Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 12:36


ކުރީގެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 12.10.2025
ކުރީގެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 12.10.2025
ރާއްޖެ އެމްވީ
ބޯހިޔާވަހިކަން
ހުޅުމާލެ އިން ދިން ގޯތިތައް ޖަންގްޝަންތައް މަތިން ދީފައި އޮތް ކަމަށް ބުނަނީ ކަނޑައެޅިގެން ދޮގެއް: އަސްލަމް
ހުޅުމާލޭގެ ގޯތި ދިނުމުގެ ޕްލޭން އެކުލަވާލީ އެޗްޑީސީގެ ފަންނީ މީހުން އަދި އެމަސައްކަތުގައި ސިޔާސީ މުވައްޒަފުން ނުހިމެނޭ

ހުޅުމާލެ އިން ދިން ގޯތިތައް ޖަންގްޝަންތައް މަތިން ދީފައި އޮތް ކަމަށް މިސަރުކާރުން ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ކުރީގެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.

އެއްވެސް ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުގައި ސިޔާސީ މީހުން ހަރަކާތްތެރިވެފައި ނުވާނެ ކަމަށާއި އެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކޮށްފައިވާނީ ސިވިލް ސަރވިސް މުވައްޒަފުން މެދުވެރިކޮށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހުޅުމާލޭގެ ގޯތި ދިނުމުގެ ޕްލޭން އެކުލަވާލީ އެޗްޑީސީގެ ފަންނީ މީހުން ކަމަށާއި އެ މަސައްކަތުގައި އުޅުނީ ސިޔާސީ މުވައްޒަފުން ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. މި ސަރުކާރާއި އެހެނިހެން ސަރުކާރުތަކާއި އެންމެ ބޮޑު ތަފާތަކީ މި ސަރުކާރުން ފަންނީ މަސައްކަތްތަކުގައި ސިޔާސީ މުވައްޒަފުން ބައިވެރި ކުރުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަމުގެ ބޭނުމަކީ ދައުރު ބަދަލުވާ އިރު އެ މަސައްކަތް ކުރާ މީހުން ބަދަލު ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުން އެކަން ކުރަނީ އެހެން ނޫން ކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

"ސިޔާސަތުތައް ކަނޑައެޅުމުގައި ސިޔާސީ މުވައްޒަފުން ހަރަކާތްތެރިވާނީ. ގޯތީގެ މަސައްކަތް ކުރީ ފަންނީ މީހުން. އެހެންވީމަ ޖަންޝަންތައް މަތިން ގޯތި ދީފައި އޮތްކަމަށް ބުނަނީ ސީދާ ކަނޑައެޅިގެން ދޮގެއް." އަސްލަމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންނަށް ގޯތި ލިބޭ ތަންތަނުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ވަނީ ކޮށްފައެވެ. 2023 ވަނަ އަހަރު ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ގޯތި ކެނޑުމުގެ މަސައްކަތް ވެސް އޭރުގެ ސަރުކާރުން ވަނީ ކޮށްފައެވެ. މީގެ އިތުރުން ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ ފޭސް 2 އިން ލިބިފައިވާ ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިންމާފައިވާ ކަމަށް މި ސަރުކާރުން ވަނީ އޮކްޓޯބަރ 2024ގައި ހާމަކޮށްފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ހުންނެވި އިރު ފެއްޓެވި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢު ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ފޭސް 2އިން ދޫކޮށްފައި ވަނީ ޖުމްލަ 1408 ގޯއްޗެވެ. އެ ގޯތިތަކުގެ ތެރެއިން ގިނަ އަދެއްގެ ގޯތީގައި ކަންމުޑި ޖެހުމުގެ މަސައްކަތް ވެސް އެ ވެރިކަމުގެ ފަހުކޮޅު ވަނީ ކޮށްފައެވެ.

ކުރީގެ ރައީސް ޞާލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ފޭސް 3 އިން 699 ގޯތި ދިނުމަށް ނިންމާފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން މާލޭގެ ރަށްވެހިންނަ 9،000 އަށް ވުރެ ގިނަ ގޯތި ދޭން ނިމިދިޔަ ސަރުކާރުން ވަނީ ނިންމައިފައެވެ. މި ސަރުކާރު އައިފަހުން ވަނީ ހުޅުމާލެ 3 އާއި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނާތީ އެކަމާއި މެދު އާއްމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

- ކޮމެންޓް