އަޑީތެޔޮ ހުސްވެގެން ބ. ކެންދޫ އިންޖީނުގެ ނިވި ކަރަންޓު ކެނޑުނު މައްސަލަ އެރަށު ކައުންސިލްގެ ފަރާތުން ފުލުހުންނަށް ހުށަހަޅާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހުމާން ވިދާޅުވެއްޖެއެވެ.
ބ. ކެންދޫ ފެނަކަ ބްރާންޗުގެ ޖެންސެޓްތަކަށް އަޅާ އަޑީތެޔޮ ނުލިބި އެތަނުގައި ހުރި އަޑީތެޔޮ ވެސް ހުސްވުމާއި ގުޅިގެން މުޅި ރަށުން ހޯމަ ދުވަހުގެ ރޭ ކަރަންޓު ކެނޑުނެވެ. އަދި ކައިރި އޮތް ކުޑަރިކިލުން އަޑީތެޔޮ ގެނެސްގެން ފަހުން އިންޖީނުތައް އަލުން ޖައްސާ ރަށަށް ކަރަންޓް ދީފައިވަނީ ދަންވަރުވި ފަހުންނެވެ.
ކެންދޫ އިން ކަރަންޓު ކެނޑުނު މައްސަލައިގައި ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހުމާން ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އަޑީތެޔޮ ހުސްވެގެން އިންޖީނުތައް ނިވި މުޅި ރަށުން ކަރަންޓު ކެނޑުމަކީ އާދައިގެ މައްސަލައެއް ނޫން ކަމަށާއި، މިކަމުގައި ކޮންމެވެސް ބައެއްގެ އިހުމާލެއް އަދި ޒިންމާ ނަގަންޖެހޭ ފަރާތްތަކެއްވެސް ވާނެ ކަމަށެވެ.
އެހެންކަމުން މިކަމުގައި ޒިންމާ ވާންޖެހޭ ފަރާތްތައް ބަލައި ކަރަންޓު ކެނޑުނު މައްސަލަ ފުލުހުންނަށް ކައުންސިލްގެ ފަރާތުން ހުށަހަޅާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ކަރަންޓު ކެނޑުނު މައްސަލައިގައި ފެނަކައިގެ އިސްވެރިއަކާ ވެސް ވާހަކަ ނުދެކެވުނު ކަމަށެވެ. އަދި މިކަމާއި ގުޅިގެން ގުޅުމުން ފޯނަށް ވެސް ޖަވާބެއް ނުދެއްވާ ކަމަށެވެ. ނަމަވެސް އަންގާރަ ދުވަހު ފެނަކަ ބުރާންޗުގެ އިސްވެރިންނާއި މުއާމަލާތް ކުރެވިފައިވާ ކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ކަރަންޓު ކެނޑުނީ އިހުމާލުން ނޫންކަމުގައިވާނަމަ، މިއީ ރައްޔިތުންނާއި ސަރުކާރާ ޖެއްސުމަށް ގަސްދުގައި ބަޔަކު ކުރާ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ، އެންމެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެނެވި ދުވަހުގެ ކުރީ ރޭ ފެނަކައަށް އިތުރު 10 މުވައްޒަފުން ނެގި ކަމަށެވެ. އަދި އެތަނުގައި މިހާރު ޖުމްލަ 26 މުވައްޒަފުން ތިބޭ ކަމަށެވެ. އެހެންކަމުން ޒިންމާތަކެއް ހަވާލުވެ މަސައްކަތް ކުރަން ގިނަ އަދަދެއްގެ މުވައްޒަފުން ތިބި އިރު އެފަދަ ކަމެއް ދިމާވެގެން ނުވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކެންދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށާއި، ރަށު މެދުތެރޭގައި ހުރި އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އައު އިންޖީނުގެއެއް އަޅައި މަސައްކަތް ވަނީ ނިމިފައެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އިންޖީނުގެ ރިލޮކޭޓް ކުރުމުގެ މަސައްކަތް ނުކޮށް އޮންނަތާ 2 އަހަރުވާން ކައިރިވެފައިވެއެވެ.
ކެންދޫ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި އެތައް ދުވަހެއް ވެފައިވާ އިރު، މިދިޔަ ރޯދަ މަހުވެސް އެ ރަށުން ކަރަންޓް ކެނޑި ރައްޔިތުން ދިޔައީ އެކަމުގެ ތަކުލީފު އުފުލަމުންނެވެ.