ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 13:33
ކުޑަކުދިންގެ ބަގީޗާގެ ފެންގަނޑުގެ ތެރޭގައި ކިނބޫ
ކުޑަކުދިންގެ ބަގީޗާގެ ފެންގަނޑުގެ ތެރޭގައި ކިނބޫ
ޓްވިޓަރ
ކުޑަކުދިންގެ ބަގީޗާގެ ކިނބޫ
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
ކިނބޫ ހިފީ 1998 ވަނަ އަހަރު ގަހާ ސައީދު
ފްރީ ކިނބޫ ކެމްޕެއިންގެ ނަމުގައި ރިލްވާން ހަރަކާތެއް ހިންގި
ކިނބޫ މަރާލުމުގެ އޮޕަރޭޝަން ހިނގީ ސިފައިން

ބަދަލުތަކަކާއެކު ކުޑަކުދިންގެ ބަގީޗާ ހުޅުވައިފި އެވެ. ވަރަށް ވެސް ފުރިހަމަ އެވެ. މާލޭގެ ކާރޫބާރޫ ބޮޑު މާހައުލުގައި ކުޑަކުދިންނަށް ވަރަށް ވެސް ހިތްގައިމު ވާނެ ގޮތަކަށް އެމްއެންޑީއެފް އިން ވަނީ އެތަން ނަލަކޮށްލާފަ އެވެ. ކޮއްޓަކަށް ލާފައި އޮތް "ޕްލާސްޓިކް" ފުއްލާއަކާއި މިނިކާވަގެއް ފިޔަވަ އެވެ. އާންމުންގެ މާބޮޑު ޝަކުވާއަކަށް އެކަންވެ، ކުދިންނަށް ނުބައި ތަސައްވަރެއް ދައްކުވައިދޭ ކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އޮއްސާލަން ފެށުމުން އެ ޖަނަވާރުތައް ކޮށިން ބޭރުކޮށްލައިފި އެވެ. މިހާރު އެ ބަގީޗާގައި މީހަކު ނުރުހުމުގެ ލޮލަކުން ބަލާލާނެ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް، ކިނބޫ މަތިން ހަމަ އެންމެން ވެސް ވަރަށް ހަނދާންވެ އެވެ.

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ހިފާފައި ވަނީ އަރިއަތޮޅު އދ. ތެލުވެލި ގާ ފަޅުތެރެއިން 1998 ވަނަ އަހަރުގެ ފެބްރުއަރީގައި، ގަހާ އަހުމަދު ސައީދެވެ. އޭރު އެއީ އެންމެ ހަތަރު ފޫޓު ހުރި ޅަ ކިނބުލެކެވެ. ކިނބޫ ހިފުމާއެކު ސައީދުގެ ނަން "ކިނބޫ ސައީދަށް" ބަދަލުވެގެން ދިޔަ އެވެ. ގާތް ރަހުމަތްތެރިންނާއި ނުދަންނަ މީހުން ވެސް އެ ނަމުން ގޮވަން ފެށި އެވެ.

ކިނބޫ ފެނުނު ދުވަހާއި އެ ހިފި ގޮތުގެ ހަނދާން މިއަދު ވެސް ސައީދުގެ އެބަހުއްޓެވެ. އެއީ ހަމަ މިއަދު ހިނގި ކަމެއް ފަދަ އެވެ. އެއީ އދ. މަހިބަދޫ އިން ފުރައިގެން ތެލުވެލިގާ އަށް އިތުރު ބަޔަކާއެކު ދިޔަ ދަތުރެކެވެ. ސައީދު ދިޔައީ ކަނޑުގުރުވައެއް ހިފުމުގެ އުންމީދުގައި ދަނގަޑެއް ހިފައިގެންނެވެ. މޫދަށް އެރި އުޅެނިކޮށް ކިނބޫ ފެނިއްޖެ އެވެ. ފުރަތަމަ ހީކުރީ އެއީ މަރުވެފައި އޮތް ކިނބުލެއް ކަމަށެވެ. ނަމަވެސް، ކުޑަކޮށް ގާތްވެލުމުން އެއީ ދިރޭއެއްޗެއްކަން އެނގުނެވެ. ސައީދު ފުރަތަމަ މަސައްކަތް ކުރީ ކިނބޫ ބޭނޭތޯ އެވެ. ހަންޖެއް ބުރިކޮށްލާފައި އެއްބައި ޖަހައިގެން ބާނަންކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެހެން ގޮތެއް ނެތިގެން ކިނބޫ ގަޔަށް ދަގަނޑު ޖެހި އެވެ. ތުން އައްސާލައިގެން އެއްގަމަށް އަރުވާ ރަނގަޅަށް ބަދެލި އެވެ.

ދަތުރު ނިންމާލުމަށް ފަހު ދޯނީގައި ކިނބޫ މަހިބަދޫއަށް ގެންދި އެވެ. ކިނބުލާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ސައީދާ ވާހަކަ ދެއްކެވީ އެއިރުގެ ބްރިގޭޑިއަރ އާދަމް ޒާހިރު އެވެ. ދޯނީގައި އެ ކިނބޫ މާލެ ގެނެވުނެވެ. އެއަށްފަހު ކިނބޫ ގެންދެވުނީ ދޫނިދޫއަށެވެ. ދޫނިދޫގައި ވަރަށް ދުވަސް ވަންދެން ކިނބޫ އޮތެވެ. އެއިރު ވެސް ސައީދު ދިޔައީ އެކި ގޮތްގޮތުން ކިނބުލުގެ ކަންތައްތައް ބަލަމުންނެވެ. ކިނބުލުގެ ކަންތައްތަކުގައި ސިފައިންގެ ތެރެއިން އެންމެ އިސްކޮށް އުޅުއްވީ މިހާރުގެ ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ. "ކިނބުލަކީ ސައީދުގެ ދަރިއެކޭ" ޝިޔާމް ވިދާޅުވާ ހަނދާން މިހާރު ވެސް ސައީދުގެ އެބަހުއްޓެވެ.

ދޫނިދޫގައި އެތައް އަހަރަކު ބޭއްވުމަށްފަހު، ކުޑަކުދިންގެ ބަގީޗާއަށް ކިނބޫ ގެންދިޔައިރު، އޭތީގެ ދިގުމިނުގައި އަށެއްކަ ފޫޓު ހުއްޓެވެ. ކިނބޫ ވެގެން ދިޔައީ ކުޑަކުދިންގެ ބަގީޗާއަށް ޒިޔާރަތްކުރާ މީހުންގެ އެންމެ ބޮޑު ޝައުގަށެވެ. އަޅުގަނޑު ކުޑައިރު ވެސް، ބަގީޗާއަށް ވަދެގެން ދާގޮތަށް ގޮސް ދަނީ ގުރާ ކޮށިތައް ކުރިމަތީގައި ހަދާފައި ހުންނަ ކިނބޫ ކޮށި ކައިރިއަށެވެ. ވަށައިގެން ދާ ޖަހައި ބަންދުކޮށްފައި ކިނބޫ ބާއްވާފައި އޮތް އިރު، ހަމައެކަނި އެ ބަލާލުމަށް އެތައް ބަޔަކު ޒިޔާރަތް ކުރި އެވެ. ކިނބުލަށް ކާންދޭ މަންޒަރު ބެލުމަކީ އަދި މާގަޔާވާ ކަމެކެވެ. އެ ކިނބޫ މުޅިން ވެސް ކައި އުޅުނީ ފިނިކުރި ކުކުޅެވެ.

ކުޑަކުދިންގެ ބަގީޗާގައި ކޮއްޓަކަށް ލައި ބަންދުކޮށްފައި ކިނބޫ ބާއްވާފައި އޮތުމުން އެއްބަޔަކު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. ނުރުހުން ފާޅުކޮށް "ފްރީ ކިނބޫ ކެމްޕެއިން" ގެ ނަމުގައި ހަރަކާތެއް ވެސް ފެށި އެވެ. އެ ހަރަކާތުގައި އެންމެ އިސްކޮށް އުޅުނު އެކަކީ، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން(މޮޔަމީހާ) އެވެ. ރިލްވާން އިސްވެ ހުރެ ހިންގި އެ ހަރަކާތްތައް މަތިން ވެސް ސައީދު ހަނދާން އެބަހުއްޓެވެ. ރިލްވާނުގެ އަމިއްލަ ބްލޮގުގައި 2006 ވަނަ އަހަރު ލިޔެފައި ހުރި ބައެއް ލިޔުންތަކުގެ ތެރޭގައި ކިނބުލުގެ ވާހަކަ ހިމެނެ އެވެ.

ކިނބޫ ރާއްޖެއިން ބޭރަށް ފޮނުވާލުމާ ގުޅޭ ގޮތުން ވާހަކަ ދެކެވިފައި ވެސް އެބަހުއްޓެވެ. އެގޮތުން އަވަށްޓެރި ސްރީ ލަންކާ ނުވަތަ އިންޑިއާއަށް ކިނބޫ ގެންދިއުމާ ގުޅޭ ގޮތުން އެކި ފެންވަރުގައި ވާހަކަ ދެކެވިފައި ހުރިކަން މީޑިއާ ރިޕޯޓްތަކުން ހާމަވެ އެވެ. އެ ވާހަކަތައް އެހެން ދެކެވެމުން ދަނިކޮށް 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކުޑަކުދިންގެ ބަގީޗާ ތެރެއިން ކިނބޫ ގެއްލުނެވެ. އެމްއެންޑީއެފް އިން އެއިރު ބުނީ ކިނބޫ އެހެން ތަނަކަށް ބަދަކުރީ ކަމަށެވެ. ނަމަވެސް، ކިނބުލާ ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ނޫސްވެރިންނަށް ނުދިނެވެ. އެއްބަޔަކު ކިނބޫ މާރާލީ ކަމަށް ބުނަން ފެށި އެވެ.

ކިނބޫ ބަގީޗާއިން ގެއްލުނުތާ ދެ މަސް ފަހުން، 2015 ވަނަ އަހަރު އޯގަސްޓް މަހު، އެ ކިނބުލާ ސިހުރުހާހޫރައާ ގުޅުވައިގެން ވާހަކަތަކެއް ފެތުރެން ފެށި އެވެ. ބަޑިޖަހާ ކިނބޫ މަރާލާފައިވާ ކަމަށް ވެސް ބުނަން ފެށި އެވެ. ކިނބުލުގެ މައްސަލައިގައި ޑިފެންސް މިނިސްޓަރާ ސުވާލު ކުރެއްވުމަށް، 2015 ވަނަ އަހަރުގެ އޯގަސްޓް 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހުށަހެޅުއްވި އެވެ. މަހްލޫފް ހުށަހެޅުއްވި ސުވާލުތަކުގައި ވިދާޅުވީ ބަގީޗާގައި އޮތް ކިނބޫ ބަޑި ޖަހައި މަރާލާފައިވާ ކަަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާއިރު އެކަން އެމްއެންޑީއެފުން މިހާތަނަށް ދޮގުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ކިނބޫ މަރާލީ ބަޑިޖަހައިގެންތޯ އާއި އެސޮރަށް ކާން ނުދީ ގިނަ ދުވަސްތަކެއް ވަންދެން ބޭއްވިތޯ އަދި ޒަހަރު ދިންތޯ ވެސް މަހްލޫފް ސުވާލުކުރައްވާފައިވެ އެވެ. ކިނބޫ ވަޅުލީތޯ އާއި އެ ކިނބޫ މަރާލާފައިވާ ނަމަ އެކަން ސިއްރުކުރަނީ ކީއްވެތޯ ވެސް މަހްލޫފް ސުވާލުކުރައްވާފައިވެ އެވެ. އެހެންނަމަވެސް، ސަރުކާރުގެ އަޣްލަބިއްޔަތު އެއިރު އޮތް މަޖިލީހުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.

ކިނބުލަށް ހެދި ގޮތުގެ މައުލޫމާތު އެންމެ ފުރިހަމައަށް ލިބިފައި ހުރި މީހަކު އެ ވާހަކަ ހިއްސާ ކުރި އެވެ. ނަމަވެސް، މިކަމުގައި ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ނުބުނާނަމެވެ. ކުޑަކުދިންގެ ބަގީޗާގައި ކިނބޫ އޮންނާތީ ދިވެހި ސަރުކާރުގެ އިސް ފަރާތެއް ވަރަށް ބޮޑަށް ބަލިވަނީ އެވެ. ބޭސްކޮށްކޮށް މި ބޭފުޅަކު ރަނގަޅެއް ނުވި އެވެ. އެންމެ ފަހުން ކިނބުލަށް ހަދާފައި ހުރި ސިހުރެއް މި ބޭފުޅަކަށް ޖެހެނީ ކަމަށް ކަހީނަކު ބުނެފި އެވެ. ކިނބުލުގެ ދުވަސް ދުއްވާލައިގެން މެނުވީ އެ ބަލިމަޑުކަމަކުން އަރައި ނުގަނެވޭނެ ކަމަށް ރައުޔު ނެރުނެވެ. ކިނބޫ މަރާލަން ހަވާލުކުރެވުނެވެ. އެއިރު މި ބޭފުޅެއްގެ އެންމެ އަރިހުގައި އެންމެ ގަދަކޮށް ހުރި ބޭފުޅާއާ މި މަސައްކަތް ހަވާލުކުރެވުނެވެ. އެ ބޭފުޅާއަށް ކިނބޫ މަރާލާނެ ގޮތެއް ނޭނގުނެވެ. ކާންނުދީ ވަރަށް ގިނަ ދުވަހު ބޭއްވި އެވެ. އެވަރުން ވެސް މަރެއް ނުވި އެވެ. ދެން ކިނބޫ މަރާލަން ވިހައެއް އެތެރެކުރި އެވެ. ވިހަ ކާންދިނީ ކުކުޅާއެކު އެވެ. ފުރަތަމަ ކިނބޫ ބަލިވި އެވެ. ނަމަވެސް މަރުނުވެ، ކިނބޫ ގަދަވި އެވެ. އެންމެ ފަހުން އެހެން ގޮތެއް ނެތިގެން ސިފައިންގެ އުތުރުތިލަފަޅަށް ކިނބޫ ގެންގޮސް ބޮލަށް ބަޑިޖަހާ މަރާލި އެވެ. އޭގެ ކުރިން ކުޑަކުދިންގެ ބަގީޗާގައި ކިނބޫ ބާއްވައިގެން ބަޑިޖަހައި މަރާލަން ވެސް ރޭވި އެވެ. އަދި ބަޑިޖަހާ އަޑު އިވިދާނެތީ ލޮނުޒިޔާރަތްކޮޅުގައި ހަވާ އަރުވަން ވެސް ރޭވި އެވެ. ނަމަވެސް އެވަރުން ވެސް މީހުންނަށް ފަޅައި އަރައިފާނެތީވެ، އެއްރޭ މެންދަމު ސިފައިންގެ ބޮޑު ލޮރީއަކަށް ކިނބޫ އެރުވުމަށް ފަހު، އޭގެ މައްޗަށް ކަނޑާފައި ހުރި ގޮފިތައް އަރުވަގެން އުތުރު ތިލަފަޅަން ގެންދިޔަ އެވެ. އެސޮރު ބަޑިޖަހާ މަރާލީ އުތުރުތިލަފަޅު މިސްކިތް ކައިރީގައި ވަޅުގަނޑެއް ކޮނެ، އެ ވަޅުގަނޑުގެ ތެރޭގައި ބާއްވާފަ އެވެ. ކިނބޫ އޮތީ އެތަނުގައި ކަމަށް، ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. ކިނބޫ މަރާލުމާއެކު، ބަލިޖެހިފައިވާ މީހާ އިސާހިތަކު ފަސޭހަވެގެން ދިޔަ ކަމަށްވެ އެވެ.

ކިނބޫ އޮތީ މިހާރު ކޮންތާކުތޯ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރާ ސުވާލުކުރުމުން ވިދާޅުވީ "ނޯ ކޮމެންޓް" ކަމަށެވެ. އަދި އުތުރުތިލަފަޅަށް ގެންގޮސް ބަޑިޖަހައިގެން ކިނބޫ މަރާލީތޯ ސުވާލުކުރުމުން ވެސް ވިދާޅުވީ "ނޯ ކޮމެންޓް" ކަމަށެވެ.

ޖަވާބު ވަރަށް ސާފު، ދެއްތޯ؟

- ކޮމެންޓް
3 ސެޕްޓެންބަރ 2017 | އާދީއްތަ 23:03
ޖާނޭ
އުތުރު ތިލަފަޅުގަ ސިފައިން ހިއްކާ ރަށަށް ތިކިޔަނީ ހާދަ ފައްކާ ނަމެކޭ ދޯ 'ނޯކޮމެންޓް' ހެހެއް
3 ސެޕްޓެންބަރ 2017 | އާދީއްތަ 14:47
ރީތި.މޫސަ
ތިވާނީ ގެއްލުވާލީކަމަށް އަވަހަށްބޯޑުތަށް ހިފައިގެންނުކުމޭ