މިސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުން ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ ޑިމޮކްރެޓިމް ޖުމްހޫރިއްޔަތެއް ތަންފީޒު ކުރެވޭނެ ބިލެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ.ސަވާދު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ބިލަށް އިސްލާހުތަކެއް ގެނެސްގެން ފާސްކުރި ނަމަވެސް ބޮޑެތި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ގެނެސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުން މިބިލު ފާސްކުރި ނަމަވެސް ބިލު ރަނގަޅު ނޫން ކަމަށާއި، ސަރުކާރުން ވެސް މަޖިލީހުން ވެސް ރައްޔިތުންގެ މަސްލަހަތާއި، ދާއިރާގެ ފަންނަށް ފަހިވާ ގޮތަށް އަމަލު ކުރުމަށް އިސްކަންދޭންޖެހޭ ކަމަށް ޑރ.ސަވާދު ވިދާޅުވި އެވެ.
ނޫސްވެރިންނަކީ ދައުލަތުގެ އަސްލު މިލްކުވެރިކަމުގައިވާ 4 ވަނަ ބާރާއެކު ރައްޔިތުންނާއެކު ތިބޭ ބައެއްކަން ފާހަގަކުރައްވައި ޑރ.ސަވާދު ވިދާޅުވީ ރާއްޖޭގައި އޮތީ ޑިމޮކްރެޓިކް ޖުމްހޫރިއްޔަތެއް ކަމަށާއި، މިފަދަ މުޖުތަމައުއަކަށް މި ބިލު ތަންފީޒު ނުކުރެވޭނެ ކަމަށެވެ.
އެކަމަކު ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފައި ހުރި ނުކުތާތަކަށް ހަމަ އެއޮތް ގޮތަށް އޮތީ. މިސާލަކަށް މީޑިއާ މާނަ ކުރުމުގައި އިންޓަރނެޓް ހިމެނުން. އިލެކްޓްރޯނިކް މީޑިއާގެ ތެރޭގައި އިންޓަރނެޓް ހިމެނުން. ކޮމިޝަން އެކުލަވާލުމުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އުނިކޮށްފި. ނަމަވެސް މަޖިލީހުގެ ދައުރު އެބައޮތް. ދެން މީގައި އިހްލާސްތެރިކަމާއެކު މީގައި ފިޔަވަޅެއް އަޅުއްވަންޏާ ވިސްނަވަންވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި މިއޮންނަ އުސޫލު. އެއީ ކޮބައިތޯ. އެއީ ތަހުޒީބީ ޑިމޮކްރަޓިކް މުޖުތަމައުގައި ކަންކުރާ ހަމަތައް. އެހަމަތަކުން ތޯ ބިލު އެކުލެވިފައިވަނީ. އެހެނެއް ނޫން އޮތީއެއް. ތަހުޒީބީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ކަންކުރަންޖެހޭނީ ނޫސްވެރިންގެ މިނިވަންކަމާ ގުޅޭގޮތުން ކަންކުރަންޖެހޭނީ ފުރަތަމަ އުސޫލަކީ ސެލްފް ރެގިއުލޭޝަނަށް އިސްކަން ދޭންޖެހޭ. އެކުލަވާލަންޖެހޭނީ ވެސް މަޝްވަރާގެތެރޭގައި. ދެން ސެލްފް ރެގިއުލޭޝަނަށް އިސްކަން ދޭންޖެހޭނީ. ސެލްފް ރެގިއުލޭޝަން ފަންގްޝަން ނުކުރަންޏާ ކޯ ރެގިއުލޭޝަނަށް އިސްކަންދޭށޭ. ކޯ ރެގިއުލޭޝަންއަކީ ނޫސްވެރިންގެ ދާއިރާ ތަންޒީމު ކުރާއިރު ދައުލަތުގެ ހިއްސާއެއް އޭގައި އޮވެގެން ބައިވެރިވުމެއް އޮވެގެން ނޫސްވެރިންނަށް ޖާގަ ދީގެން ނޫސްވެރިން އެކަން ކުރުން
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު![]()
ޑރ.ސަވާދު ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ފަރުވާ ކޮށްފައިވަނީ ޕަބްލިކް ސަރވިސް މީޑީއާގެ ފޯމެޓަށް ކަމަށެވެ. މި ބިލާއެކު ޕްރައިވެޓް ސެކްޓަރ މީޑިއާއިން އަމަލުކުރަން ޖެހެނީ ޕަބްލިކް ސެކްޓަރ މީޑީއާއިން އަމަލުކުރާ ގޮތަށް ކަމަށާއި، މިއީ ތަހުޒީބީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އަމަލު ކުރާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ މީޑިއާގައި އޮންނަ މިނިވަންކަމާއި، ވިޔަފާރީގެ އުސޫލުން ކަންކަން ކުރާ ގޮތާއި، ނޫސްވެރިންނަށް އޮތް ފަހި ފުރުސަތުތައް އޮންނަން ޖެހޭ ކަމަށެވެ.
ޑރ.ސަވާދު ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރުމުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އަދަބު ދިނުމުގެ ފަލްސަފާ ދޫކޮށްލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.