ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ މިދަނޑިވަޅުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ޓެލެތޯންއެއް ބާއްވަން ނިންމައިފި އެވެ.
މިކަމުގެ މަޤްޞަދަކީ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގަމުން ގެންދާ ލާ އިންސާނީ އަނިޔާވެރި އަމަލު ތަކާއި ދެކޮޅު ހެދުމާއި، މިކަމުގެ ސަބަބުން ހާލުގައި ޖެހެމުންދާ އެތައް ލައްކަ މުސްލިމުންނަށް އެހީވުން ކަމަށް ރާއްޖެޓީވީގެ މެނޭޖްމަންޓުން ބުންޏެވެ.
"އެތައް މުސްލިމުންނެއް އެތަނީ ކަތިލަމުން، އަންދަމުން، ހާލުގައި ޖެހި، ބަނޑުހައި ހޫނުކަމުގައި އެތައް މުސްލިމުންނެއް އެތިބީ. މިއީ އަޅުގަނޑުމެންނަށް ކެތްވާވަރުގެ ކަމެއް ނޫން،" ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސއިން ފިޔާޒު މޫސާ ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑުމެން ރާއްޖެ ޓީވީއަކީ ރާއްޖޭގެ އެންމެ ބޮޑު އޯޑިއެންސް އޮތް ޓީވީއަށް ވުމާއެކު، އަޅުގަނޑުމެން ދެނީ އަޅުގަނޑުމެން ޒިންމާއެއް ކަމަށް މިފަދަ ހާލަތްތަކުގައި އެހީވެދިނުން. އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ފުރުސަތު ހުޅުވާލުން."
މި ޓެލެތޯން ކުރިއަށްދާނީ ސެޕްޓެމްބަރ މަހުގެ 8 ވާ ހުކުރު ދުވަހުގެ 2:30 ފެށިގެން 24 ގަޑިއިރަށް މެދު ކެނޑުމެއް ނެތިއެވެ.
މިޓެލެތޯންއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޓެލެތޯންގެ ތެރެއިން އެފުރުޞަތު ހުޅުވާލާނެއެވެ.
އަދި ކުންފުނިތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން މި ޓެލެތޯންގައި ބައިވެރިވެ ޕާޓްނަރުންނަށް ވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.