ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 11:29
އިސްކޯ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
އިސްކޯ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން: އިސްކޯގެ ދެ ލަނޑުން އިޓަލީގެ މައްޗަށް ސްޕެއިން ކުރި ހޯދައިފި
ސްޕެއިން އޮތީ ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި
އިޓަލީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 16 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައި

ވޯލްޑް ކަޕް ކޮލިފައިންގައި އިސްކޯގެ ދެ ލަނޑުން އިޓަލީގެ މައްޗަށް ސްޕެއިން ކުރިހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އިޓަލީއާ ވާދަކޮށް ސްޕެއިން އިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ސްޕެއިންގެ ސެންޓިއާގޯ ބާނެބޯގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމެވެ. އެގޮތުން އެޓީމުން ވަނީ އިޓަލީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ސްޕެއިން އިން މެޗުގެ ލީޑު ނެގީ 13 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްކޯ އެވެ. މި ލަނޑަށްފަހުވެސް ސްޕެއިން އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޕެއިން އަށް މެޗުގެ ލީޑު ފުޅާކޮށްދިނީވެސް އިސްކޯ އެވެ. މެޗުގެ 40 ވަނަ މިނެޓުގައި މި ލަނޑު އިސްކޯ ކާމިޔާބުކުރީ އަންދްރޭސް އިނިއެސްޓާގެ އެހީތެރިކަމާއެކުގައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އިޓަލީގެ މައްޗަށް ސްޕެއިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅުނީ ސްޕެއިން އެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފްގައިވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ސްޕެއިން އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވަރާ މޮރާޓާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޑިފެންޑަރު ސާޖިއޯ ރާމޮސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ނަތީޖާއާއެކު ސްޕެއިން އޮތީ ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި އިޓަލީ އޮތީ 16 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް