ޗައިނާ ގެ ރައީސް އާ ބައްދަލު ކުރެއްވުމަށް ފަހު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވީ، ރައީސް ޝީ ޖިންޕިންގ އާ އެކު އޮތް ގުޅުން އޮތީ "މިހާތަނަށް ދެކެފައިނުވާ ފަދަ މަތީ ފެންވަރެއްގައި" ކަމަށެވެ.
ޕުޓިން ވަނީ ޝީ އަކީ 'ލޮބުވެތި ރަޙްމަތްތެރިޔާ' ގޮތުގައި ސިފަކުރައްވާފަ އެވެ. ޗައިނާގެ ސަރުކާރުގެ މީޑިއާ އިން ބުނެފައި ވަނީ ދެ ގައުމުގެ ގުޅުމަކީ ނަމޫނާ ގުޅުމެއް ކަމަށެވެ. ބަދަހިވަމުންދާ ގުޅުމުގެ ތެރެއިން ރަޝިޔާ އިން ޗައިނާ އަށް ގޭސް ސަޕްލައި އިތުރުކުރާ އިރު، ބެއިޖިންގ އިން ރަޝިޔާގެ ރައްޔިތުންނަށް އަހަރު ދުވަހުގެ ޓްރަޔަލް މުއްދަތަކަށް ވިސާ ފްރީ ދަތުރުފަތުރުގެ ފުރުސަތު ދޭން ވަނީ ނިންމާފައެވެ.
ޝީ ވަނީ ޔުކްރެއިންގެ ހަނގުރާމައިގައި އެކުގައި މަސައްކަތް ކުރާ ދެ ފަރާތާއެކު އޮތީ ވަރަށް ގާތް ގުޅުމެއްކަން ދެއްކެވުމުގެ ގޮތުން އުތުރު ކޮރެއާގެ ކިމް ޖޮންގ އަން އަށް ވެސް މަރުޙަބާ ވިދާޅުވުމަށް ތައްޔާރުވެފައެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ނިމުން ކަމުގައިވި ޖަޕާނުން ރަސްމީކޮށް ބަލިވެ، އަމާން ދިންތާ 80 އަހަރު ފާހަގަ ކުރުމަށް ބުދަ ދުވަހު ޝީ ޗައިނާގެ އެންމެ ބޮޑު އަސްކަރީ ޕެރޭޑް ބާއްވަވާނެއެވެ.
މެއި މަހު ޝީ ވަނީ ނާޒީންގެ މައްޗަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރަޝިޔާ އިން ބޭއްވި ޙަފްލާތަކަށް މޮސްކޯއަށް ވަޑައިގެންފައެވެ.
ރަޝިޔާ އާއި އުތުރު ކޮރެއާ ވަނީ އެ ޤައުމުތަކުގެ އިޤްތިޞާދު ވަރުގަދަ ކުރުމަށް ޗައިނާ އަށް ބަރޯސާވެފައެވެ. އަދި މި ބައްދަލުވުން ތަކުން ޗައިނާގެ ވެރިޔާ އަށް އޭނާގެ ބާރާއި ނުފޫޒު ދުނިޔޭގައި އޮތް މިންވަރު ދެއްކެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. މިކަންކަން ހިނގަމުން މިދަނީ ޑޮނަލްޑް ޓްރަމްޕް އޭނާގެ ބާރު ދެއްކެވުމުގެ ގޮތުން ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ޕުޓިން އާއެކު އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގަ އެވެ.
ބުދަ ދުވަހު ޗައިނާގެ ވެރިރަށުގައި އެތައް ހާސް އަސްކަރީން މާރޗް ކުރާއިރު މަންޒަރު ބައްލަވަން މި ތިން ވެރިން ކޮނޑާ ކޮނޑު ޖައްސަވައިގެން ތިއްބަވާނެ ކަމަށް ބެލެވެއެވެ.
އަންގާރަ ދުވަހު ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވުނު މަޝްވަރާތަކަށް ފަހު ޕުޓިން ވަނީ ޔުކްރެއިންގެ ހަނގުރާމައާ މެދު ސީދާ އެއްޗެއް ވިދާޅުވުމުގެ ބަދަލު ގައި ހަމައެކަނި ދެ ގައުމުގެ މަސްލަހަތު ހުރި ކަންކަމާ މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވެފައެވެ.
ކްރެމްލިންގެ ރަސްމީ ޓެލެގްރާމް މެސެޖިންގ އެޕްގައި ޝާއިއުކުރި ވީޑިއޯއެއްގައި ޕުޓިން ވަނީ ދެ ގައުމުގެ "ގާތް މުޢާމަލާތް ތަކުން ދައްކުވައި ދެނީ ރަޝިޔާ-ޗައިނާ ގުޅުންތަކުގެ ސްޓްރެޓެޖިކް ސިފަ، އެއީ މިހާތަނަށް ދެކެފައިނުވާ މަތީ ފެންވަރެއްގައި އޮތް ގުޅުމެއް" ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން އޭރު ވެސް އެކުގައި ތިބީމު، އަދި މިހާރުވެސް އެކުގައި މިތިބީ." ޕުޓިން ވިދާޅުވިއެވެ.
ޝީ ވަނީ ޕުޓިން އަށް "ޗައިނާ-ރަޝިޔާ ގުޅުމަކީ ބައިނަލްއަޤްވާމީ މަސްރަހަށް އަންނަ ބަދަލުތަކުގެ ޓެސްޓް ތަކުން ފާސްވެފައިވާ" ގުޅުމެއް ކަމަށް ވިދާޅުވެ - "އިތުރަށް ޢަދުލުވެރި އަދި އެކަށީގެންވާ ގްލޯބަލް ގަވަރނަންސް ނިޒާމެއް ބިނާ ކުރުމަށް" މޮސްކޯ އާއެކު މަސައްކަތް ކުރުމަށް ބެއިޖިންގ އިން ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވެފައެވެ.
މި ހަފްތާގެ ބައްދަލުވުންތައް މި ބޭއްވެނީ ޗައިނާ އިން ބައިނަލްއަޤްވާމީ މައިދާނުގައި އެ ގައުމުގެ ބާރު ދެއްކުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެއީ ހަމައެކަނި ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިޤްތިޞާދުގެ ގޮތުގައި ނޫން ކަމަށާއި ޑިޕްލޮމެޓިކް ބާރުވެރިއެއްގެ ގޮތުގައިވެސް މެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްތަކުން ދުނިޔޭގެ އިޤްތިޞާދީ ގުޅުންތައް ބަދަލުވަމުން ދާއިރު، ޝީ ވަނީ ޗައިނާ އަކީ އިތުބާރު ކުރެވޭ ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި ދައްކަވަން މަސައްކަތް ކުރައްވާފައެވެ.
މީގެ ކުރިން މި ދެ ގައުމުން ވަނީ އެ ދެ ޤައުމުގެ ގުޅުމަކީ "އިންތަކެއް ނެތް ރަޙްމަތްތެރިކަމެއް" ކަމަށް ބުނެފައެވެ.
ރަޝިޔާ އިން އުންމީދު ކުރަނީ ޗައިނާ އާއި އެހެން ޤައުމުތަކަށް ގޭސް އެކްސްޕޯޓު ކޮށްގެން ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ހުޅަނގުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ގެއްލުނު އާމްދަނީ ހޯދޭނެ ކަމަށެވެ.
ރަޝިޔާގެ ނިއުސް އޭޖެންސީތަކުން އަންގާރަ ދުވަހު ރިޕޯޓު ކުރި ގޮތުގައި ގޭސް ސަޕްލައި ކުރުމަށް ރޭވިފައިވާ ހުރިހާ ޕްރޮޖެކްޓްތަކެއް ފެށުމުން، ރަޝިޔާ އިން ޗައިނާ އަށް ޕައިޕްލައިން މެދުވެރިކޮށް ސަޕްލައިކުރާ ގޭހުގެ އަދަދު 106 ބިލިއަން ކިއުބިކް މީޓަރަށް އަރާނެއެވެ. އެހެން ނަމަވެސް އެއީ ޔުކްރެއިން އަށް ފުލްސްކޭލް ހަމަލާ ދިނުމުގެ ކުރިން ރަޝިޔާ އިން ޔޫރަޕިއަން ޔޫނިއަނަށް ފޮނުވި އަދަދަށް ވުރެ މާ ދަށް އަދަދެކެވެ.
ޝީ އާއި ޕުޓިން ވަނީ ހޯމަ ދުވަހު ޓިއަންޖިން ގައި ބޭއްވުނު ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ހުޅަނގުގެ ސަރުކާރުތަކަށް ފާޑުވިދާޅުވެފައެވެ. އަދި ޕުޓިން ވަނީ ރަޝިޔާ އިން ޔުކްރެއިން ގައި ހިންގާ އަސްކަރީ އޮޕަރޭޝަން ދިފާޢުކޮށް، ހަނގުރާމަ ފެށުމަށް މަގު ފަހި ކުރީ ހުޅަނގުން ކަމަށް ވިދާޅުވެފައެވެ.
ޝީ، އެސްސީއޯ މެންބަރުންނަށް "ހިތްވަރު ދެއްވާ ވިދާޅުވީ، ބްލޮކް ކޮންފްރޮންޓޭޝަނާއި، ބުލީ ކުރުމުގެ އަމަލުތަކާ ދެކޮޅަށް" މަސައްކަތް ކުރުމަށެވެ. މިއީ އެމެރިކާ އަށް ނުސީދާކޮށް ދެއްވި ބަހުުގެ ހަމަލާ އެއްގެ ގޮތުގައި ބެލެވެއެވެ.
އިންޑިއާ، އީރާން އަދި ޕާކިސްތާނުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވި މި ސަމިޓު ގައި ޕުޓިން ވިދާޅުވެފައި ވަނީ "ޒަމާންވީ ޔޫރޯ-ސެންޓްރިކް އަދި ޔޫރޯ-އެޓްލާންޓިކް މޮޑެލްތައް" ބަދަލު ކުރާނެ އައު ނިޒާމެއްގެ ބިންގާ އަޅާފައިވާ ކަމަށެވެ.
އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގ އަން ވެސް ބުދަ ދުވަހުގެ އަސްކަރީ ޕެރޭޑުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މިއީ ޚާއްޞަ ދަތުރެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ ދަތުރެކެވެ. އަންގާރަ ދުވަހު އޭނާގެ ޚާއްޞަ ރޭލުގައި ޗައިނާގެ ސަރަޙައްދަށް ވަޑައިގެންފައި ވަނީ މި ރަސްމިއްޔާތަށެވެ.
މިއީ ކިމްގެ ފުރަތަމަ މަލްޓިލެޓަރަލް ބައިނަލްއަޤްވާމީ ބައްދަލުވުމެވެ. އަދި މިއީ އެތައް އަހަރެއްގެ ފަހުން އުތުރު ކޮރެއާގެ ވެރިއަކު ޗައިނާގެ އަސްކަރީ ޕެރޭޑެއް ގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ - އެންމެ ފަހުން މިފަދަ ޕެރޭޑެއްގައި ބައިވެރިވެވަޑައިގެންފައި ވަނީ 1959 ގައި ކިމް ގެ ކާފަ، ނޯތު ކޮރެއާގެ ބާނީ ކިމް އިލް-ސަންގ އެވެ.
ޕެރޭޑު ގައި ހުޅަނގުގެ މާ ގިނަ ވެރިންތަކެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނުބެލެވެއެވެ. އެއީ ޔުކްރެއިން އަށް ރަޝިޔާ އިން ދިން ހަމަލާއާ އެ ގައުމުތަކުން ދެކޮޅު ހެދުމާއި، އެކަމާ ގުޅިގެން ޕުޓިންގެ ވެރިކަމުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
ބެއިޖިންގ އިން މިހާތަނަށް ވަނީ ޕުޓިންގެ ހަނގުރާމައަށް ފާޑު ކިޔުމުން ދުރުހެލިވެފައެވެ. އެމެރިކާ އާއި އެ ޤައުމުގެ އެކުވެރިން ވަނީ ޗައިނާ އިން ރަޝިޔާގެ ތެޔޮ ގަތުމުގެ ތެރެއިން ރަޝިޔާގެ ހަނގުރާމަ އަށް އެހީތެރިވާ ކަމަށް ތުހުމަތު ކޮށްފައެވެ - ބެއިޖިން އިން މިކަން ދޮގުކުރެއެވެ.
އެއާ ޚިލާފަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ވަނީ ރަޝިޔާ އިން ޔުކްރެއިން އަށް ދޭ ހަމަލާތަކަށް ހަތިޔާރާއި އަސްކަރީން ފޯރުކޮށްދީފައެވެ.