ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 12:46
ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން
ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޕާކް އަދި ފްލެޓް
ފުރާޅެއް ނުލިބި ޕާކަކުން ލިބޭނެ އުފުލެއް ނެތް
ހިތްހަމަ ޖެހުން ހޯދަން ހަދާ ޕާކްތަކުގައި މީހުން ތިބެނީ ވިސްނާ ފިކުރު ކުރަން
ޕާކްތައް ހަދާއިރު އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ލިބެން އެބަޖެހޭ
ޕާކް ހެދުމުގެ ބަދަލުގައި ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް އެހީވުން މާ ރަނގަޅުވާނެ

ރާއްޖޭގެ ވެރިކަމުގެ ތަޙުތަށް ވަޑައިގަންނަވާ ބޭފުޅުން އެ ބޭފުޅުންގެ ވެރިކަމުގެ ދައުރުގައި ރައްޔިތުންނާއި ރަށްރަށުގެ ތަރައްގީއަށްޓަކައި އެކިއެކި ކަންކަން ކޮށްދޭނެ ކަމަށް ވިދާޅުވެ ވަޢުދުވުމަކީ އާ ކަމެއް ނޫނެވެ. ގިނަ ފަހަރަށް އެ ބޭފުޅުންގެ ވަޢުދުތައް ބިނާފައި ހުންނަނީ ރައްޔިތުންނާއި ރަށްރަށަށް ބޭނުންވާ އެންމެ ޒަރޫރީ ކަންތައްތަކުގެ މައްޗަށެވެ. 

އެގޮތުން އެންމެ ގިނައި ވަޢުދު ވަނީ ރަށްރަށުގެ ބަނދުތައް ހެދުމަށާއި އެކަށީގެންވާ ފެނާއި ނަރުދަމާ ގާއިމް ކޮށްދިނުމަށާއި އެކަށީގެންވާ ފެންވަރެއްގައި އަދި އަތް ފޯރާ ފަށުގައި ބޯހިޔާވެހިކަން ގާއިމް ކޮށްދިނުމަށެވެ. ނަމަވެސް އެއިން އެއްވެސް ވަޢުދެއް ރައްޔިތުން އުންމީދު ކުރާ ވަރަށް ފުއްދިފައި ނުވާކަން ނުވަތަ ފުއްދެމުން ނުދާ ކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުވީ ދިގު ވެރިކަމުގައި މި ދެންނެވި ކަންތައްތައް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވަޢުދުވީ އަދަދެއް ވެސް ދަންނަވާކަށް ނޭނގެއެވެ. އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ބަނދަރުތައް ގާއިމް ކުރެވިފައެއް ނުވެއެވެ. ހަމައެހެންމެ ފެނާއި ނަރުދަމާ މަދު ރަށެއްގައި ގާއިމް ކުރެވިގެންދިޔަ ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް އެންމެ އެދެވޭ  ހަލެއް ލިބިފައި ނުވެއެވެ. 

ނަމަވެސް އަތްފޯރާފަށުގައި އެންމެ ފުރަތަމަ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވީ ރައީސް މައުމޫންކަން އެއީ ވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެގޮތުން މާލޭގެ ރައްޔިތުންގެ ތެރެއިން ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ހާއްސަކޮށްގެން މާލޭގައި ފުލެޓްތަކެއް ބިނާކުރެއްވިއެވެ އެގޮތުން ސިނަމާލެ އަދި މާލެ ހިޔާގެ ނަމުގައި ފްލެޓްތައް އެޅުއްވިއެވެ. އަދި ހަމައެހެންމެ ރައީސް މައުމޫންގެ ވެރިކަމުގައި ތަރައްގީ ކުރެއްވި ހުޅުމާލޭގައި ވެސް ގިނަ އަދަދެއްގެ ފްލެޓްތަކެއް އެމަނިކުފާން ބިނާކުރެއްވިއެވެ. އެ ފްލެޓްތައް ރައްޔިތުންނަށް ދިނީ ޑައުންޓްޕޭމެންޓެއް ދެއްކައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި އެ ފްލެޓްތައް ދީފައި ވަނީ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރޭގައި ގުރުނެގުމަށް ފަހު އެވެ. އަދި އެ ފްލެޓްތައް ދިނީ ދިގު މުައްދަތުގައި ފައިސާ ދައްކާ ހަލާސްކުރާ ގޮަތަށެވެ. 

ރައީސް މައުމޫންގެ ވަރިކަމުގައި އެޅުއްވި ފްލެޓްތައް ޑައުންޕޭމެންޓް ނުދައްކާ ދިނުމުގެ ނަތީޖާއަކަށްވީ އެ ފްލެޓްތައް މިލްކް ކުރުމަށް ފަސޭހަވެގެން ދިއުމެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުގައި ފްލެޓް ލިބުނު މީހުން ވަނީ އެ ފްލެޓްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާ ފްލެޓްތައް މިލްކްވެސް ކޮށްފައެވެ. އެކަން އެހެންވީ ރައީސް މައުމޫން ފްލެޓް ދިނުމުގައި ގެއްގުޅުއްވި ނިޒާމަކީ ސޯޝަލް ހައުސިން ސްކީމްގެ ނިޒާމަކަށްވުމެވެ. 

ކޮންމެ އަކަސް ރައީސް މައުމޫންގެ ވެރިކަން ނިމި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެށިގެން އައީ ވެސް ބޯހިޔާވަހި ކަމަުގެ ވަޢުދާއެކުގައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކާފަށް ފްލެޓް ދޮންބެގެ ލަގަބް ވެސް ވެސް ދެވެގިން ދިޔައެވެ. ސަބަބަކީ އެމަނިކުފާނުގެ ވެރިކަމުގައި މާލެއާއި ރާއްޖޭގެ އެކި ކަންކަޮޅުތަކުގައި ހައުސިން ޔުނިޓްތަކާއި ފްލެޓްތައް އެޅުމަށްޓަކައި ބިންގާއެޅުމެވެ. އަދި ފުލެޓާއި ހައުސިން ޔުނިޓްތައް އެޅުމަށްޓަކައި ފަޅު ބޮޑެތި ރަށްރަށް ހިއްކާ ފްލެޓާއި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވެއެވެ. 

ނަމަވެސް ރައީސް ނަޝީދުގެ ވަރިކަމަުގައި ގިނަ އަދަދެއްގެ ފްލެޓްތައް ބިނާ ކުމުގެ މަސައްކަތް ފެށުނު ނަމަވެސް އެމަނިކުފާންގެ ވެރިކަމުގައި އެފްލެޓްތަކަށް ރައްޔިތުންނަށް ވަދެވޭ ގޮތެއް ނުވިއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އަޅުއްވަން ފެއްޓެވި ފްލެޓްތަކަކީ ވަކި އަދަދަކަށް ފައިސާ ދެއްކުމުން ލިބޭގޮތަށް ގާއިމް ކުރެވުނު ފްލެޓްތަކެވެ. 

ނަތީޖާއެއްގެ ގޮތުން އެމަނިކުފާންގެ ވެރިކަން ނިމި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަުގައި އެ  އެ ފްލެޓްތަކަށް ވަނުުމުގެ ފުރުސަތު ރައްޔިތުންނަށް ލިބުނުއިރު ފްލެޓްތަކުގެ އަގުތައް ހުރީ އަތްފޯރާ ފަށުގައެއް ނޫނެވެ. ހަމަ އެހެންމެ ރައީސް ޔާމީންގެ ވެރިކަމުގައި ތަފާތުއެކި ފެންވަރުގެ ފްލެޓްތައް ބިނާކުރެވިގެން ދިޔައިއރު އާދައިގެ ރައްޔިތު މީހާ އަށް އެ ފްލެޓްތައް ހޯދަން ޖެހުނީ ބޮލުގައި އެތައް ދަރަންޏެއް އަޅައިގެންނެވެ. އެޮގޮތުން ފްލެޓެއް ލިބުނަސް އެ ފްލެޓަކަށް ވަދެވެނީ ޑައުންޕޭމެންޓުގެ ގޮތުގައި 500000 އަށް ވުރެ ގިނަ ރުފިޔާ ދައްކައިގެންނެވެ. އެ އަދަދަށް ފައިސާ ނުދެއްކޭ މީހަކު ޖެހެނީ ފްލެޓް ދޫކޮށްލާށެވެ. 

ރައްޔިތުންނަށް ބޯހިޔާވަހި ކަމެއް ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ސަރުކާރުން އަޅުއްވާފައިވާ ފްލެޓްތަކާއި އަދި އަޅުއްވަމުން ގެންދަވާ ފްލެޓްތަކީ އާދައިގެ ރައްޔިތުމީހާ އަށް  އަތްފޯރާފަށުގައި ލިބޭ ވަަރަށް ވުރެ މާ ބޮޑުއަގެއް ދައްކަން ޖެހޭ ފްލެޓްތަކެވެ.

އެހެން މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފްލެޓަށް ޑައުންޓް ޕޭމެންޓުގެ ގޮތުގައި 5000000 އަށް ވުރެ ގިނަ ފުރިޔާ ދައްކަން ޖެހޭ އިރު ވަޒީފާ އަދާކުރާ ގިނަ މީހުންނަށް އަހަރެއްގެ މައްޗަށް އެ އަދަދަށް ފައިސާ ނުލިބޭ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެޮގޮތުން އާންމުކޮށް ސިވިލްސާވިސްގައި މަސައްކަތް ކުރާ މީހުންނަށް ބެލި ނަމަވެސް މުސާރައިގެ ގޮތުގައި 12،000ރ ލިބޭ މީހުން ވެސް އިނގިލިން ގުނާލެވޭނެއެވެ. އެހެން ކަމަުން  ލިބޭ މުސާރައާއި އެއްވަރަކަށް ފްލެޓް ލިބޭނެ ނިޒާމެއް ގާއިމް ނުކޮށް ކިތަންމެ ފްލެޓެއް އެޅިޔަސް އެްންމެ ބޮޑަށް ބޯހިޔާވަހި ކަމަށް ބޭނުން ވެފައިވާ މީހުންނަށް އެ ފްލެޓްތަކަށް ވަނުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އެންމެ ބޮޑު މުސާރައެއް ލިބޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ފްލެޓެއް ރަނގަޅު ގޮތުގައި ހޯދުމަށް ޑައުންޕޭމެންޓުގެ ގޮތުގައި 5000000 ރ  ދެއްކުމަކީ ދަތިކަމެކެވެ. އެހެން ކަމަުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ފައިސާ ނުދެއްކޭއިރު އާދައިގެ ރައްޔިތު މީހާ އަށް އެ ފައިސާ ދެއްކޭނެ ކަމަށް ހަމަ ބުއްދި ހުރި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. 

ކޮންމެއަކަސް ރައީސް މައުމޫންގެ ވެރިކަމުގައި ޑައުންޕޭމެންޓް ނުއްދައްކާ ފްލެޓްތައް ދޫކުރިއިރު މިހާރު އެކަން ނުކުރެވެންވީ ސަބަބެއް ނެތެވެ. ރައީސް މައުމޫން ފްލެޓް އަޅުއްވާ ފްލެޓް ދޫކުރި ޒަމާނަކީ ސަރުކާރުގެ ބަޖެޓް ވެސް މިހާރާއަޅާ ބަލާއިރު ވަރަށް ކުޑަ ޒަމާނެކެވެ. އަދި އޭރު މިހާރު ނަގަމުން މިދާ ޓެކެސްތައް ނަގަމުން ނުދެއެވެ. އެހެން ކަމަުން ޑައުންޕޭމެންޓް ނުދައްކާ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހުިކަން ހޯދާ ދެވެން ޖެހޭނެއެވެ. 

ނަމަވެސް އެކަން ކުރުމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުން ދަނީ މުޅިން އެހެން މަސައްކަތެކެވެ. ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދިނުމުގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާކް ހަދަނީއެވެ. ޒުވާނުން ކުޅިވަރު ކުޅޭނެ އެކި ވައްތަރުގެ ކުޅިވަރު ދަނޑުތައް އަޅަނީއެވެ. ނމަވެސް ވަންނާނެ ތަނެއް ނެތި ބޯހިޔާ ކޮށްލާނެ ފުރާޅެއް ނެތި ޕާކަކުން ނުވަތަ ކުޅިވަރު ދަނޑަކުން ލިބޭނެ ހިތްހަމަ ޖެހުމެއް ނޮއޮންނާނެއެވެ. ސަބަބަކީ އުފާވެރިކަން ހޯދުމަށް ހަދާ ޕާކަށް ގޮސް ވިސްނަން ޖެހެނީ ގޭގެ ކުއްޔާއި ކަރަންޓް ބިލް ދައްކާނެ ގޮތަކާމެދުގައެވެ. އަނބިދަރިންގެ ކެއިން ބުއިމުގެ ކަންތައްތައް ހަމަޖައްސާނެ ގޮތަކާމެދުގައެވެ. އެހެން ކަމުން ހިތްހަމަ ޖައްސާލަން ދާން ހަދާ ޕާކްތައް ވެގެން ދަނީ ވިސްނާ ފިކުރު ކުރަންދާ ތަނަކަށެވެ. 

އެހެން ކަމުން އެތައް މިލިޔަން ރުފިޔާ އެއް ދިވެހި ބައިތުލް މާލުން ހަރަދު ކޮށްގެން ޕާކުތައް ހެދުމުގެ ބަދަލުގައި ގެދޮރު އިމަރާތް ނުކުރެވިތިބި ރައްޔިތުންނަށް އެކަން ކޮށްދިނުން މާ އައުލާކަން ބޮޑެވެ. ރަސްފަންނަކާ، ރަސްރަނި ބަގީޗާއަކާ މިނޫން ވެސް ޕާކްތަކާއި ބީޗްތައް  ހެދުމަށް ބިލިޔަނުން ފައިސާ ހަރަދު ނުކޮށް ފްލެޓްތައް ލިބި އެ ފްލެޓްތަކަށް ވަނުމަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ތިބި މީހުންނަށް އެ ފައިސާ ދައްކާ ދިނުން ވެސް މާ ރަނގަޅުވާނެއެވެ. ދަންނަވާލަން އޮތީ ޕާކްތަކާއި ބީޗްތައް ހަދައިގެން ރައްޔިތުންގެ ލޮލޮލުގައި އަނދުން އަލުވައިގެން ވެރިކަން ކުރާ ޒަމާން ފާއިތުވެ ހިނގައްޖެ ކަމަށެވެ. ބޯހިޔާވަހި ކަން ލިބޭނެ ފުރާޅެއް ނުދީ ރައްޔިތުންނަށް ކޮށްދެވޭނެ ހަމަ އެއް ވެސް ކަމެއް ނޮއޮންނާނެއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް