އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކަމަށް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މިހެން ވިދާޅުވެފައި ވަނީ، އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ފަހުން، ދެ ޤައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އިންޑިއާ އާއި އެމެރިކާއާ ދެމެދު އަންނަނީ، އެކަމާ ގުޅިގެން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންޑިއާ އާއި އެމެރިކާގެ ގުޅުމާ ގުޅޭ ގޮތުން ނޫސްވެރިން ވަނީ ޓްރަމްޕްއާ ސުވާލު ކޮށްފަ އެވެ. އެ ސުވާލާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ، އަބަދު ވެސް އޭނާ ހުންނަވާނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި މޯދީ އަކީ ވަރަށް ރަނގަޅު ބޮޑު ވަޒީރެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އިންޑިއާ އާއި އެމެރިކާއާ ދެމެދު އަބަދު ވެސް އޮންނަނީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށާއި، ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުމާ މެދު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމާ މެދު، ޓްރަމްޕް ދެއްވި ޚާއްސަ އަދި ރަނގަޅު ސްޓޭޓްމަންޓަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި، ކުރި މަގަށް ބަލާއިރު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް އޮތް ކަަމަށް ވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.
ހުސްވި ހަފުތާގެ ތެރޭގައި މޯދީ ވަނީ، ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާ އަށް ވަޑައިގެންފަ އެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި މޯދީ ޗައިނާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ފާއިތުވި ހަފްތާގައި މޯދީ ވަނީ ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ 7 އަހަރު ފަހުން މޯދީ ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި ހަނގުރާމައިގައި ސުލްޙަ ޤާއިމު ކުރުމަށް އޭނާ ކުރެއްވި މަސައްކަތަށް، ނޯބެލް ސުލްޙައިގެ އިނާމު ލިބެން ވާނެ ކަމަށެވެ. ނަމަވެސް އިންޑިއާ އިން ބުނަމުން އަންނަނީ، އެ މައްސަލައިގައި ތިން ވަނަ ފަރާތެއްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.