Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2025 | ހޮނިހިރު 12:47
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން
ރާއްޖެ އެމްވީ
އެމްޑީޕީ ބޮޑު މުޒާހަރާ
އަންނަ މަހުގެ 17 ތަފާތުވާނެ، މާގިނަ ވާހަކަ ދެއްކުމެއް ނޯންނާނެ: މެންބަރު މައުރޫފް
ސަރުކާރާ ދެކޮޅަށް އެމްޑީޕީން އިސްވެ އޮވެ ނުކުތީ ނުރައްކާތެރި ހާލަތަކަށް ގައުމު ވައްޓާލުމުން
މި ސަރުކާރުން އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ކޮށްދީފައި ނުވޭ
ވެރިކަން ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގާނޫނީ އިމުގެ ތެރެއިން ކުރާނަން

އަންނަ މަހުގެ 17 ވަނަ ދުވަސް ތަފާތުވާނެ ކަމަށާއި، އެދުވަހު މާގިނަ ވާހަކަ ދެއްކުމެއް ނޯންނާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ކަންމަތީ އެއްވުމުގައި މެންބަރު މައުރޫފް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިހާތަނަށް އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށާއި، އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނަށް މާނަވީ ގޮތެއްގައި މަލާމަތް ކުރަމުން ކަމަށެވެ.

17 ނޮވެންބަރުގައި ހުރިހާ ރައްޔިތުން ނުކުމެ މާލޭގެ މަގުތައް ފުރާލަންޖެހޭކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އެދުވަސް ތަފާތުވާނެ ކަމަށާއި، އެދުވަހު މާގިނަ ވާހަކަ ދެއްކުމެއް ނޯންނާނެ ކަމަށެވެ. މައުރޫފް ވިދާޅުވީ ވެރިކަން ބަދަލު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގާނޫނީ އިމުގެ ތެރެއިން ކުރާނެ ކަމަށާއި، ސިފައިންނާ ފުލުހުން ވެސް ރައްޔިތުންގެ ފަޅި އިހުތިޔާރު ކުރަންޖެހޭ ކަމަށެވެ.

17 ނޮވެންބަރު ތަފާތުވާނެ. 17 ނޮވެންބަރު ގައި އަޅުގަނޑުމެން ސަކަރާތެއް ނުޖަހާނަން. އަޅުގަނޑާއެކީގައި ތިއްބަވަން ޖެހޭނެ. އަޅުގަނޑުމެން ބުނާ ބަޔަކު ބުނާތަނެއްގައި ތިބޭނީ. 17 ނޮވެންބަރުގައި މާގިނަ ވާހަކަ ދެއްކުމެއް ނޯންނާނެ. ވަރަށް ސީރިއަސްކޮށްދާނީ ވަކި ބަޔަކު ވަކިތަނެއްގައި ތިބޭނީ ވެސް. އެހެންވީމަ ވަރަށް ސީރިއަސް އެއްވުމެއް. ވަރަށް ސީރިއަސް މުޒާހަރާއެއް. އަޅުގަނޑުމެން ރާވާނަން. އަޅުގަނޑުމެންނަށް އެނގޭނެ ހައްޔަރުކުރިއަސް ހައްޔަރުކުރާނީ ކޮންބައެއްކަން ދުރާލާ. އެވަރަކަށް ރާވައިގެން އަޅުގަނޑުމެން ނުކުންނާނީ. ރައްޔިތުން ކަންބޮޑުވެއް ނުލައްވާތި. އަޅުގަނޑުމެންގެ މައްޗަށް ދިވެހި ރައްޔިތުންގެ މައްޗަށް މިއަދު އޮތް ދީނީ ވާޖިބެއް އެއީ މިގައުމު ސަލާމަތް ކުރުމަކީ. ގައުމެއްގެ ދަރަނި އިންތިހާއަށް ބޮޑުވެ ގައުމު ފާލުން ނެއްޓި މާދަމާ އަޅުގަނޑުމެން އެންމެން ބަޑަށް ޖެހެން އަޅުގަނޑުމެންނަށް ދޫކޮށްލައިގެން ނުތިބެވޭނެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ލޫޓުވައިފި މުޒާހަރާއަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވީ އެ މުޒާހަރާގެ ތެރެއިން ވެސް ބައެއް މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، އެކަމުން ހިތްވަރު ހޯދަންޖެހޭ ކަމަށެވެ.

މެންބަރު މައުރޫފް ވިދާޅުވީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން އިސްވެ އޮވެ ނުކުތީ ނުރައްކާތެރި ހާލަތަކަށް ގައުމު ވައްޓާލުމުން ކަމަށެވެ. މިސަރުކާރަށް ދެއަހަރު ވެގެންދާއިރު، އެއްވެސް ކަމެއް ރަނގަޅަށް ކޮށްފައިނުވާ ކަމަށާއި، ރައްޔިތުންނަށް އިންތިހާއަށް ދަތިކޮށް މުޅި ގައުމުގައި ކޮރަޕްޝަން އާއްމު ކޮށްފައިވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

- ކޮމެންޓް