ޤައުމުގައި ވަރަށް ގިނަ ކަންކަން އެބަ ހިނގަ އެވެ. އެކަންކަމުގެ ވާހަކަ ވެސް ދައްކާލަން ވާނެ ކަމަށް ޤަބޫލު ކުރަމެވެ. ޤައުމުގެ ރައްޔިތުންނާއި، އާންމު އެންމެންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަންކަން އެބަ ހުއްޓެވެ. މި ޤައުމުގެ މުސްތަޤުބަލާ މެދު ވެސް ސުވާލު އުފެދޭ ހިސާބަކަށް މިއަދު ކަންކަން ގޮސްފައި އޮތަތީ އެވެ.
ބައިނަލްއަޤުވާމީ ޑިމޮކްރަސީގެ ދުވަސް ވެސް އަޅުގަނޑުމެން ފާހަގަ ކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ސަރުކާރުގެ އެންމެހާ އިސްވެރިން ވެސް އެ ދުވަހު ދެއްކެވީ ޑިމޮކްރަސީގެ މުހިންމު ވާހަކަ އެވެ. ޑިމޮކްރަސީ އިން ލިބިފައިވާ ހައްގުތަކާއި، ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ހުރި ކަންކަމުގެ ވާހަކަ އެވެ.
އެކަމަކު، ޤައުމުން މިއަދު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ޑިމޮކްރަސީ ހަލާކު ވެގެންދާ މަންޒަރެވެ. އެތައް ބައެއްގެ ޤަުރުބާނީ އާއި، މިންނެތް މަސައްކަތުން ހޯދި ޑިމޮކްރަސީ މިއަދު އެތައް ގުނައެއް ފަހަަތަށް ސޮއްސާލާފައިވާ ކަމުގެ އިޙުސާސް ނުކުރެވޭ، ހަމަ އެންމެ މީހަކު ވެސް މި ޤައުމުގައި ނެތެވެ.
ކުރުކޮށްލާނަމެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް މިނިވަން މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު، ނުވަތަ މިނިވަން މީޑިއާތައް ނައްތާލާ ބިލުގެ ވާހަކަ ދައްކާލަން މުހިންމެވެ. ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަމުން ދިޔައިރު، މުޅި ދައުލަތް ފޫގަޅާލާފައި އޮތީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށް އެންމެން ވެސް ޤަބޫލު ކޮށްގެން ތިބި، މިނިވަން މީޑިއާތައް ނައްތާލުމަށެވެ.
ސަރުކާރުގެ މެމްބަރުންނާއި، ރައީސް މުޢިއްޒު އަށް އަޅުދާސްތުވެފައި ތިއްބެވި މެމްބަރުން އަވަސް އަރުވާލައިގެން، ފަޓާސް ބަރިއެއްހެން އެ ބިލު ކޮމެޓީ އިން ފާސްކޮށްފި އެވެ. މުޅި މަޖިލީހުގެ ހޯލުގައި ތިބީ އެކަމާ ދެކޮޅަށް އަޑު އުފުލަން ތިބި ނޫސްވެރިންނެވެ. އެކަމަށް އެއްބަސްވާ، ނުވަތަ އެ ބިލަށް ތާއީދު ކުރާ އެންމެ ނޫސްވެރިޔަކު ވެސް އެތަނުގައި ނެތެވެ.
އެ ބިލު ފާސްކޮށްގެން ސަރުކާރަށް ކިޔަމުން އަންނަ ފާޑު ކިޔުންތައް ހުއްޓޭނެ ކަމަށް ޤަބޫލު ކުރުމަކީ އިންތިހާ މޮޔަ ކަމެކެވެ. އަޅުގަނޑުމެން ނޫސްވެރިން އަދި ރައްޔިތުންގެ ސިކުނޑިން ވިސްނައި ނަޒަރު ހިންގައިގެން، އަޅުގަނޑުމެންގެ އަތް ތަކުން ލިޔަމުން އަންނަ ލިޔުންތަކާއި، ދޫ ތަކުން ފާޅު ކުރަމުން އަންނަ ޝުއޫރު ހުއްޓުވާނެ ކަމަށް ޤަބޫލު ކުރި މީހަކަށް ވުރެ މޮޔަ މީހަކު، މި އުޑު ބަޅު ކުރެއްވި ހިސާބުގައި ނުހުންނާނެ އެވެ.
ވައްކަން ކުރީމާ އެ ވާހަކަ ދައްކާނެވެ. ލިޔަން ވެސް ލިޔާނެ އެވެ. ރައްޔިތުންނާ ހަމައަށް އެކަންކަން ތިލަވާނެ އެވެ. ބުނެ ވެސް ދޭނެ އެވެ. ސަބަބަކީ އެއީ ރައްޔިތުންގެ ފައިސާ އަށް ވާތީ އެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމަށް ވެފައި، މި ދައުލަތަކީ ދިވެހި ރައްޔިތުންގެ ހައްގަކަށް ވާތީ އެވެ. މިއީ ރައީސް މުޢިއްޒު އާއި، ޕީއެންސީގެ ތަރިކަ މުދަލެއް ނޫނެވެ.
އަނިޔާވެރި، ނުލަފާ އަދި ޖައްބާރު ވެރިން ފެނިއްޖެ އެވެ. ހުރިހާ އުސޫލު ތަކެއް މުގުރާލައި، ޑިމޮކްރަސީ ނެތި ކޮށްލަން މަސައްކަތް ކުރި ވެރިން ދުނިޔެ ދެކިއްޖެ އެވެ. ޑިކްޓޭޓަރުގެ ގޮތުގައި ނިމި ދިޔަ އެތައް ބައެއްގެ ވާހަކަ، މިއަދު ވެސް އެ ހުރީ ފެންނާށެވެ. އެހެން ވިޔަސް، މި އެންމެނަށް ވެސް ނުކުރެވުނު އެންމެ ކަމެއް އޮވެ އެވެ. އެއީ މިނިވަން ޚިޔާލާއި، މިނިވަން އަޑު ކަނޑުވާލުމެވެ. މިނިވަން ނޫސްވެރިކަން ނައްތާލުމާއި، އެމީހުންނަށް އަމާޒުވާ ފާޑު ކިޔުން ހުއްޓުވުމެވެ.
ރައީސް މުޢިއްޒު އެވެ. ތިޔަ ހުރީ ފަސް އަހަރު ދުވަހުގެ ވެރިކަމެއްގަ އެވެ. މާދަމާ ވެސް ރައްޔިތުން ނޫނެކޭ ބުނީމާ، ދާން ޖެހޭނީ ދިމްޔާތަށެވެ. ހުސް އަތާ އެވެ. އާރާއި، ބާރާއި، ޝާނާއި ސައުކަތެއް ނޯންނާނެ އެވެ. ވަޑައިގަންނަވަން ޖެހޭނީ އިސް ޖައްސަވައިގެންނެވެ. އެހެންވެ މުސްކުޅިން ބުނެ އުޅެ އެވެ. އަތް ވެއްޓޭނީ ކަކޫ މައްޗަށެވެ.