Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2025 | އަންގާރަ 15:25
އާމިރު ސަލީމް
އާމިރު ސަލީމް
ރާއްޖެއެމްވީ
ރާއްޖެ ޓީވީ
އިންޒާރުދީގެން ރާއްޖެޓީވީ ފަހަތަކަށް ނުޖެއްސޭނެ: އާމިރު
ރާއްޖެ ޓީވީން ނޫސްވެރިން ކުރާ މުޒާހަރާތައް ލައިވް ކުރާނެ ކަމަށް އާމިރު ވިދާޅުވި
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ މާޗު 12، ގައި "އެމްޑީޕީގެ ކުއްލި އެއްވުން" ނަމުގައި ދެއްކި ބްރޯޑްކާސްޓެއްގައި ދެއްކި ވާހަކައަކާ ގުޅިގެން
ބިލު ފާސްކޮށް ރައިސް މުޢިއްޒު ތަސްދީގު ކުރެއްވިޔަސް މާދަމާވެސް ޕްރޮގްރާމްތައް ގެނެސް ހަބަރުތައް ލިޔާނެ

އިންޒާރު ދީގެން ރާއްޖެ ޓީވީ ފަހަތައް ނުޖެއްސޭނެ ކަމަށް ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ވިދާޅުވެއްޖެ އެވެ.

"ފަހު ދުވަސް" ނަމުގައި މީޑިއާތައް ކޮންޓްރޯލް ކުުރާ ބިލު ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިން މަޖިލިސް އިދާރާ ކައިރީ ކުރިއަށް ގެންދާ މުޒާހަރާގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ، ރާއްޖެ ޓީވީ ފަހަތައް ނުޖެއްސޭނެ ކަމަށާއި ރާއްޖެ ޓީވީން ނޫސްވެރިން ކުރާ މުޒާހަރާތައް ލައިވް ވެސް ކުރާނެ ކަމަށެވެ. އަދި ނޫސްވެރިން މިނިވަންކަމާއެއްކޮށް ލިޔާނެ ކަމަށްވެސް އާމިރު ވިދާޅުވި އެވެ.

މިއަދު ހެނދުނުން ފެށިގެން އަޅުގަނޑުމެން މި ގެންދަނީ މި އެއްވުން ލައިވްކުރަމުން. ބޭނުން ވާހަކައެއް، ބޭނުން ގޮތަކަށް މިނިވަންކަމާއެކު ނޫސްވެރިން ދައްކަމުން އެގެންދާ ހުރިހާ އެއްޗެއް އަޅުގަނޑުމެން މި ދަނީ ދައްކަމުން. އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. ލައިވް ވެސް ކުރާނަން. އަޅުގަނޑުމެންގެ ނޫސްވެރިން ލިޔަން ވެސް ލިޔާނެ.

އާމިރު ސަލީމް

އާމިރު ވިދާޅުވީ ރޭގައި ކުރިއަށްދިޔަ ފޯރަމެއްގައި ސޯޝަލް މީޑިއާއަކަށް މި ބިލުގެ ސަބަބުން ހުރަހެއް ނެތްކަމަށް ބުނެ ވަރަށް ބޮޑަށް ވަކާލާތު ކުރަމުން ގެންދިޔަ ކަމަށާއި އެހެން ނަމަވެސް ސިނގިރޭޓު އަގުބޮޑުވެގެން ސޯޝާލްމީޑިއާގައި "ކައްޒާބު" ޖަހައިގެން އޭނާ ފުލުހަށް ގެންދިޔަ މަންޒަރު ދެކުނިން ކަމަށެވެ. އަދި އެމައްސަލަ ނުބަލައި ދޫކޮށްލީ ފުލުހުންނަށް "ކައްޒާބު" އެއީ ކާކުކަން ސާފު ނުކުރެވިގެން ކަމަށް އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ބިލު ފާސްކޮށް ރައިސް މުޢިއްޒު ތަސްދީގު ކުރެއްވިޔަސް މާދަމާވެސް ޕްރޮގްރާމްތައް ގެނެސް ހަބަރުތައް ލިޔާނެ ކަމަށެވެ. އަދި ސްޓޭޝަން އަންދާލައި ނޫސްވެރިންނަށް މަރުގެ ހަމަލާތައް ދިން ނަމަވެސް ނޫސްވެރިން ފަހަތައް ނުޖެއްސޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ މާޗު 12، ގައި "އެމްޑީޕީގެ ކުއްލި އެއްވުން" ނަމުގައި ދެއްކި ބްރޯޑްކާސްޓެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެކި ފަހަރު މަތިން ރާއްޖެ ޓީވީއަށް އިންޒާރު ދީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރި އެވެ. އަދި ރާއްޖެޓީވީގެ ސްޓޭޝަން ރޯކޮށްލައި ތަކެއްޗަށް ވެސް އެކި ފަހަރު މަތިން މީގެ ކުރިން ވަނީ ގެއްލުން ދީފަ އެވެ.

- ކޮމެންޓް