއްޒުގެ ރެކޯޑް ފޮތައް މިއަދު އިތުރު އެވީ ބަޖެޓް ރެކޯޑެވެ. ރާއްޖޭގެ ތާރީޚްގައިވެސް ސަރުކާރަކުން ހުށަހެޅި އެންމެ ބޮޑު ދައުލަތުގެ ބަޖެޓެވެ. ރާއްޖޭގެ ތާރީޚްގައިވެސް އަލަށް ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެވެ. އަނެއްކާ މުއިއްޒުގެ އަނެއް ރެކޯޑެވެ. ބޮޑު ބަޖެޓް ރެކޯޑެވެ.

ބަޖެޓަށް ބަލާއިރު ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. މިއީވެސް އަނެއް ރެކޯޑެވެ. އެންމެ ބޮޑު ބަޖެޓް ޚަރަދު ރެކޯޑެވެ. އެންމެ ދަރަނިބޮޑު ބަޖެޓެވެ. އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ. މާނައަކީ މިވެސް އަނެއްކާ އަނެއް ރެކޯޑެވެ. ޚަރަދުތައް ފޫބައްދަން އެންމެ ގިނައިން ދަރަންޏަށް ފައިސާ ބޭނުންވާނެ ބަޖެޓެވެ. ރެކޯޑް ބަޖެޓްގެ ތެރެއިންވެސް އަނެއް ރެކޯޑެވެ.

ބަޖެޓު މިހާ ބޮޑުވި މައިގަނޑު ސަބަބަކީ އަންނަ އަހަރުގެ ތެރޭގައި ލޯނު ދައްކަން ކުރަން ޖެހޭ ހަރަދު ރެކޯޑު އަދަދަކަށް ބޮޑުވުމެވެ. ނެގި ލޯނު ދައްކާން މިދިޔައަހަރު ކުރެވުނު ކަމެއް ނެތުމުގެ ރެކޯޑުން ޖެހުނު ދަންތުރައިގެ ރެކޯޑެވެ. ނަގުލުވަމުން އައި ލޯނުތަކަކީ މަށަކަށް އެއްޗެއް ނޫނޭ ބުނެ ފޮނިކެނޑުމުގެ ރެކޯޑުން ދެއްކޭނޭ މާބޮޑުގޮތެއް ނުހޯދުނު ދަރަނީގެ ރެކޯޑެވެ. އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނު ދައްކަން ހަރަދުކުރަން ޖެހޭ އިރު، އޭގެ ތެރޭގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެހެން ބޮންޑަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ހިމެނެ އެވެ. މިއީ ޚަރަދު ކުޑަކުރަން މާލީ އިދާރާތަކުން ރެކޯޑަކާ ގާތްކުރާހާ ވަރަކަށް ލަފާދިންއިރުވެސް އެއަށް އަޅާނުލައި ޚަރަދުތައް ބޮޑުކުރީތީ ދައްކާން ޖެހުނު ރެކޯޑް ދަރަންޏެވެ. ސުމާރެއް ނެތްގޮތައް އަދިވެސް އިތުރު ކުރަމުންދާ ސިޔާސީ މީހުންނަށް މުސާރަދޭން ނަގާ ރެކޯޑް އަދަދުގެ ބޮޑު އިންޓްރެސްޓް ސުކޫކު މައްޗަށް ނަގާ ސުކޫކުތަކެވެ. ރެކޯޑް އަދަދުގެ ސުކޫކުތަކެވެ. މި އަހަރުގެ ބަޖެޓު ތަންފީޒުކުރަން ބުނި ގޮތަކަށް ތަންފީޒު ނުކުރުމުގެ ރެކޯޑާއި ގުޅިގެން ބޮޑުވި ޚަރަދުގެ ރެކޯޑެވެ. މިއަހަރު ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިގެން އަށް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ކެނޑި ވައުދު ނުފުއްދި އިތުރުވި ޚަރަދުގެ ރެކޯޑެވެ.

ބަޖެޓު ސާޕްލަސްގައި ބާއްވަންވެސް ހެދީ ރެކޯޑެކެވެ. ކެޕިޓަލް ބަޖެޓުގެ ބޮޑުބައި ހަރަދުނުކޮށް ބާއްވައިގެން ހެދި ރެކޯޑެވެ. ތަރައްގީގެ އެއްވެސް ކަމެއް ނުކުރުމުގެ ރެކޯޑާއި އެކަމަށް ކުރި ބަޖެޓުން ޚަރަދު ނުކުރުމުގެ ރެކޯޑެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ކުޅިސަމާއަށާއި ނާޗަރަނގީގެ ޗާލާކީ ދިރިއުޅުމަށްވެސް މިއީ ރެކޯޑް ބަޖެޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެތަކަށް ޖުމްލަ 52 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިއީވެސް ރެކޯޑެކެވެ.

އެގޮތުން މިއަހަރުގެ ބަޖެޓަށްވުރެ 7 މިލިއަން ރުފިޔާ އިތުރުކޮށް 34 މިލިއަން ރުފިޔާ ވަނީ މުއިއްޒާއި ސާޖިދާ ދިރިއުޅުއްވާ މުލިއާގެއަށް ޖަހާފައެވެ.

ނައިބު ރައީސްގެ ރަސްމީ ގެ، ހިލާލީގެއަށް އަންނަ އަހަރު ހަރަދުވާނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖަހާފައިވަނީ 14 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ބަޖެޓުކުރި އަދަދަށް ވުރެ 4.2 މިލިއަން އިތުރު އަދަދެކެވެ.

މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅަށް ހިނގާނެ ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 4.1 މިލިއަން ރުފިޔާ އެވެ. މިއީ މިހާރު ވައިކަޓާފައިވާ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ބަޖެޓުން މި އަހަރުގެ ބަޖެޓަށްވުރެ 1.1 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އަދުރޭގެ މިވަގުތުގެ ސައިޒާ އެއްވަރަށް ތިރިކޮށްލި ތިރިކޮށްލުމެކެވެ.

ކޮންމެއަކަސް މިފެނުނީ މުއިއްޒާއި މުއިއްޒުގެ އަނެއް ރެކޯޑެވެ. ތާރީޚުގައިވެސް ވެރިއަކު ހުށަހެޅި ބަޖެޓެއްގެ ރެކޯޑެވެ. ބަޖެޓެއްގައި ޖަހައިގެން ކަމެއް ނުކޮށް އެކަމަކު އެބަޖެޓް ހުސްކުށްލުމުގެ ރެކޯޑާއެކު ގާއިމް ކުރާ އަނެއް ރެކޯޑެވެ. ބަޖެޓް މެނޭޖް ކުރަން އިތުރަށް ރެކޯޑް އަދަދަކަށް ފައިސާ ބޭނުންވާ ބޮޑު ބަޖެޓުގެ ރެކޯޑެވެ. މުއިއްޒާއި މުއިއްޒުގެ ރެކޯޑަށް އިތުރުވި ރެކޯޑެވެ.

- ކޮމެންޓް