ވަޒީފާ އިން ވަކިކޮށް މީހުންގެ ފޯނު އަތުލުމަކުން ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އޮކްޓޯބަރުބަރު 3 ގެ އިހުތިޖާޖޖުގައި ބައިވެރިވުމާ ގުޅިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކޮށްފައި ވާއިރު، އިތުރު 2 މީހެއްގެ ފޯނު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކާ ގުޅިގެން ކަމަށް ބުނެ ފުލުހުން ވަނީ އަތުލާފައެވެ. އަދި 6 މީހުން މުޒާހަރާ ކޮށްގެން އަދިވެސް ބަންދުގައި ތިބިކަން އެމްޑީޕީ އިން ފާހަގަ ކުރެއެވެ.
އެމްޑީޕީ އިން ބުނެފައި ވަނީ މިއިން ކޮންމެ ކަމަކީ ވެސް އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމަށާއި އަދި ހުރިހާ އިދިކޮޅު އަޑުތަކެއް ކަނޑުވާލުމަށް ކުރެވޭ ސިޔާސީ މަސައްކަތެއްކަން ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމުގައެވެ. މި ފިނޑި ޢަމަލުތަކަކީ މި ސަރުކާރުގެ ނާކާމިޔާބުކަމުގެ ހެއްކެއް ކަމަށާއި އަދި އާންމުންގެ މައްޗަށް ބާރު ހިންގުމަށް ސަރުކާރުން ކުރާ ނާކާމިޔާބު މަސައްކަތުގެ ހެއްކެއް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
އެކްސް ގައި އެމްޑީޕީ އިން ކުރި ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ ބިރުދެއްކުމާއި ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމަކީ ކުރިންވެސް ކާމިޔާބުވެފައިވާ ކަމެއް ނޫން ކަމަށާއި އަދި މިހާރުވެސް އެކަން ކާމިޔާބެއް ނުވާނެ ކަމަށާއި އަދި ރައްޔިތުންގެ އަޑު މަޑުކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.
އެމްޑީޕީ އިން މިހެން ބުނެފައިވާއިރު ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ނޫނީ އެއްވެސް މީހަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށާއި، ސިޔާސީ ހައްޔަރީން އެމަނިކުފާނުގެ ވެރިކަމުގެ ނުތިބޭނެ ކަމަށް ވިދާޅުވުން ހިމެނެއެވެ.