ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިންގެ އަމަލުތަކާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އިން ޔުކްރެއިން ގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމުމަށް އެތައް ފަހަރެއްގެ މަތިން ބާރު އަޅުއްވާފައިވާ ޓްރަމްޕް ވިދާޅުވީ، ރަޝިޔާގެ ރައީސް ޕުޓިން މިހާރު އަމަލު ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ޔުކްރެއިން ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު މަދު ކުރުމަށް އެމެރިކާ އިން ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ދާދި ފަހުން ޓްރަމްޕް ވަނީ ޕުޓިންް އާއެކު ޚާއްސަ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެލަސްކާ ގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ހަނގުރާމަ ނިންމުމަށް އެއްބަސްވުމަށް ޓްރަމްޕް ބޭނުންފުޅުވީ ނަމަވެސް، އެ ބައްދަލުވުމުގައި އެފަދަ އެއްބަސްވުމެއް ޤާއިމު ކުރެވިފައި ނުވެ އެވެ.
ސްކޮޓް ޖެނިންގްސް ރޭޑިއޯ ޝޯ އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، މިހާރު އޭނާ ހުންނެވީ ޕުޓިންއާ މެދު ހިތްހަމަ ނުޖެހިފައި ކަމަށެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ، ޕުޓިން ދެކެ ހިތްހަމަ ނުޖެހިފައި ހުންނެވި ކަމަށް ވިދާޅުވެ، ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެމެރިކާ އިން ޔުކްރެއިން އަށް އެހީތެރި ވުމަށް ކަންތައްތަކެއް ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އެލަސްކާ ގައި ޕުޓިންއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އަދި ޔޫރަޕުގެ ލީޑަރުންނާއި، ނޭޓޯ އިއްތިހާދުގެ އިސް ލީޑަރުންނާ އެކު ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު، އެކަމުގެ މައުލޫމާތު ޓްރަމްޕް ވަނީ ފޯނު މެދުވެރިކޮށް ޕުޓިންއާ ވެސް ހިއްސާ ކުރައްވައިފަ އެވެ.
ޕުޓިންއާ އެކު އެލަސްކާ ގައި ބޭއްވި ބައްދަލުވުމަށް ފަހު، ޕުޓިން އާއި ޒެލެންސްކީ އަދި ޓްރަމްޕް ހިމެނޭހެން ތިން ރައީސުންގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެފަދަ ބައްދަލުވުމެއް ނުބޭއްވުމަށް ރަޝިޔާ އިން މަސައްކަތް ކުރާނެ ކަމަށެވެ. ޓްރަމްޕް ފާހަގަ ކުރި ތިން ރައީސުންގެ ބައްދަލުވުމަށް މިހާތަނަށް ރަޝިޔާ އިން އެއްބަސްވެފައި ނުވެ އެވެ.
އަނެއްކޮޅުން، ޔުކްރެއިންގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާާ އިން އެހީތެރިވާނެ ކަމުގެ ޔަގީންކަން ވެސް ޓްރަމްޕް ވަނީ ޒެލެންސްކީ އަށް ދެއްވައިފަ އެވެ. އަދި ހަނގުރާމަ ނިންމުމާއި، ސުލްޙަވެރިކަން ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ނުލިބޭ ނަމަ، ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވާފައިވެ އެވެ.
ޗައިނާ އަށް ކުރެއްވި ދަތުުރުފުޅުގައި ޕުޓިން ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައި، އޭނާ އަކީ ގާތް ރަޙުމްތެރިއެއް ކަމަށް ވިދާޅުވެފަ އެވެ. ޗައިނާ އިން ރަޝިޔާއާ އެކު ގުޅުން ބަދަހި ކުރަމުން ގެންދާނީ އެކަމާ ކަންބޮޑުވޭތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމާ މެދު އޭނާ އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށެވެ.
އެގޮތުން އެމެރިކާގެ އަސްކަރިއްޔާ އަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަސްކަރިއްޔާ ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ. އެހެންކަމުން ޗައިނާ އަދި ރަޝިޔާާ ނުވަތަ އެހެން ބަޔަކަށް ވެސް، އެމެރިކާއާ ދެކޮޅަށް ދުވަހަކު ވެސް އަސްކަރީ ބާރުވެރި ކަމެއް ނުހިންގޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އެކި ފަހަރު މަތިން ޕުޓިން އަށް ފާޑު ވިދާޅުވެފަ އެވެ. ޚާއްސަކޮށް ޔުކްރެއިން އަށް ހަމަލާދީ، އާންމުންގެ އެތައް ބަޔަކު މަރަމުން އަންނާތީ، ޓްރަމްޕް ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އަދި ޕުޓިން ބޭނުންފުޅު ވަނީ މީހުން މަރަން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އޭގެ ފަހުން ޓްރަމްޕް އެލަސްކާ ގައި ޕުޓިންއާ ބައްދަލު ކުރެއްވިއިރުު، އެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ ޕުޓިން އަށް ތައުރީފު ވެސް ކުރައްވައިފަ އެވެ. އޭރު ޓްރަމްޕް ވިދާޅުވީ ޕުޓިން އަކީ ސްމާޓް ބޭފުޅެއް ކަމަށެވެ.