މީޑިއާ ކޮންޓްރޯލު ބިލާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ބައިވެރިވި ޓެކްސީ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ނިޔާޒުގެ އިނގިލި ފުލުހުން ބިންދާލައިފި އެވެ.
އެކަން އޭނާ ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފައެވެ.
މިކަން ހިނގި ގޮތް ކިޔައިދެމުން ނިޔާޒު ބުނުއްވީ، ރައްޔިތުންގެ މަޖިލީސް ކުރާ ގެ ކައިރީގައި ސުލްހަވެރިކަމާއެކު އިށީނދެގެން އިންދާ ކުއްލި އަކަށް ފަހަތުން ފުލުހުންތަކެއް އައިސް ގަދަ ބާރުން އޭނާ އެތަނުން ނަގައިގަނެގެން ގެންދަން އަތުގައި ހިފާ ވަރަށް ބާރަށް އިނގިލިތައް އަނބުރާލީ ކަމަށެވެ.
އޭނާ ބުނުއްވި ގޮތުގައި، އެ ވަގުތު އަތަށް ވަރަށް ތަދުވި ކަމަށާއި، ފުލުހުންގެ ކިބައިން ސަލާމަތްވުމާއެކު ކައިރި ފިހާރައަކަށް ގޮސް އައިސް ހޯދައިގެން އިނގިލިތަކުގައި އައިސް އެޅި ކަމަށެވެ.
"އަޅުގަނޑު ކައިރީ ނުބުނޭ، ތިތަނުން ތެދުވާށޭ، ނޫނީ އެވެނި ތާކަށް ދާށޭ،" ނިޔާޒު ބުނުއްވިއެވެ.
ހަމަ ކުއްލި އަކަށް ބަޔަކު އައިސް ގައިގައި ހިފައި ގަތީ ކަމަށް ނިޔާޒު ބުނުއްވިއެވެ.
އޭނާ އިތުރަށް ކިޔައިދެއްވި ގޮތުގައި ބުދަ ދުވަހު ހެނދުނު ހޭލި އިރު އަތުގެ ދުޅަ މަޑު ނުވުމުގެ އިތުުރުން، އިތުރަށް އިނގިލީގައި ރިހޭތީ ހުޅުމާލެ ހޮސްޕިޓަލަށް ގޮސް އެކްސްރޭ ނެގި އިރު ކަނާތުގެ ޝަހާދަތް އިނގިލި ވަނީ ބިންދައިގެން ގޮސްފައި ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.
ނިޔާޒު ބުނުއްވި ގޮތުގައި ފުލުހުން އޭނާ ގެންދިޔައިރު އަނިޔާ ކުރީ އެތަނުން އެއް ފުލުހަކު ކަމަށާއި ދެންތިބި ފުލުހުން އަނިޔާ ނުކުރުމަށް ބުނި ކަމުގައެވެ.
މީޑިއާ ކޮންޓްރޯލު ކުރުަމަށް ސަރުކާރުގެ ތާއީދާ އެކު ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރި މީހުންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށާއި މަޖިލިސް އިމާރާތުގެ ކައިރީގައި ސުލްހަވެރިކަމާއެކު އިށީނދެގެން ތިބި މީހުން ފުލުހުން ގަދަބާރުން އެތަނުން ދުރައް ޖެއްސުމުގެ ތެރޭގައި ގިނަ ބަޔަކަށް އަނިޔާވި ކަމަށް އިހުތިޖާޖުގެ ތެރޭގައި އަނިޔާވި މީހުން ފާހަގަ ކޮށްފައިވެއެވެ.
ނިޔާޒުގެ އަތުގައި ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޕްލާސްޓަރ އަޅާފައެވެ.
ނިޔާޒު ބުނުއްވީ މެޑިކަލް ރިޕޯޓު މިހާރު ލިބިފައި އޮތުމާއެކު އޭނާ އަށް އަނިޔާކުރި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.