Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2025 | ހޯމަ 16:18
ރައްޔިތުންގެ މަޖިލީހުގެ ސަރަޙައްދުގައި ނޫސްވެރިން ކުރި އިޙްތިޖާޖުގެ ތެރޭގައި، ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވާހަކަދައްކަނީ: އާމިރުއަށް މަރުގެ އިންޒާރު ދިން މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ
ރައްޔިތުންގެ މަޖިލީހުގެ ސަރަޙައްދުގައި ނޫސްވެރިން ކުރި އިޙްތިޖާޖުގެ ތެރޭގައި، ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވާހަކަދައްކަނީ: އާމިރުއަށް މަރުގެ އިންޒާރު ދިން މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ
ރާއްޖެއެމްވީ
ރާއްޖެ ޓީވީ
އާމިރު އަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި
އާމިރު އަށް މަރުގެ އިންޒާރު ދީފައި ވަނީ "ރުކްޝާ ރައްޒާޤް" ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި
މީގެ ކުރިން ވެސް ރާއްޖެ ޓީވީ އަށާއި އެ ސްޓޭޝަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކި ކަހަލަ އިންޒާރުތައް ދީ ގޯނާކޮށްފައިވޭ

ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް ސޯޝަލް މީޑިއާގައި މީހަކު މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

އާމިރުއަށް މަރުގެ އިންޒާރު ދީފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު "ރުކުޝާން ރައްޒާގް" ނަމުގައި ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އެވެ.

މި މަހުގެ 9 ވަނަ ދުވަހު، މީޑިއާ ކޮންޓްރޯލް ބިލް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށް، އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ނެރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަރަޙައްދުގައި ނޫސްވެރިން ކުރި އިޙްތިޖާޖުގެ ތެރޭގައި، އާމިރު ސަލީމް ވާހަކަދައްކަން ހުރި ފޮޓޯއެއް ޓެގްކޮށް "ރުކްޝާ ރައްޒާޤް" ނަމަކަށް ކިޔާ އެކައުންޓަކުން ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އާމިރުއަށް މަރުގެ އަދަބު ދޭން އެބަ ޖެހޭ ކަަމަށެވެ.

ރާއްޖެ ޓީވީގެ ފަރާތުން މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގައި އެވެ.

2025 ސެޕްޓެންބަރު 9 ވަނަ ދުވަހު، "މީޑިއާ ކޮންޓްރޯލް ބިލް" ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށް، އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ނެރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަރަޙައްދުގައި ނޫސްވެރިން ކުރި އިޙްތިޖާޖުގެ ތެރޭގައި، ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވާހަކަދައްކަން ހުރި ފޮޓޯއަކާ އެކު، "ރުކްޝާ ރައްޒާޤް" ނަމަކަށް ކިޔާ އެކައުންޓަކުން ވަނީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައި ކަމަށާއި އެ ޕޯސްޓުގައި، "މީނާއަށް އެބަޖެހޭ މަރުގެ އަދަބު ދޭން" މިފަދައިން ލިޔެ، މަރުގެ އިންޒާރު ދީފައި.

މި މައްސަލަ ހުށަހެޅުމަށް ރާއްޖެ ޓީވީން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނަށް އެޑްރެސް ކޮށް ފޮނުވި ސިޓީ

އަދި ރާއްޖެ ޓީވީގެ ފަރާތުން މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މީގެ ކުރިންވެސް ސިޔާސީ މަޤްޞަދުގައި ރާއްޖެޓީވީއަށް ބޮޑެތި ގެއްލުންތަކެއް ދީ، ސްޓޭޝަންގައި އަލިފާން ރޯކޮށްލައި، މުވައްޒަފުންނަށް ޙަމަލާދީ އަދި ގެއްލުންދޭނެ ކަމަށް އިންޒާރުދިނުމުގެ އެތައް ކަމެއް ކުރިމަތިވެފައި ވާތީ ކަމަށެވެ.

މީގެ އިތުރުން މިގޮތަށް ދެކެވޭ ވާހަކަތަކަކީ ވަރަށް ސީރިއަސް ވާހަކަތަކެއް ކަމަށް ރާއްޖެ ޓީވީއަށް ޤަބޫލުކުރެވޭތީ އެ މައްސަލަ ހުށަހެޅީ ކަމަށެވެ.

އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދިނުމަށާއި، އާމިރު ސަލީމަށް މިފަދަ އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްދިނުމަށް ވެސް ރާއްޖެ ޓީވީން ފުލުހަށް ފޮނުވި ސިޓީގައި އެދިފައި ވެއެވެ.

ރާއްޖެ ޓީވީން ވަނީ އާމިރުއަށް މަރުގެ އިންޒާރު ދީ އެފްބީގައި ޕޯސްޓްކުރި އެކައުންޓާއި އެ ޕޯސްޓްގެ ސްކްރީންސޮޓް ކޮޕީއެއް ވެސް ސިޓީއާއެކު ފުލުހަށް ހުށަހަޅާފައި އެވެ.

އާމިރު ސަލީމަށް މަރުގެ އިންޒާރު ދީފައިވާއިރު، މީގެ ކުރިން ވެސް ރާއްޖެ ޓީވީ އަށާއި މި ސްޓޭޝަނުގައި މަސައްކަތް ކުރާ ފަރާތްކަށް އެކި ކަހަލަ އިންޒާރުތައް ދީ، އެކިކަހަލަ ގެއްލުންތައް ދީފައި ވެއެވެ.

އެގޮތުން ރާއްޖެ ޓީވީ ރޯކޮށް ލުމާއި ބައެއް މުވައްޒަފުންނަށް ހަމަލާދީ މާރާމާރީ ވެސް ހިންގާފައި ވެއެވެ.

ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއާއި، ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ދެވޭ އިންޒާރުތައް ފުލުހުން އަމިއްލަ އިސްނެގުމުގައި ބަލަމުން ދިއަ ނަމަވެސް، އާއްމު ފަރާތްތަކަށާއި މީޑިއާގެ ފަރަތްތަކަށް ދެވޭ މި ފަދަ ނުރައްކާތެރި އިންޒާރުތަކުގެ މައްސަލަ ފުލުހުންގެ އަމިއްލަ އިސްނެގުމަށް ބަލަމުން ނުދާކަން ފާހަގަ ކުރެވެއެވެ. އަދި އެކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ފާޅުކުރަމުން ދާއިރު، މިގޮތަށް އާއްމު ފަރާތްތަކުންނާއި މީޑިއާގެ ފަރާތްތަކުން ހުށަހަޅާ މި ފަދަ މައްސަލަތައް ފުލުހުން އެންމެ އެކަށީގެންވާ ގޮތުގައި ބަލަމުން ނުދާކަމުގެ ކަންބޮޑުވުން ވެސް އާއްމު ރައްޔިތުން ދަނީ ފާޅު ކުރަމުންނެވެ.

- ކޮމެންޓް