Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2025 | ހުކުރު 15:07
ނޮބެލް ސުލްހައިގެ އިނާމު 2025 ހާސިލް ކުރި މަރީއާ ކޮރީނާ
ނޮބެލް ސުލްހައިގެ އިނާމު 2025 ހާސިލް ކުރި މަރީއާ ކޮރީނާ
ރޮއިޓަރސް
ނޮބެލް އިނާމު
ޓްރަމްޕް ފަހައްތައް ޖައްސާލުމަށް ފަހު މި އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ އަށް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލައަށް ނޮބެލް އިނާމު ހައްގުވާ ފަރާތަކީ އޭނާ ކަމަށް އެތައް ފަހަރަކު ވަކާލާތު ކުރި ނަމަވެސް، 2025 ވަނަ އަހަރުގެ ނޯބެލް ސުލްޙައިގެ އިނާމު ވެނެޒުއޭލާގެ އިދިކޮޅު ސިޔާސީ ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ އަށް ލިބިއްޖެއެވެ. މި އިނާމާއެކު 1.2 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމަކާއި ރަން މެޑެއްޔެއް ޑިސެމްބަރު 10 ވަނަ ދުވަހު ދެވޭނެއެވެ.

2025 ވަނަ އަހަރުގެ ޝަރަފުވެރި ނޮބެލް ސުލްޙައިގެ އިނާމު އޮސްލޯގައި ހުންނަ ނޯވީޖިއަން ނޯބެލް އިންސްޓިޓިއުޓް އިން ވެނެޒުއޭލާގެ އިދިކޮޅު ސިޔާސީ ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ އަށް ދިނުމަށް ނިންމައިފިއެވެ.

މި އިނާމަށް ޖުމްލަ 338 ނަން ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި 244 ފަރުދުންނާއި 94 ޖަމްޢިއްޔާ ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެސް މި އިނާމަށް ހުށަހެޅުނު އެއް ފަރާތެވެ. އަދި އޭނާ ވަނީ ތަކުރާރުކޮށް މި އިނާމު ލިބެންޖެހޭނީ އޭނާއަށް ކަމަށް ވިދާޅުވެފައެވެ. އަދި ގިނަ ހަނގުރާމަތަކެއް ހުއްޓުވާލުމުގެ ކްރެޑިޓް އޭނާއަށް ލިބެންޖެހޭ ކަމަށްވެސް ގެންދެވީ ވިދާޅުވަމުންނެވެ. އޭގެ އިތުރުން ބައެއް ގައުމުތަކުގެ ވެރިން ވެސް އިނާމު ހައްގުވާ ފަރާތަކީ ޓްރަމްޕް ކަމަށް ގެންދެވީ ވިދާޅުވަމުންނެވެ.

ނަމަވެސް، ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ގެންދިޔައީ 124 އަހަރު ވެފައިވާ މި އިނާމު އޭނާއަށް ލިބުމުގެ ފުރުޞަތު ވަރަށް ކުޑަކަމުގައެވެ.

ނޯވޭޖިއަން ނޮބެލް ކޮމިޓީން މިއަހަރުގެ ސުލްހައިގެ އިނާމަށް ހޮވުނު ފަރާތް އިޢުލާނުކުރުމުގައި ބުނެފައިވަނީ، އެ ކޮމިޓީން އަބަދުވެސް "ޖަލުތަކުގައި، މަގުމަތީގައި އަދި އާންމު މައިދާންތަކުގައި ވިޔަސް މިނިވަންކަމުގެ އުންމީދު އައު ކުރަމުން ގެންދާ، އަދި އެމީހުންގެ ސުލްޙަވެރި ދެކޮޅުހެދުމުގެ ހަރަކާތުގެ ތެރެއިން ދުނިޔެ ބަދަލު ކުރެވިދާނެކަން ދައްކުވައިދީފައިވާ، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ ތިބި ހިތްވަރުގަދަ އަންހެނުންނާއި ފިރިހެނުންނަށް" އިޙްތިރާމް ކޮށްފައިވާ ކަމަށެވެ.

"ފާއިތުވި އަހަރު، މަޗާޑޯ ގެ ފުރާނަ އަށް ނުރައްކާވާފަދަ ބޮޑެތި ބިރުދެއްކުންތަކާ ކުރިމަތިލާން ޖެހުމާއެކު، އޭނާ ވަނީ ފޮރުވިގެން އުޅެންޖެހިފައެވެ،" ކޮމިޓީން އިތުރަށް ބުނެފައިވެއެވެ. އެހެން ނަމަވެސް "އޭނާ ވަނީ ޤައުމުގައި ދެމިހުރުމަށް ނިންމާފައެވެ. މިއީ މިލިއަނުން ގުނާލެވޭ މީހުންނަށް ހިތްވަރު ލިބިގެންދިޔަ ނިންމުމެކެވެ."

"މިނިވަންކަމާއި ޑިމޮކްރަސީ ހިތްވަރުގަދަ ކަމާއެކު ދިފާޢުކުރާ ފަރާތްތައް" ފާހަގަކުރުމަކީ "ވަރަށް މުހިންމު" ކަމެއް ކަމަށް ކޮމިޓީން ބުނެފައިވެއެވެ.

"މާރިއާ ކޮރީނާ މަޗާޑޯ ވަނީ ސުލްޙައިގެ އިނާމަށް ހޮވުމަށް އަލްފްރެޑް ނޮބެލްގެ ވަޞިއްޔަތުގައި ބަޔާންކޮށްފައިވާ ތިން ޝަރުޠު ފުރިހަމަކޮށްފައެވެ،" ކޮމިޓީން ބަޔާން ކޮށްފައިވެއެވެ.

އަދި އިތުރަށް ބުނެފައި ވަނީ: "އޭނާ ވަނީ އޭނާގެ ޤައުމުގެ އިދިކޮޅު ފަރާތްތައް އެއްބައިވަންތަ ކުރުވާފައެވެ. ވެނެޒުއޭލާ އަސްކަރީ ބާރުގެ ދަށަށް ގެންދިއުމަށް ދެކޮޅުހެދުމުގައި އޭނާ ދެމިހުއްޓެވެ. ސުލްޙަވެރިކަމާއެކު ޑިމޮކްރަސީ އަކަށް ބަދަލުވުމަށް އޭނާ ގެންދިޔައީ ވަރުގަދަ އެހީތެރިކަމެއް ދެމުންނެވެ."

ނޮބެލް އިނާމާ އެކު ދެވޭ ފައިސާގެ އިނާމުގެ މިންވަރަކީ 11 މިލިއަން ސްވީޑިޝް ކްރޯނާ (ގާތްގަނޑަކަށް 1.2 މިލިއަން އެމެރިކާ ޑޮލަރު) އެވެ. އަދި އިނާމު ލިބޭ ފަރާތްތަކަށް ޑިޕްލޮމާއަކާއި ރަން މެޑެއްޔެއް ޑިސެމްބަރު 10 ގައި ދެވޭނެއެވެ. އެއީ ސްވީޑިޝް އިންޑަސްޓްރިއަލިސްޓް އަލްފްރެޑް ނޯބެލްގެ ދުނިޔެ ދޫކުރި ދުވަހުގެ އަހަރީ ދުވަހެވެ.

ފާއިތުވި އަހަރު ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވަނީ ޖަޕާނުގެ އެންޓި-ނިއުކްލިއަރ ގްރޫޕް ކަމަށްވާ ނިހޯން ހިޑަންކިޔޯ އަށެވެ. އެއީ ހިރޯޝިމާ އަދި ނާގަސާކީ އަށް އެޅި އެޓޮމިކް ބޮމުން ސަލާމަތްވި މީހުންގެ ގްރާސްރޫޓްސް ހަރަކާތެކެވެ.

- ކޮމެންޓް