Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2025 | ހޮނިހިރު 00:47
ތިލަދުންމަތީ ދެކުނުބުރީ ނާވައިދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - 25 އޮގަސްޓް 2025
ތިލަދުންމަތީ ދެކުނުބުރީ ނާވައިދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - 25 އޮގަސްޓް 2025
ލޯކަލް ގަވަރމަންޓް މިނިސްޓްރީ
ކައުންސިލް އިދާރާ މަޝްރޫއު
ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް
މަޝްރޫއު ހަވާލު ކޮށްފައި ވަނީ ދެފުށްފެންނަ އުސޫލެއްގެ ތެރެއިން ނޫންކަން ވަނީ ފާހަގަ ކުރެވިފައި
ކައުންސިލް އިދާރާ އެއް އިމާރާތް ކުރާ ރޭޓަކީ 11.47 މިލިއަން ރުފިޔާ
މަޝްރޫއު ހަވާލު ކުރީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 11 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލު ކުރީ 631 މިލިއަން ރުފިޔާ އަށް ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރންމަންޓް މިނިސްޓްރީ އިން ބުނެފިއެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލު ކޮށްފައިވާ އަގަށް ބަލާއިރު ކައުންސިލް އިދާރާ އެއް އިމާރާތް ކުރާ ރޭޓަކީ 11.47 މިލިއަން ރުފިޔާ އެވެ.

މި މައުލޫމާތު އެ މިނިސްޓްރީން ހާމަ ކުރީ ރާއްޖެޓީވީން މި މަޝްރޫއުގެ އަގު ސާފު ކުރުމަށް ލިޔުމުން ފޮނުވި ސުވާލަކަށް ދިން ޖަވާބުގައެވެ.

މިނިސްޓްރީން ބުނީ މަޝްރޫއު ހަވާލު ކުރީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމުގައެވެ.

ބޮޑު މަޝްރޫ އެއް އާރުސީސީ އަށް ހަވާލު ކުރި އިރު ސަރުކާރުން މިކަން ކޮށްފައިވަނީ ދެފުއް ފެންނަ ގޮތައް ނޫން ކަން ފާހަގަ ކުރެވެއެވެ.

އާރުސީސީ އާ މަޝްރޫއު ހަވާލު ކުރި އިރު އޭގެ ކުރިން ވެސް މި މަޝްރޫއު މެލޭޝިޔާގެ ކުންފުންޏަކަށް ހަވާލު ކުރިއެވެ. މިއަހަރުގެ ޖެނުއަރީ މަހު ހެކްސްޓާ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސޮއި ކުރުމަށް ފަހު، ސޮއި ކުރިތާ 6 މަސް ދުވަސް ފަހުން ޖުލައި މަހުގެ ތެރޭގައި ސަރުކާރުން ބުނީ އެ އެއްބަސްވުން ބާތިލު ކޮށްފައިވާ ކަމަށެވެ. ހެކްސްޓާ އަށް މަސައްކަތް ހަވާލު ކުރި ކަމަށް ބުނީ ގާތްގަނޑަކަށް 555 މިލިއަން ރުފިޔާ އަށެވެ. 20 ޖެނުއަރީ 2025 ގައި ސްޓެލްކޯ ގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތައް ފަހު ލޯކަލް ގަވަރންމަންޓް މިނިސްޓްރީން ހާމަ ކުރި ބަޔާނެއްގައި ބުނީ އިމާރާތްތައް ނިމި އެތަންތަނުގެ ފަސޭހަކަން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

ހެކްސްޓާ އާއެކު ހެދި އެއްބަސްވުން ބާތިލު ކުރިކަމަށް ސަރުކާރުން ބުނި އިރު އެ އެއްބަސްވުމުގެ ދަށުން މިނިސްޓަރ އާދަމް ޝަރީފް ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެތައް ރަށެއް ގައި، ބިންގާ އެޅުމުގެ ރަސްމިއްޔާތުތައް ވެސް ބާއްވާފައެވެ. އެ ގޮތުން އެ އެއްބަސްވުމުގެ ދަށުން އުލިގަމު، އުތީމު، ތަކަންދޫ، މާރަންދޫ، ފިއްލަދޫ، މުރައިދޫ ފަދަ ރަށްރަށުގައި ރަސްމިއްޔާތުތައް ވަނީ ބާއްވާފައެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ބިންގާ އެޅި ކައުންސިލަކީ ރ. އަތޮޅު މަޑުއްވަރީ ކައުންސިލް އިދާރާއެވެ. އެއީ 22 ޖެނުއަރީ 2025 ގައެވެ.

ބައެއް މީޑިއާ ތަކަށް ލޯކަލް ގަވަންމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު މައުލޫމާތު ދެއްވަމުން އާރުސީސީ އާ މަސައްކަތް ހަވާލު ކުރީ އެންމެ ދަށް އަގު ހުށަހެޅި ކުންފުނި ކަމަށް ވުމުން ކަމަށް ވިދާޅުވި ނަމަވެސް މި މަޝްރޫއަށް ކުރިމަތި ލުމަށް ސަރުކާރުން އާންމުކޮށް ހުޅުވާލާފައެއް ނުވެއެވެ.

އާރުސީސީ އަކީ ސަރުކާރަށް ވާގިވެރިވާ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމއެންޕީ) ގެ ލީޑަރު ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެކެވެ.

55 ރަށުގެ ކައުންސިލް އިދާރާގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އާރުސީސީއާ ޙަވާލުކޮށްފައި ވަނީ 11 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ބުނެފައިވެއެވެ.

އާރުސީސީ އާއެކު ލޯކަލް ގަވަންމަންޓް މިނިސްޓްރީން މަޝްރޫއުގައި ސޮއި ކޮށްފައިވަނީ 16 އޮގަސްޓް 2025 ގައެވެ.

ސަރުކާރުން ބުނެފައި ވަނީ ޢިމާރާތްނިމޭ އިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރ ވެސް ލެވިފައި ހުންނާނެ ކަމަށެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތް ހަވާލު ކުރި ނަމަވެސް މި ފައިސާ އަކީ ދައުލަތުން އެ ކުންފުންޏަށް ދައްކާ ޚަލާސް ކުރަން ޖެހޭ އެއްޗެއް ކަމުގައި ވުމާއެކު ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައެެއް ނުވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދު ތަކުގެ ތެރޭގައި ސަރުކާރުން ހުރިހާ ކަމެއް ހާމަ ކުރާނެ ކަމަށާއި، ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވުން ފާހަގަ ކުރެވެއެވެ.

ސަރުކާރުން ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ސަރުކާރުން ވަނީ ބުނެފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ. އެހެން ނަމަވެސް ސަރުކާރަަށް 2 އަހަރު ފުރެން ކައިރިވެފައިވާއިރު މުޅިންވެސް ކުރިއަށް ގޮސްފައިވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތު ތަކެވެ.

- ކޮމެންޓް