ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް، ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައިގައި ބާޔަންދިނުމަށް އާމިރު ފުލުހަށް ހާޒިރު ވެއްޖެއެވެ.
އާމިރުއަށް މަރުގެ އިންޒާރު ދީފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު "ރުކުޝާން ރައްޒާގް" ނަމުގައި ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އެވެ.
މި މަހުގެ 9 ވަނަ ދުވަހު، މީޑިއާ ކޮންޓްރޯލް ބިލް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށް، އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ނެރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަރަޙައްދުގައި ނޫސްވެރިން ކުރި އިޙްތިޖާޖުގެ ތެރޭގައި، އާމިރު ސަލީމް ވާހަކަދައްކަން ހުރި ފޮޓޯއެއް ޓެގްކޮށް "ރުކްޝާ ރައްޒާޤް" ނަމަކަށް ކިޔާ އެކައުންޓަކުން ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އާމިރުއަށް މަރުގެ އަދަބު ދޭން އެބަ ޖެހޭ ކަަމަށެވެ.
ރާއްޖެ ޓީވީގެ ފަރާތުން މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގައި އެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މީގެ ކުރިންވެސް ސިޔާސީ މަޤްޞަދުގައި ރާއްޖެޓީވީއަށް ބޮޑެތި ގެއްލުންތަކެއް ދީ، ސްޓޭޝަންގައި އަލިފާން ރޯކޮށްލައި، މުވައްޒަފުންނަށް ޙަމަލާދީ އަދި ގެއްލުންދޭނެ ކަމަށް އިންޒާރުދިނުމުގެ އެތައް ކަމެއް ކުރިމަތިވެފައި ވާތީ ކަމަށެވެ.
މީގެ އިތުރުން މިގޮތަށް ދެކެވޭ ވާހަކަތަކަކީ ވަރަށް ސީރިއަސް ވާހަކަތަކެއް ކަމަށް ރާއްޖެ ޓީވީއަށް ޤަބޫލުކުރެވޭކަމަށްވެސް މައްސަލަ ހުށަހަޅަމުން ބުނެފައިވެއެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދިނުމަށާއި، އާމިރު ސަލީމަށް މިފަދަ އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްދިނުމަށް ވެސް ރާއްޖެ ޓީވީން ފުލުހަށް ފޮނުވި ސިޓީގައި އެދިފައި ވެއެވެ.
އާމިރުއަށް މަރުގެ އިންޒާރުދިން ފަރާތުން، އިންޒާރުދިނުމުގެ މައްސަލަ ޕޮލިހަށް ހުށަހެޅި ފަހުންވެސް، އަދި ޕޮލިހަށް އާމިރުގެ ބަޔާންދިން ފަހުންވެސް ތަކުރާރުކޮށް އާމިރަށްމަރުގެ އިންޒާރު ދީފައިވެއެވެ. އެހެން މިކަމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އާމިރުގެ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެފައިވެއެވެ. ނިޝާން ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން މިގޮތަށް އިންޒާރުދޭ އެކައުންޓްތައް، މައްސަލަ ހުށަހެޅުމާއެކު ޑީއެކްޓިވޭޓް ކޮށްލައެވެ. ނަމަވެސް އާމިރަށް އިންޒާރުދިން ފަރާތުން ހާމަކަން ބޮޑުގޮތެއްގައި އެއްވެސްކަހަލަ ބިރެއްނެތި ތަކުރާރުކޮށް އިންޒާރުދެމުން ގެންދިޔުމަކީ އިތުރަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ނިޝާން ފާހަގަކުރެއްވިއެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލާދިމަށް ނިޝާން ފުލުހުންގެ ކިބައިން އެދިފައިވެއެވެ.
ފުލުހުންނަށް ބަޔާންދެއްވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އާމިރު ސަލީމު ވިދާޅުވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ކުރާ މަސައްކަތާ ގުޅުވައިގެން މިހެންދޭ އިންޒަކަށް ބިރު ނުގަންނަ ކަމުގައެވެ. ނަމަވެސް އޭނާއަށް ދެވޭ ކޮންމެ އިންޒާރަކީ މުޅި ރާއްޖޭޓީވީ އަށާއި އޭނާގެ ޒާތީދިރިއުޅުމަށްދެވޭ އިންޒާރެއްކަމަށް އާމިރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މީގެ ކުރިންވެސް މިފަދަ އިންޒާރުތައް ދިނުމަށްފަހު ރާއްޖޭޓީވީ އަށާއި ޓީވީގެ މުއައްޒަފުންނަށް އެތައް ގެއްލުންތަކެއް ދީފައިވާތީ ކަމުގެ ކަންބޮޑުވުން ފުލުހުންނާ ހިއްސާކޮށްފައިވާނޭ ކަމުގައެވެ.
މީގެ އަހަރުތަކެއްކުރިން 2013 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ، ޓެރަރިސްޓް ހަމަލާއެއްގައި ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެެވެ. މި އުުދުވާނީ ހަަމަލާގެ ސަބަބުން 11 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ގެއްލުމެއް ރާއްޖެޓީވީ އަށް ލިބިފައިވެއެވެ.
އަދި ރައްޖޭގެ ތާރީހުގައި އެކި ކަަހަލަ ލާއިންސާނީ އަނިޔާތަކުގެ ޝިކާރައަށް ނޫސްވެރިން ހުށަހެޅިފައިވާ ކޮންމެ ފަހަރަކުވެސް ފާހަގަވާ އެއްކަމަކީ ހަމަލާގެ ކުރިން، ހަމަލާދޭން އުޅޭކަަން ފުލުހުންގެ ސަމާލުކަމަށް ގެނެވި ފުލުހުންގެ ފަރާތުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމެވެ. މިފަދަ ހަމަލާތަކުގައި ބައެއް ނޫސްވެރިން ދުނިޔެ ދޫކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.