ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 19:44
ރާއްޖޭ ގައުމީ ޓީމު ތަމްރީންތައް ހަދަނީ
ރާއްޖޭ ގައުމީ ޓީމު ތަމްރީންތައް ހަދަނީ
އެފްއޭއެމް
ރާއްޖެ - އޮމާން
ގަތަރުގައި ތަމްރީންތައް ހެދުމަށް ފަހު މެޗު ކުޅުމަށް ގައުމީ ޓީމު މާދަމާ އޮމާނަށް ފުރަނީ!
އޮމާން އަދި ރާއްޖެ ބައްދަލުކުރާ މެޗު އޮތީ އަންނަ އަންގާރަ ދުވަހު

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި އޮމާން އަދި ރާއްޖެ ބައްދަލު ކުރާ މެޗަށް ތައްޔާރުވުމަށް ގަތަރުގައި މިހާރު ކޭމްޕްކުރަމުން އަންނަ ގައުމީ ފުޓުބޯޅަ ޓީމު އާދީއްތަ ދުވަހު އޮމާނަށް ފުރާގޮތަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ތަމްރީން ހެދުމަށް ގައުމީ ޓީމު ގަތަރަށް ފުރާފައިވާއިރު، ޓީމު ވަނީ ރަހްމަތްތެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. ގަތަރުގެ ޗެމްޕިއަން އަލް ދުހާލީއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުން ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

ޖުމްލަ 23 ކުޅުންތެރިންނާއެކު ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާފައިވާއިރު، ސްކޮޑްގައި ނިއުރޭޑިއަންޓްގެ ނުވަ ކުޅުންތެރިޔަކު ހިމެނެއެވެ. މީގެ އިތުރުން ސްކޮޑްގައި މާޒިޔާގެ ހަ ކުޅުންތެރިއަކު ހިމެނޭއިރު، ޓީސީގެ ތިން ކުޅުންތެރިންނާއި، ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިންނާއި، ތިނަދޫގެ ދެ ކުޅުންތެރިންގެ އިތުރުން މިލަންދޫގެ ކުޅުންތެރިއަކުވެސް ހިމެނެއެވެ.

ގައުމީ ޓީމު ވަނީ އޭޝިއަންކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުން ފަލަސްތީން އަތުން ރާއްޖެ ބަލިވެފައިވާއިރު، ދެވަނަ މެޗުން ބޫޓާން އަތުން ރާއްޖެ ވަނީ މޮޅުވެފައެވެ.

ރާއްޖެ އަދި އޮމާން ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހު އެވެ. ރާއްޖެ މެޗަށް ތައްޔާރުވުމަށް އޮމާން ވަނީ އަފްއާނިސްތާނާ ދެކޮޅަށް ރަހްމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުން އަފްއާނިސްތާނާ ވާދަކޮށް އޮމާން މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް