Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2025 | އާދީއްތަ 12:06
"ޚިޔާލާއި ފިކުރު ކަފުން" ފޯރަމްގައި ޤާނޫނީ ވަކީލު ޝުނާނާ ވާހަކަ ދައްކަވަނީ
"ޚިޔާލާއި ފިކުރު ކަފުން" ފޯރަމްގައި ޤާނޫނީ ވަކީލު ޝުނާނާ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލް ބިލު
ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމަކަށް އެޕްލައި ވާނެ: ޝުނާނާ
ބިލު ކިޔާލުމުން، އެ ބިލުގައި މީޑިއާ މާނަކޮށްފައިވާ ގޮތުން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމަކަށް އެޕްލައި ވާނެ ކަން އިނގޭނެ
ޝުނާނާ ވިދާޅުވީ ރަޖިސްޓްރީ ނުކޮށް އޮންނަ ބައި އެޕްލައި ވާނީ ސޯޝަލް މީޑިއާ އަށް ކަމަށް
އެ ބިލުގައި އެހެން ބުނެފައި އޮތް ހިނދެއްގައި، އަމިއްލަ ސޯޝަލް މީޑިއާ އަށް އެކަން އެޕްލައި ނުވާނެ ކަމަށް މާނަ ކުރެވޭނެ ޖާގައެއް ނެތް

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މިނިވަން މީޑިއާތައް ނައްތާލާ ބިލު ފާސްކޮށްފި ނަމަ، ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމަކަށް ވެސް އެ ޤާނޫނު އެޕްލައި ވާނެ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލުު މަރިޔަމް ޝުނާނާ ވިދާޅުވެއްޖެ އެވެ.

ޝުނާނާ މިހެން ވިދާޅުވެފައި ވަނީ، "ޚިޔާލާއި ފިކުރު ކަފުން"ގެ ނަމުގައި ނޫސްވެރިން އިސް ނަަގައިގެން ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޙަންނާން އަބޫބަކަރު ހުށަހަޅައި، އަދި މުޅި ސަރުކާރުން ވެސް އެ ބިލަކަށް ތާއީދު ކޮށްފައިވާ ބިލުގެ ސަބަބުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރުމުގައި ދަތިތަކާ ދިމާވާނެ އެވެ. ނަމަވެސް، ސަރުކާރުން ދަނީ އެކަން އޮޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ޝުނާނާ ވިދާޅުވީ އެ ބިލު ކިޔާލުމުން، އެ ބިލުގައި މީޑިއާ މާނަކޮށްފައިވާ ގޮތުން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމަކަށް އެޕްލައި ވާނެ ކަން އިނގޭނެ ކަމަށެވެ. އެގޮތުން ބިލުގައި މީޑިއާ ކަމަށް ބުނެފައި ވަނީ، ޓީވީ އަށާއި، ރޭޑިއޯ އާއި، އިންޓަނެޓާއި، ވެބްސައިޓުތަކާއި، ދުވަހު ނޫސްތަކަށާއި، ހަފުތާ ނޫސްތަކަށާއި، މަޖައްލާ ތަކަށާއި، ޓްރޭޑް ޕަބްލިކޭޝަން ތަކާއި އަދި އެ ނޫން ވެސް ނަންނަމުގައި ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން އަދި ރަޖިސްޓްރީ ނުކޮށް ހިންގާ ޕްލެޓްފޯމް ތަކަށް ކަމަށެވެ.

ޝުނާނާ ވިދާޅުވީ ރަޖިސްޓްރީ ނުކޮށް އޮންނަ ބައި އެޕްލައި ވާނީ ސޯޝަލް މީޑިއާ އަށް ކަމަށެވެ. އެގޮތުން މައުލޫމާތާއި، ޚަބަރާއި، ޚިޔާލާއި، އިޝްތިހާރު އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ، އަގަކާ ނުލައި ލިބޭ ގޮތަށް ޗާޕްކޮށެގެންނާއި، އިންޓެނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއު ކުރެވޭ ޝާއިރު ކުރުން ކަމަށް ބިލުގައި ބުނެފައިވާ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ޝުނާނާ ވިދާޅުވީ އެ ބިލުގައި އެހެން ބުނެފައި އޮތް ހިނދެއްގައި، އަމިއްލަ ސޯޝަލް މީޑިއާ އަށް އެކަން އެޕްލައި ނުވާނެ ކަމަށް މާނަ ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ.

މީޑިއާ ކަމަށް ބުނެފައި އެ ވަނީ ޓީވީ އާއި ރޭޑިއޯ އާއި، އިންޓަނެޓާއި، ވެބްސައިޓުތަކަށާއި، ދުވަހު ނޫސްތަކަށާއި، ހަފުތާ ނޫސްތަކަށާއި، މަޖައްލާ ތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކާއި މި ނޫން ވެސް ނަން ނަމުގައި ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނާއި، ރަޖިސްޓްރީ ނުކޮށް، މި ބައި އެޕްލައި ވަނީ ޕާސަނަލް ސޯޝަލް މީޑިއާ އަށް. ރަޖިސްޓްރީ ނުކޮށް މައުލޫމާތާއި، ޚަބަރާއި، ޚިޔާލާއި، އިޝްތިހާރު އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް، ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް ޗާޕު ކޮށްގެންނާއި، އިންޓަނެޓާއި އެހެނިހެން ވަސީލަތްތަކުގައި މެދުވެރިކޮށް ޝާއިއު ކުރެވޭ ޝާއިއު ކުރުމަށް. މި ތަނުން ކޮބައިތޯ މި މީޑިއާ، ޕާސަނަލް ސޯޝަލް މީޑިއާ އަށް ސަސްޕެކްޓު ނުކުރެވޭނެ ކަމަށް މާނަ ކުރެވޭނެ ޖާގައެއް. މިތާނގަ އިތުރު އެހެން ގޮތަކަށް މާނަ ކުރެވޭނެ އެއްވެސް ޖާގައެއް ނެތް. ޕާސަނަލް ސޯޝަލް މީޑިއާ އެކައުންޓު ތަކަށް އެޕްލައި ވާނެ.

މަރިޔަމް ޝުނާނާ

އެކަން ފާހަގަ ކުރައްވައި ޝުނާނާ ވިދާޅުވީ، އެ ބިލު ހުށަހަޅައިގެން ކުރަން އުޅޭ ކަމަކީ، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި، 28 ވަނަ މާއްދާ އިން ލިބިދޭ ހައްގު ހަނިކޮށް ނިގުޅައި ގަތުން ކަމަށެވެ.

އެ ބިލުގެ ސަބަބުން ސޯޝަލް މީޑިއާ ބޭނުން ކުރުން ވެސް މަނާ ކުރެވޭ ގޮތަށް އޮތްއިރު، ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޚާއްސަކޮށް ނޫސްވެެރިންގެ އިތުރުން، އާންމު ގިނަ ރައްޔިތުން ވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެހެން ނަމަވެސް، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިބި ފަރާތްތަކުން އަންނަނީ، އެ ބިލުގެ ސަބަބުން ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި އެއްވެސް ދަތި ކަމެއް ނޯންނާނެ ކަމަށް ބުނެ، އެކަން ދިފާއު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް