ކ. މާލެ
|
15 ސެޕްޓެންބަރ 2025 | ހޯމަ 09:15
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ޞަލާޙު އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ޞަލާޙު އުފާ ފާޅު ކުރަނީ
ރޮއިޓަރސް
އިނގިރޭސި ޕްރިމިއަރ ލީގު
ބާންލީ އަތުން ފަހު ވަގުތު ލިވަޕޫލް މޮޅު ކޮށްދިނީ ޞަލާޙު
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، މެޗުން ލިބުނީ މުހިންމު މޮޅެއް ކަމަށާއި، ބާންލީއާ ދެކޮޅަށް ކުޅުމުގައި ލިވަޕޫލް އަށް އުނދަގޫ ތަކެއް ހުރި ކަމަށެވެ. ޚާއްސަކޮށް ބާންލީ އިން ވަރަށް ބޮޑަށް ޑިފެންސް އަށް ފައިބައިގެން ކުޅުނުއިރު، ލިވަޕޫލް އިން އެކަމަށް ވަރަށް ސަމާލުކަން ދޭން ޖެހުނު ކަމަށް ސްލޮޓް ބުންޏެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ލިވަޕޫލް މޮޅުވެއްޖެ އެވެ.

ބާންލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ލިވަޕޫލް އިން ލަނޑު ޖެހީ ވެސް، މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ.

މެޗު ފަށައިގެން ކުރީ ކޮޅު ބާންލީގެ ޖައިޑޮން އެންތަނީ ފޮނުވާލި ބޯޅަ ދިޔައީ ލިވަޕޫލް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ.

ލިވަޕޫލް އަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ކުޅުންތެރިޔަކު ހުރަސް ކުރި ބޯޅަ، ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ ބޮލުން ފޮނުވާލި ނަމަވެސް، އެ ބޯޅަށް ދިޔައީ ގޯލު މަތިން ބޭރަށެވެ. އޭގެ ފަހުން ލިވަޕޫލްގެ ރަޔަން ގްރެވެންބާޗް ފޮނުވާލި ބާރު ހަމަލާ ވެސް ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

މެޗުގައި ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއި ފޮނުވާލި ހަމަލާ، ބާންލީގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. މެޗުގައި ލިވަޕޫލް އިން ލަނޑު ޖެހީ ވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.

އެއީ ބާންލީގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން، މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، މެޗުން ލިބުނީ މުހިންމު މޮޅެއް ކަމަށާއި، ބާންލީއާ ދެކޮޅަށް ކުޅުމުގައި ލިވަޕޫލް އަށް އުނދަގޫ ތަކެއް ހުރި ކަމަށެވެ. ޚާއްސަކޮށް ބާންލީ އިން ވަރަށް ބޮޑަށް ޑިފެންސް އަށް ފައިބައިގެން ކުޅުނުއިރު، ލިވަޕޫލް އިން އެކަމަށް ވަރަށް ސަމާލުކަން ދޭން ޖެހުނު ކަމަށް ސްލޮޓް ބުންޏެވެ.

އޭނާ ބުނީ ވަކި ހިސާބަކުން އުންމީދު ވެސް ކުރެވުނީ މެޗުގެ ނަތީޖާ ހަމަހަމަ ވާނެ ކަމަށެވެ. ނަމަވެސް، ފަހު ވަގުތު ލިބުނު ފުރުސަތެއްގައި ލިވަޕޫލް އިން ލަނޑު ޖަހައިގެން މޮޅުވީއިރު، ތިން ޕޮއިންޓު ލިބުމުން ހިތްހަމަ ޖެހިފައި ހުރި ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

މޮޅާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ.

- ކޮމެންޓް