ކ. މާލެ
|
1 ނޮވެންބަރ 2025 | ހޮނިހިރު 12:19
ޓީވީޓޯކް ޕްރޮގްރާމް ގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ
ޓީވީޓޯކް ޕްރޮގްރާމް ގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
ފްލެޓުތައް ދޫކުރަނީ ޖަލަށް ދާން ޖެހިދާނެތީ، ހެޔޮ ނިޔަތެއް އޮވެގެން ކުރާ ކަމެއް ނޫން: މެންބަރު މައުރޫފް
ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ފުށިދިއްގަރުފަޅުން ގޯއްޗާއި ފްލެޓު ބޭނުން ވެގެންނެއް ނޫން
ކުރީ ސަރުކާރުގެ ފްލެޓު ލިސްޓު ބަދަލު ކުރުމަށް ވަރަށް މަސައްކަތް ކުރި
ހައުސިން މިނިސްޓްރީ މެދުވެރިކޮށް އާއްމު ރައްޔިތުންނަށް ހަފްތާ ފެށޭ ދުވަހާއި ނިމޭ ދުވަސް އޮޅުވާލުމަށް މަސައްކަތް ކުރި

މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމް ފްލެޓުތައް ދޫކުރަނީ ޖަލަށް ދާން ޖެހިދާނެތީ ކަމަށާއި، އެއީ ހެޔޮ ނިޔަތެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ''ޓީވީޓޯކް ޕްރޮގްރާމް'' ގައި މެންބަރު މައުރޫފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގައި ދޫކުރި ފްލެޓުތައް އޭގެ ހައްގު ވެރިންނަށް ދޫ ނުކުރުމަށް މި ސަރުކާރުން ވަރަށް މަސައްކަތް ކުރި ކަމަށާއި، ފްލެޓު ލިސްޓު ވެސް ބަދަލު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.

އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައި ފްލެޓުތައް ނުދީ ދިގު ދަންމާލިއިރު، ހައުސިން މިނިސްޓްރީ މެދުވެރިކޮށް އާއްމު ރައްޔިތުންނަށް ހަފްތާ ފެށޭ ދުވަހާއި ނިމޭ ދުވަސް އޮޅުވާލުމަށް މަސައްކަތް ކުރި ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓުތައް ނުދިނުމަށް މި ސަރުކާރުން ކުރި ހުރިހާ މަސައްކަތް ނާކާބިޔާބު ވިކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ފްލެޓުތައް ދޭން ނިންމީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފްލެޓުތައް ދޫކުރުމުގެ ހެޔޮ ނިޔަތުގައި ނޫން ކަމަށާއި، އެއީ އާހިރުގައި މި މަސައްކަތުގައި އުޅޭ މި ސަރުކާރުގެ ބޭފުޅުން ޖަލަށް ދާން ޖެހިދާނެތީ ކަމަށެވެ.

ޝަރުތު ހަމަނުވޭ ކިޔައިގެން އޮޅުވާލުމަށް މަސައްކަތް ކުރި. ފްލެޓުތަކުގެ މައިގަނޑު އަސާސީ އެއް އުސޫލު އެމީހުން ގަސްތުގައި އޮޅުވާލައިގެން ބަދަލުކުރި. ފަހި ޔޫނިއަންއާ ފްލެޓުތަކާ ގުޅުންހުރި އެތައް ބައިވަރު ރައްޔިތުންނެއް މުޒާހަރާ ކުރި. އަޅުގަނޑުމެން މުޒާހަރާ ކުރިން. ކުއްލި މައްސަލަ ހުށަހެޅިން. ސުވާލުކޮށް މަޖިލީހަށް ހާޒިރުކުރިން. އަޅުގަނޑުމެން ވެސް ގޮސް ހައުސިން މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރިން. މި ލެވަލްއަށް ރައްޔިތުން ނުކުމެ މުޒާހަރާކޮށް ދެން މިބޭފުޅުންނަށް މީތި މިގޮތަށް ނުދީފިނަމަ ދެން އޮތީ ޖަލުކަން އެނގުނު ހިސާބުން ރައްޔިތުންނަށް ދޭން ނިންމީ. އެހެން ނަމަވެސް މިއަދާ ހަމައަށް އައިރުގައި 580 މީހުންނަށް ފްލެޓު ހައްގުން މަހުރޫމް ކޮށްފި. އެހެންވީމަ ހެޔޮ ނިޔަތެއްގައި ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން. އަދި ރައްޔިތަކަށް ހެޔޮ އެދުނު ނަމަވެސް ކުލީގެ އަގު ކީއްވެތޯ ބޮޑު ކުރަންވީ. ގައުމުގެ މާލީ ހާލަތު ގޯސް. ރައްޔިތުން ގަރުދިޔަ ކާންވީ. އެކަމަކު ކުލި އަގުބޮޑު ކޮށްފައި. ޑައުންޕޭމަންޓެއް ނުވެސްނެތް. ކުއްލިއަކަށް ޑައުންޕޭމަންޓު ވެސް ގެނެސްފި.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ ސަރުކާރުން ބޭނުންވާ ހުރިހާ ގޮތަކަށް އަމަލު ކުރުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށާއި، ފްލެޓުގެ މަސައްކަތުގައި ރައްޔިތުން ސަރުކާރަށް ކުޑަކޮށް ދޫނުކޮށް މަސައްކަތް ކުރުމުން މި ސަރުކާރުން ބޭނުންވި ގޮތް ނުހެދުނު ކަމަށެވެ. އަދި ފްލެޓުތައް ނުދީ ނުހިފެހެއްޓުނު ކަމަށާއި، މަޖުބޫރުން ވެސް ދޫކުރަން ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ފުށިދިއްގަރުފަޅުން ގޯއްޗާއި ފްލެޓު ބޭނުން ވެގެން ނޫން ކަމަށާއި، ރައްޔިތުން ބޭނުންވަނީ މާލެ ސަރަހައްދުން ގޯތި ކަމަށެވެ. އަދި މިއަދު ރައްޔިތުން އެދެމުން ދަނީ ކުރީ ސަރުކާރުގައި ދީފައިވާ ގޯއްޗާއި، ފްލެޓުތައް ދޫ ކުރުމަށް ކަމަށާއި، ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކައި، އެތަންތަން ތަރައްގީ ކުރުމަށް ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

- ކޮމެންޓް