ޕީއެންސީގެ ޕީޖީ ލީޑަރު ކަނޑައެޅިގެން ދޮގު ހައްދަވަނީ ޒުވާނުން ގަމާރުންނަށް ހަދައިގެންތޯ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުށަހެޅިފައިވާ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ގުޅޭގޮތުން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އައްބާސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މެންބަރު އައްބާސް މިފަދައިން ވިދާޅުވެފައިވަނީ، ހޮނިހިރު ދުވަހު އިބްރާހިމް ފަލާހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ފަލާހުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާ ރެގިއުލޭޓްކޮށް، ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓަރ ފަދަ ޕްލެޓްފޯމްތައް ބަންދުކުރެވޭނެ މާއްދާއެއް ނުހިމެނޭ ކަމަށެވެ.
ޕީއެންސީގެ ޕާލަމެންޓު މެންބަރުންނަށް ބިރުދައްކައި، މަޖުބޫރުކޮށްގެން ކޮންމެ ދުވަހަކު އެކި ޓީވީ ޗެނަލްތަކަށް އަރުވައިގެން ރައްޔިތުންނަށް ބުހުތާނު ދޮގު ހައްދަވާކަމަށް މެންބަރު އައްބާސް ވިދާޅުވިއެވެ. އަދި މިހާރު ބިލުގައި އޮތްގޮތަށް ފާސްވެއްޖެނަމަ ސޯޝަލް މީޑިއާ ބޭނުންކުރާ ކޮންމެ ރައްޔިތަކަށްވެސް ބިރުވެރިކަން އޮތް ކަމަށް އެމެންބަރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ އަގަ ބަންދުވެ ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޮޑެތި ވަގުން ހިމާޔަތްކުރެވި،ރައްޔިތުންގެ ފައިސާއިން ބިރަކާނުލާ އިތުރަށް ވައްކަން ކުރާނެ ދޮރުތަށް ހުޅުވިގެންދާނެ! މިހާރު އޮތްގޮތަށް ބިލު ފާސްވުމަށް ފަހު އެވާހަކަތަށް ދެއްކި މީހާކަށް ޤާނޫނީގޮތުން ބޮޑެތި އަދަބުތަށް ލިބިގެންދާނެ..މަކަރުވެރި ކަމާއެކު އަޅުވެތިކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުން ރައްޔިތުންގެ ހައްޤު ހޯދަން ސުލްހަވެރިކަމާއެކު އަޑު އުފުލާ ބަސްބުނަން ނިކުނަންޖެހޭ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު![]()
މީޑިއާ ބިލާ ގުޅޭގޮތުން ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވެސް ވަނީ ކަންބޮޅުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބިލުގެ 60 ވަނަ މާއްދާގެ ދަށުން ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަންދުކުރުމުގެ ބާރު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޕީއެންސީ ގެ ޕީޖީ ލީޑަރު ކަޑައެޅިގެން ދޮގު ހައްދަވަނީ ޒުވާނުން ގަމާރުންނަށް ހަދައިގެންތޯ؟މީޑިއާ ބިލުގައި ލިޔެފައި އޮތް އެއްޗެއް ޒުވާނުންނަށް ކިިޔަން ނޭގޭ ހިސާބައްދިޔައީކަމަށް ގަބޫލުފުޅު ކުރައްވަނީތޯ؟ޕީއެންސީ ގެ ޕާލަމެންޓު މެންބަރުންނަށް ބިރުދައްކައިގެން، މަޖުބޫރުކޮށްގެން ކޮންމެ… pic.twitter.com/aHGCF95064
— Mohamed Abbas (@Abbasvelidhoo) September 13, 2025
މެންބަރު އައްބާސް އިތުރަށް ވިދާޅުވީ މި ބިލު ފާސްވެއްޖެނަމަ ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި "ބޮޑެތި ވަގުން" ހިމާޔަތްކުރެވި، ރައްޔިތުންގެ ފައިސާއިން އިތުރަށް ވައްކަންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ރައްޔިތުން ސުލްހަވެރިކަމާއެކު އަޑުއުފުލަން ޖެހޭ ކަމަށް އެމެންބަރު ގޮވާލެއްވިއެވެ.
މިފެށޭ ހަފްތާގައި ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބާއްވައި، މިބިލު ފާސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މި ބިލު ބޭރު ކުރުމަށް ގޮވާލައި ގިނަ ނޫސްވެރިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ގެންދަވަނީ ބިލުގައިވާ ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މީޑިއާ ބިލު އަވަހަށް ފާސް ކުރުމަށް ގޮވާލައި، މީޑިއާ ބިލުގައި ސޯޝަލް މީޑީއާ އެކައުންޓްތައް ރެގިއުލޭޓް ކުރާ ވާހަކަ ނެތް ކަމަށް ބުނެ ސޯޝަލް މިޑިއާގައި ޕޯސްޓުތައް ދަނީ ދައުރު ކުރަމުންދެއެވެ.