ދެހާސް ތިރީސް ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އިންޑިއާ ގައި ބޭއްވުމަށް އެ ގައުމުން ރަސްމީކޮށް ބިޑު ކޮށްފި އެވެ.
އިންޑިއާގެ އަހްމަދު އާބާދުގައި 2030 ވަނަ އަހަރު ކޮމަންވެލްތު ގޭމްސް ބޭއްވުމަށް އިންޑިއާ އިން މަސައްކަތް ކުރަނީ 2036 ވަނަ އަހަރު އޮންނަ ހޫނު މޫސުމުގެ އޮލޮމްޕިކްސް ވެސް ހަމަ އެ ސިޓީގައި ބޭއްވުމަށް އެގައުމުން ކުރާ ބިޑު ކާމިޔާބު ކުރުމަށް އެހީއެއްގެ ގޮތުންނެވެ.
ލަންޑަނުގައި ހުންނަ ކޮމަންވެލްތު ގޭމްސް ހެޑްކުއާޓާސް އަށް މިދިޔަ ހުކުރު ދުވަހު އިންޑިއާގެ އޮލިމްޕިކް ކޮމިޓީ އިން ވަނީ ބިޑު ހުށަހަޅާފައި އެވެ.
އިންޑިއާ އިން ދެކޭ ގޮތުގައި 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އަހްމަދު އާބާދުގައި ކާމިޔާބުކަމާ އެކު ބޭއްވިއްޖެ ނަމަ، 2036 ވަނަ އަހަރުގެ އޮލިމްޕިކްސް އެސިޓީ ގައި ބޭއްވުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދެވުނީ އެވެ.
އިންޑިއާގެ އިތުރުން ކެނެޑާ އާއި ނައިޖީރިއާ އިން ވެސް 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ބޭއްވުމަށް ބިޑު ކޮށްފައިވެ އެވެ. އެ ގޭމްސް ބާއްވާނެ ސިޓީއެއް ފައިނަލު ކުރާނީ އަންނަ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ގްލާސްގޯގައި ބާއްވާ ކޮމަންވެލްތު ސްޕޯޓް ޖެނެރަލް އެސެމްބްލީގަ އެވެ.
މާލީ ސަބަބު ތަކަށްޓަކައި ކޮމަންވެލްތު ގޭމްސް ބާއްވާނެ ސިޓީތައް ހޯދުން މިހާރު ވަނީ ދަތި ކަމަކަށް ވެފަ އެވެ. އަންނަ އަހަރު އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގައި އޮލިމްޕިކްސް ބާއްވަން ނިންމާފައި ވަނިކޮށް، މާލީ ދަތިތަކާ ހުރެ ކަމަށް ބުނެ ކުޅިވަރުތައް ނުބޭއްވޭނެ ކަމަށް އެ ސްޓޭޓް ސަރުކާރުން އެންގި އެވެ.
އެހެންކަމުން އަންނަ އަހަރުގެ އެޑިޝަން އޮންނާނީ ގްލާސްގޯގަ އެވެ. އަދި 2022 ވަނަ އަހަރު ދެކުނު އެފްރިކާގެ ޑާބަންގައި ބާއްވަން އޮތް މުބާރާތް ނުބޭއްވޭ ނެކަން ދެކުނު އެފްރިކާއިން އެންގުމުން، އެ އަހަރު މުބާރާތް ބޭއްވީ ބާމިންހަމްގަ އެވެ.