ނެޝަނަލް ޑްރަގްއެޖެންސީ (އެންޑީއޭ) ގެ ހިންގުން ދޯދިޔާވެ އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް އެތަނުގެ ޗެއާމަނުގެ ކަމުގެ މަގާމުގައި ހުންނެވި ލުބްނާ މުހައްމަދު ޒާހިރު އެ މަގާމުން ވަކިކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލުބުނާ މަގާމުން ވަކިކުރީ ހޯމަ ދުވަހުއެވެ. އަދި އޭނާ ވަނީ ފޮރިން މިނިސްޓްރީގެ މަގާމަކަށް ބަދަލުކޮށްފައެވެ. އެންޑީއޭގެ ޗެއަރމަންގެ މަގާމުގައި ލުބުނާ ހުންނެވީ ސްޓޭޓް މިނިސްޓަރުކަމުގެ ފެންވަރުގައެވެ. ނަމަވެސް ފޮރިން މިނިސްޓްރީއަށް އޭނާ ބަދަލުކުރީ ކޮން މަގާމަކަށް ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
ލުބުނާ އެ މަގާމުން ވަކިކޮށްފައިވާ އިރު، އެމަގާމަށް ވަގުތީ ގޮތުން އައްޔަންކޮށްފައިވަނީ ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމްއެވެ.
ލުބުނާ އެންޑީއޭގައި ހުންނެވި އިރު އެތަނުގެ ހިންގުން ދޯދިޔާވެ، ފަރުވާގެ ޕްރޮގްރާމްތައް ރަނގަޅަށް ނުހިނގާކަމުގެ އެތައް ޝަކުވާއެއް ފަރުވާ ހޯދަމުން ދިޔަ ފަރާތްތަކުން ދިޔައީ ކުރަމުންނެވެ. އަދި ފަރުވާގެ ޕްރޮގްރާމް ހިންގަންޖެހޭ ގޮތަށް ނުހިންގާ، ހަމައެކަނި ނަންބަރުތަކަކުން މަސައްކަތްތަކެއް ކުރެވޭކަން ލުބުނާ ދައްކަމުން ދިޔަކަމަށް ދާއިރާގެ ތަޖުރިބާރުކާރު ބޭފުޅުން ދިޔައީ ބުނަމުންނެވެ.
މީގެ އިތުރުން އެންޑީއޭގައި ބޭނުންކުރަމުން އަންނަ މުހިންމު އާލާތްތަކާއި ސާމާނު ހުސްވިކަމުގެ ވާހަކަތައް ފެންމަތިވެފައިވާއިރު، އެތަނަށް މިހާތަނަށް އައި އިރު ގާނޫނުގައި ބުނާ ގޮތަށް ސީއީއޯއެއް ނަގާފައި ނުވެއެވެ.