ގާނޫނުގައި ހިމަނައިގެން ވިޔަސް ފުލެޓް ކުއްޔަށް ދޭނަމަ އަތުލާނެކަމުގެ އިންޒާރު ސަރުކާރުން ދީފިއެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ބައެއް ފަރާތްތަކުން ސުވާލު ކުރަމުން ދަނީ، ހިލޭ ބިންތަކެއް ދީފައި އޮއްވާ ކުލި ދައްކާނީ ކިހިނެއްތޯ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރަކުން ކޮށްފައި އޮތް ކަމަކަށް ބިނާކޮށް އަމަލުކުރާ ގޮތެއްގެ ސަބަބުން އެހެން ރައްޔިތެއްގެ ހައްގުތަކަށް އެރިގެން ނުވާނެ ކަމަށެވެ. ފުލެޓް އަޅަން އަބަދުވެސް ލޯނު ނަގަންޖެހޭ ކަމަށާއި، އެއީ ހިލޭ އެހީގައި ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ލޯނު ނަގާއިރު އެ ލޯނު ލިބެނީ އެތަންތަނުން ކުލި ލިބޭނެކަމަށް ބަލާފައި ކަމަށާއި، އެތަންތަނުން ކުލި ނިލިބުމުގެ ނަތީޖާއަކަށް ވަނީ ސަރުކާރަށް ލޯނު ލިބުމުގެ މަގު އެއްކޮށް ބަންދުވެގެން ދިއުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން އެތައް ރައްޔިތެއްގެ ހައްގު އުނިވެގެން ދާ ކަމަށާއި، އެތައް ރައްޔިތެއްގެ ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އެޅިގެންދާ ކަމަށެވެ.
ކުލި ނުދެއްކުމަކީ ހަމައެކަނި ސަރުކާރުން ހިންގާފައި އޮތް މަޝްރޫއަކާ ގުޅިގެން ނޫނީ ސަރުކާރުން ހިންގާފައި އޮތް ޕޮލިސީއަކާ ގުޅިގެން ސަރުކާރަށް އޭގެ ނަފްރަތު ބޭލުމަށްޓަކައި ކޮށްގެން ފަރުޖެއްސޭނެ ކަމެއް ނޫން. މިދެންނެވި އެތައް ރައްޔިތެއްގެ ހައްގު އޭގައި ހިމެނިފައި އޮތް ކަމެއް މިއީ. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން ގަވާއިދުން ކުލި ދެއްކެވުމަށް. ދެއްކުމުގެ ނަތީޖާއަކަށްވާނީ ސަރުކާރަށް ދެން ތިބި ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަސޭހަވެގެންދާނެ.
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު![]()
މިނިސްޓަރ ވިދާޅުވީ ފުލެޓް އަޅަނީ ލޯނު ނަގައިގެން ކަމަށާއި، ކުލި ހަމަޖައްސަނީ ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ކަމަށެވެ. އެހެންކަމުން މުޒާހަރާކޮށްގެން ސިޔާސީ ގޮތުން ޕްރެޝަރުކޮށްގެން ބޯހިޔާވަހިކަމެއްނެތޭ ބުނެ ހާލުގައި އުޅެގެން ހޯދާ ފުލެޓް އެންމެ ފަހުން ކުއްޔަށްދޭ ކަމަށެވެ. އަދި އިންސާފުގެ ނަޒަރުން ބަލާއިރު މިއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުން އެއްގޮތަކަށް ވެސް އެކަން ކުރަން ގަބޫލެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެޗްޑީސީއާއި އެފްޑީސީއާއި ގުޅިގެން ކަމާއިބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކުގައި ބަލާނެ ކޮން ބައެއްތޯ ކުއްޔަށް ދިނީ. ހިޔާ ފުލެޓުގައި ލޭބަރ ކުއާޓާސް ހަދާފައި ހުރިކަމުގެ މައުލޫމާތު ލިބޭ. މިއީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދޭން ހުރި ތަންތަނޭ. ވިހާސް ރުފިޔާ ފަންސަވީސް ހާސް ރުފިޔާއަށް ކުއްޔަށް ދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫނޭ މިއީ. މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގާކަމެއް. މި ސަރުކާރުން އެކަން ގާނޫނެއްގެ ތެރެއަށް ލައިގެން ނަމަވެސް ހައްލުުކުރުމުގެ މަސައްކަތް ކުރާނަން.
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު![]()
މިނިސްޓަރު މުއްތަލިބު ވިދާޅުވީ 15 ނޮވެމްބަރު 2023 ގައި ފުލެޓް ލިބޭނެކަމަށް އިއުލާންކުރި ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އަސާސީ ޝަރުތުތައް ހަމަނުވާ ކަމަށް ސަރުކާރަށް ޔަގީންވާ ފަރާތްތައް އުނިކޮށްފައިވާނެ ކަމަށާއި، އެއްވެސް ހާލެއްގައި ސަރުކާރުން ފައިސާ ނަގައިގެން، ސްކޭމްތަކެއް ބަޔަކު ހިންގައިގެން ލިސްޓަށް އެރިދާނެ ކަމަށް، އެއްވެސް ފަރާތަކުން ސްކޭމް ހިންގާ ފަރާތްތަކާއެކު މުއާލަމާތް ނުހިންމުަށް ވަނީ އެދިފައެވެ.
އަދި ލިސްޓުގައި ނުހިމެނޭ ފަރާތެއް ކިތައްމެ ބައިވަރު ފައިސާ ދިނަސް ލިސްޓަށް އެރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ވިދާޅުވިއެވެ.