ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓައިފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނަގާފައި ވަނީ އެންމެ މަތީ ފަރާތްތަކާއި ގުޅިގެން ކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ފަދަ ކަމެއް ކަމަށް ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެއެވެ.
ޕާޕާ އެފަދައިން ވިދާޅުވެފައި ވަނީ، ރާއްޖެ ޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުންނެވެ.
ޤަވާއިދާއި ޚިލާފަށް އެތެރެކޮށްގެން ހިފަހައްޓާފައިވާ ސިނގިރެޓް ކޮންޓެއިނަރތަކެއް، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ވާނުވާ ނޭނގޭ ގޮތަށް ގެއްލުމަކީ އެއީ އާދައިގެ ކަމެއް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަލާމަތީ ނަޒަރަކުން ބަލާ ނަމަ މިއި ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޕާޕާ ވަނީ ފާހަގަކުރައްވާފައެވެ.
ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ، ޕާޕާ ވަނީ ބައެއް ފަހަރު ހަތިޔާރު ފަދަ ތަކެތި ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ޕޯޓްތަކުގައި ހުންނަކަން ފާހަގަ ކުރައްވާފައެވެ. ރާއްޖޭގެ ޕޯޓްތަކަކީ ވެސް ކަމާ ގުޅުން ހުރި އުސޫލުތަކާއި އެއްގޮތަށް އެންމެ މަތީ ފަންތީގައި ބަލަހައްޓަމުން އައި ތަންތަނަށް ވީ ނަމަވެސް ސިނގެރެޓް ކޮންޓެއިނަރތައް ގެއްލުނު ހާދިސާ އާއި އެކު އެ ތަންތަނުގެ ރައްކާތެރިކަމާއި މެދު ސުވާލު އުފެއްދުމަށް ފުރުސަތު ލިބުނު ކަމަށް ވެސް ޕާޕާ ވަނީ ވިދާޅުވެފައެވެ.
އެމްޕީއެލް ނުވަތަ އެހެނިހެން ޕޯޓްތަކަކީ ދުނިޔޭގެ ފެންވަރަށް ފެތޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ތަނަކަށް ވުމާއި އެކު އެތަނުން ބްރީޗެއް ވުމަކީ އާދައިގެ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ޕާޕާ ވަނީ ވިދާޅުވެފައެވެ.
"ހަރުދަނާ އުސޫލުތަކެއް ހުރިގޮތަށް ހުއްޓާ މިއީ ވަރަށް ބޮޑަށް ރޭވިގެން އެންމެ މައްޗާއި ގުޅިގެން ހިނގާ ކަމެއްގެ ގޮތުގައި ފެންނަނީ މިއާއި ގުޅިގެން ހިނގާ ކަމަށް ބަލާއިރު. އެހެންވީމަ ހަގީގަތުގައި ސެކިއުރިޓީ އަށް ބަލާ އިރު ނުރައްކާ އެބަ އޮތް. ވަންނަނީ ކޯޗެއް ކަމެއް ނޭނގެންޏާ އެއީ ނުރައްކަލެއް." ޕާޕާ ވިދާޅުވިއެވެ.
ޝިޕިން ލައިންތަކުގެ ސެކިއުރިޓީ އާއި މެދު ވެސް މިކަމުގެ ސަބަބުން ސުވާލު އުފެދޭ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި މިއީ ދިވެހި ވިޔަފާރި އަށް ވެސް އޮތް ނުރައްކަލެއް ކަމަށް ޕާޕާ ވަނީ ފާހަގަކުރައްވާފައެވެ. ޕާޕާ ވަނީ މިއީ މުޅި ދައުލަތުގެ ނިޒާމް ފެއިލްވުން ކަމަށް ސިފަކުރައްވާފައެވެ. ވާނުވާ ނޭނގޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ގެއްލި މިފަދަ މައްސަލަ އެއް ފެންމަތިވި މިއީ ފުރަތަމަ ފަހަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓައިފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ގެއްލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ އެއް ވެސް ވަނީ ހުށަހަޅާފައެވެ. ބުދަ ދުވަހު ކުރިއަށް ގެންދިޔަ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރު އިބްރާހީމް ނާޒިލް އެވެ. އެހެންނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މި މައްސަލަ ބޭރުކޮށްލާފައެވެ. މިމައްސަލަ ބޭރުކޮށްލުމަށް 34 މެންބަރުން ވޯޓު ދިން އިރު، ބަހުސް ކުރުމަށް ފެންނަ ވޯޓު ދެއްވީ 8 މެންބަރުންނެވެ.
ވަގަށް ނެގި 13 މިލިއަން ސިނގިރެޓް މައްސަލައިގައި ހިމެނޭ ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި އަހުމަދު އާރިފް (އާއްޓޭ) ސިނގިރެޓް ވަގަށް ނެގުމުގައި އެކަން ރޭވުމާއި ފަންޑުކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
13 މިލިއަން ސިނގިރޭޓް ވަގަށް ނެގުމުގެ ހާދިސާ ހިނގާފައިވަނީ 26 އޭޕްރިލް 2025 ގައެވެ. މި މައްސަލަ ރަސްމީކޮށް ރިޕޯޓު ކޮށްފައި ވަނީ 9 އޮކްޓޯބަރު 2025 ގައި ކަމަށް ވާއިރު މި މައްސަލައާއި ގުޅިގެން 12 މީހެއްގެ މައްޗަށް ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެ، މި އޮޕަރޭޝަނާ ގުޅުން ހުރި އެކި އުޅަނދުފަހަރާއި ތަންތަން ވަނީ ބަލާ ފާސްކޮށްފައެވެ.