Advertisement
ކ. މާލެ
|
28 އޯގަސްޓް 2025 | ބުރާސްފަތި 12:38
ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލް ކުރާ ބިލު
ނޫސްވެރިންގެ މިިނިސްޓަރު އަސްވާޑު ވިދާޅުވީ ބިލަށް އިސްލާހު ގެނެވިދާނެ ކަމަށް، ބިލު ބޭރުކުރަން ތާއިދެއް ނުކުރި އަދި އޮތް އެއްޗެއްވެސް ވިދާޅެއް ނުވެވުނު
މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އިސްލާހު ގެނެވިދާނެ
ބިލުގައި ކަންބޮޑުވާ ކަންކަން ހުރި ކަމަށް ވިދާޅުވެ އެ ކަންކަން ވިދާޅުވާން ނޭނގި ބިލަށް ތާއީދުކުރާ މޭރުމުން މިނިސްޓަރު ވާހަކަ ދެއްކެވި
ނޫސްވެރިކަމަށް މިނިސްޓަރު ލޯބިކުރާނަމަ މި ސަރުކާރުގެ މިނިސްޓަރުކަމުގައި މިއަދު ނުހުންނަވާނެ ކަމަށް ނޫސްވެރިން ބުނެފައިވޭ

މިނިވަން މީޑިއާ މަރާލާ، ނޫސްވެރިން ޖަލަށްލައި ނޫސްތަކާއި ޓީީވީތައް ބަންދުކުރެވޭ ގޮތަށް އޮތް މީޑިއާ ބިލަށް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އިސްލާހު ގެނެވިދާނެ ކަމަށާއި، އެ ބިލުގައި ކަންބޮޑުވާ ކަންކަން ހުރިކަމަށް ވިދާޅުވެ އެ ކަންކަން ޔޫތް މިިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އަށް ވިދާޅުވާން ނޭނގި ބިލަށް ތާއިދުކުރާ މޭރުމަކުން ވާހަކަ ދައްކަވައިފިއެވެ.

ކޮމިޓީ މަރުހަލާގައި ބިލަށް އިސްލާހު ހުށަހެޅިދާނެކަމަށް މިނިސްޓަރު އަސްވާޑު ވިދާޅުވީ ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރަން ތިބި ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މީޑިއާގައި ތަޅު ނާޅުވާނެ ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް ބިލުގައި އޮތީ ނުރައްކާތެރި ވާހަކަތެއް ކަމަށް ނޫސްވެރިން ބުނުމުން މިިނިސްޓަރު އަސްވާޑު ވިދާޅުވީ ހިރިގާ ޒާހިރު ނޫސްވެރިކަމަށް ލޯބިކުރާ ވަރަށް އޭނާ ވެސް ނޫސްވެރިކަމަށް ލޯބިކުރާ ކަމަށެވެ.

މިނިސްޓަރު އަސްވާޑުގެ މި ވާހަކައާއެކު ނޫސްވެރިން ބުނަމުން ދިޔައީ ނޫސްވެރިކަމަށް މިނިސްޓަރު ލޯބިކުރާނަމަ މި ސަރުކާރުގެ މިނިސްޓަރުކަމުގައި މިއަދު ނުހުންނަވާނެ ކަމަށެވެ.

އެއީ މިނިސްޓަރަކަށް ނުހުންނަންވީ ސަބަބެއް ނޫން އިނގޭތޯ؟ މިހާރު އިސްލާހުކުރެވެން އޮއްވާ އިސްލާހު ކުރާނީ. ހިރިގާ ނޫސްވެރިކަމަށް ކުރާ އިހުތިރާމް އަހަރެންވެސް ކުރާނަން. ތީގައި ހުރި ހުރިހާ އެއްޗަކަށް އަހަރެން އެއްބަހެއް ނޫނޭ. އެއްބަސްނުވާ ކަންކަމުގެ ވާހަކަ ދައްކަންވެއްޖެއްޔާ އަންނަންވީ ހަމަ ރީއްޗަށް ވާހަކަދައްކަން. އެއްބަސް ނުވާ ބައިވަރު ކަންކަން އެބަހުރި. ނޫސްވެރިކަމަށް ހިޔަނި އެޅޭ އެއްވެސް ކަމަަކަށް އަހަރެން ވަކި އެއްބަހެއް ނުވާނަން.

ޔޫތް މިިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)

ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ބިލުގައި އޮތް އެއްބަސްނުވާ ކަމެއް މިނިސްޓަރު އަސްވާޑަކަށް ވިދާޅެއް ނުވެވުނެވެ. އަދި ބިލު މަޖިލީހުން ބަލައިގަތުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓަރު އަސްވާޑު ވިދާޅުވިއެވެ.

ބަލައިގަތުމުގައި ނެތް އެއްވެސް މައްސަލައެއް.

ޔޫތް މިިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)

ދެފުށް ފެންނަ ގޮތަކަށް ޖަވާބު ދެއްވުމަށް ނޫސްވެރިޔަކު އެދުމުން ރުންކުރު ގޮތަކަށް އަސްވާޑު ވިދާޅުވީ ތިބޭފުޅާ ބޭނުންވާ ގޮތަކަށް އަޅުގަނޑު ޖަވާބު ދޭން ނުޖެހޭނެ ކަމަށެވެ.

އަދި ނޫސްވެރިން އުލު ބައިންދަން ޖެހޭ ކަމަށް ފަލާހު ވިދާޅުވި ވާހަކައާއި ގުޅިގެން ނޫސްވެރިންގެ މިނިސްޓަރު އަސްވާޑު އެކަން ކުށްވެރިކުރާނަންތޯ ތަކުރާރުކޮށް ސުވާލުކުރުމުންވެސް ވިދާޅުވީ އެއީ އޭނާ ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ. އަދި ނޫސްވެރިން ސުވާލުތަކަށް ޖަވާބެއް ނުދެއްވަ މިނިސްޓަރު އަސްވާޑު ވަނީ އެތަނުން ވަޑައިގަންނަވާފައެވެ.

- ކޮމެންޓް