މި ރާއްޖޭގައި ރިޝްވަތު ހިފާ މީހުންގެ މައްސަލަ ނުބަލަނީ ކީއްވެތޯ ވިދާޅުވެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ ސުވާލު އުފައްދަވައިފި އެވެ.
އިބްރާހިމް ދީދީ އާދިއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ މައްސަލަ ބެލި ފަދައިން ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ހުސެއިން މަނިކާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބުދުﷲ މައްސަލަވެސް ތަހުގީގުކޮށް ބަލަން ޖެހޭ ކަމަށެވެ.
raajjey ga rishwath hifaa meehun kuvveri nuvanee keeve baa? Nikan Qasim aai Faris fadha in nihan men adhurey men ge thahqeeq kolla bala!
— Ibrahim M Didi (@ibrahimmdidi) September 3, 2017
ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ޝަރީއަތްކޮށް އެކަން ސާބިތުވާ ކަމަށް ނިންމާ ޤާސިމް އިބްރާހިމްގެ މައްޗަށް ވަނީ 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ފާރިސް ވަނީ ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.
ޤާސިމް އާއި ފާރިސްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށްފައިވާއިރު ކުރީގެ ނައިބު ރައީސް އަދީބު މަގާމުގައި ހުންނެވިއިރު އެމަނިކުފާނު އަތުން މެމްބަރު ނިހާން ފައިސާ ބައްލަވައިގެންފައިވާ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް ނިހާން ވަނީ އެހުރިހާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަޙީމް އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަދީބާއި ދެކެވުނު ވާހަކަތަކެއްގެ އޯޑިއޯއެއްވެސް ދާދި ފަހުން ލީކުވެފައިވާއިރު އެ އޯޑިއޯގައި އިންތިޚާބެއް ކާމިޔާބު ކުރުމަށް ދެ އާއިލާއަކަށް "އެތިކޮޅުތަކެއް" ހޯދައިދިނުމަށް އަދުރޭ އަދީބު އަރިހުގައި އެދިލައްވާ އަޑުފެތުރިފައިވީ ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކަށް މިފަދަ ތުހުމަތުތަކެއްކޮށް ހުކުމް ކުރަމުންދާއިރު ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
މިކަމާއި ގުޅިގެން އިބްރާހިމް ދީދީގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުކޮށްފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ އަޑުއެހުންތައް ކުރިއަށް އެބަދެއެވެ.
އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް 2015 ވަނަ އަހަރު ކުރި ޓެރަރިޒަމުގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައި ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން 2015 ވަނަ އަހަރުގެ ޖޫން 25 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ދެން ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފައެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި ކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ފަސް ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ. އެގޮތުން އިބްރާހިމް ދީދީ އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ކާނަލް (ރޓޑ) މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ އުފުލި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ކުރި ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 13 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އަދި އޭރުގެ ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 10 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.