Advertisement
ކ. މާލެ
|
28 އޯގަސްޓް 2025 | ބުރާސްފަތި 11:39
ރައީސް އޮފީސް ކުރިމަތީގައި ހަދާފައިވާ މީޑިއާ ފެންޑާގައި ތިބި ނޫސްވެރިންނާއި ހަލީލު ވާހަކަ ދައްކަވަނީ
ރައީސް އޮފީސް ކުރިމަތީގައި ހަދާފައިވާ މީޑިއާ ފެންޑާގައި ތިބި ނޫސްވެރިންނާއި ހަލީލު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލް ކުރާ ބިލު
ނޫސްވެރިން މަރާލަން ފަލާހު ގޮވި ވާހަކަ ސަރުކާރުން ކުށްވެރި ނުކުރި
މަޖިލީހުގެ ތަޅުމުގައި މެންބަރަކު ދައްކާ ވާހަކައަށް ކޮމެންޓެއް ނެތް
މީޑިއާގެ މިނިވަންކަން ނަގާލާ ނޫސްވެރިން ޖަލަށްލެވޭ ގޮތަށް ފަރުމާކޮށްފައި އޮތް ބިލުގެ ބަހުސްގައި ފަލާހު ނޫސްވެރިން މަރާލަން ގޮވާލި
ނޫސްވެރިން އަންނަނީ ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުން

ނޫސްވެރިން މަރާލުމަށް ހިތްވަރުދޭ ގޮތަށް ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްކި ވާހަކަ ސަރުކާރުން ކުށްވެރި ނުކުރިއެވެ.

ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ފަލާހުގެ ގޯސް ވާހަކަތައް ނޫސްތަކުގައި ޖަހާތީ އެކަމުގެ ރުޅީގައި މަޖިލީހުގެ ތަޅުމުގައި މީޑިއާގެ މިނިވަންކަން ނަގާލާ ނޫސްވެރިން ޖަލަށްލެވޭ ގޮތަށް ފަރުމާކޮށްފައި އޮތް ބިލުގެ ބަހުސްގައި ފަލާހު ވިދާޅުވީ "އަޅުގަނޑާއި ވައްތަރު މީހެއްގެ ފޮޓޯ ޖަހައިގެން އަޅުގަނޑަކީ އެއްޖިންސުން؛ އަޅުގަނޑުގެ ތިބޭ އަނބިދަރިން ވެސް. ބޮޑެތިވެފައި ތިބި ދަރިން އެބަ ތިބި. ކުދި ދަރިން އެބަ ތިބި. މިއީތޯ މީދިއާ މަސައްކަތް ކުރާ ގޮތް އިއްޒަތްތެރި ރައީސް؟ މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން، އުލު ބައިންދަންވީ. އުލު ބައިންދަންވީ އިނގޭތޯ ރައީސް. އުލު ސީދާ ބައިންދަންވީ އެގޮތަށް މަސައްކަތް ކުރާ ބޭފުޅަކު."

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ، ނޫސްތައް ބަންދުކޮށް ނޫސްވެރިން ޖަލަށްލެވޭގޮތަށް ސަރުކާރުގެ ފަރާތުން މިނިވަން މެންބަރު އެހެންނަމަވެސް ޕީއެންސީއަށް ތާއިދުކުރާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން ހުށަހެޅުއްވި ބިލާއި ގުޅިގެން ނޫސްވެރިން އަންނަނީ ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ. އެ ސަރަހައްދަށް މީޑިއާތަކުގެ ބެލެނިވެރި މިނިސްޓަރު، އިބްރާހީމް ވަހީދު (އަސްވާޑު) އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލަށް ފޯނުން ގުޅިއިގެން ނޫސްވެރިން ބައްދަލުކުރަން އެދުމުން ނުކުމެފައިވެއެވެ.

އެއާއެކު އިހުތިޖާޖުގައި ތިބި ނޫސްވެރިން ވަނީ މެންބަރު ފަލާހު މަޖިލީހުގައި ނޫސްވެރިން މަރާލުމަށް ގޮވާލި ވާހަކަ ސަރުކާރުން ކުށްވެރިކުރަންތޯ ނުވަތަ ނޫންތޯ ތަކުރާރުކޮށް ސުވާލުކޮށްފައެވެ.

މެންބަރެއް ވިޔަސް، މިނިސްޓަރެއް ވިޔަސް އެބޭފުޅާ ދައްކަވާ ވާހަކައިގެ ޒިންމާ ވާންޖެހޭނީ އެބޭފުޅާ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު

ތަކުރާރުކޮށް އެ ސުވާލު ކުރުމުން ހަލީލު ވިދާޅުވީ ތެދުތެދަށް ދަންވާނަމަ ފަލާހު އެހެން ވިދާޅުވާ އަޑު އޭނާއަށް ނީވޭ ކަމަށެވެ. ނަމަވެސް ބުދަ ދުވަހުން ފެށިގެން މުޅި މީޑިއާގައި ރައީސް އޮފީހާއި ރައީސް މުއިއްޒުއާއި ޕީއެންސީ ޓެގްކޮށް އާންމުންނާއި ނޫސްވެރިން އަންނަނީ އެވަހާކަ ދައުރުކުރަމުންނެވެ.

މިއާއެކު ރައީސް އޮފީސް ކުރިމަތީގައި ތިބި ނޫސްވެރިން ވަނީ ފަލާހު އެހެން ވިދާޅުވާ ތަން އަޑުއިއްވާފައެވެ. ނަމަވެސް ފަލާހު އެހެންވިދާޅުވި ވާހަކަ އަޑު އަހަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ބޭނުން ނުވާކަން ދެއްކުމުން އެ އަޑުއެހުމަށް ނޫސްވެރިން އެދުމުން އަސްވާޑު ވިދާޅުވީ ޒުވާބުކުރަން ނުވާނެ ކަމަށެވެ.

އަދި ފަލާހު ދެއްކި ވާހަކަ ހަލީލަށް އަޑު އިއްވުމުން، ހަލީލު ވިދާޅުވީ މަޖިލިސް ފްލޯރ ގައި އެއްވެސް މެންބަރަކު ދައްކާ ވާހަކައަށް ކޮމެންޓް ކުރައްވަން ބޭނުންނުވާ ކަމަށެވެ.

މަޖިލިސް ފްލޯގައި މަޖިލިސް އެއްވެސް މެންބަރަކު ދައްކާ އެއްވެސް ވާހަކަފުޅަކަށް އަޅުގަނޑު ކޮމެންޓްކުރާކަށް ނެތިން.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު

ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވާ ހަލީލު ވިދާޅުވީ މީޑިއާގައި ތަޅު އެޅުވޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

ސަރުކާރަށް ތާއިދުކުރާ 49 މެންބަރުންގެ ވޯޓާއެކު މި ބިލު ވަނީ މަޖިލީހަށް ބަލައިގަނެފައެވެ. އަދި މި ބިލަށް އިސްލާހު ގެންނަން ދަންނަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ބިލަށް ރައީސް މުއިއްޒު ވެސް ތާއީދުކުރައްވާކަން ހާމަވެފައިވެއެވެ.

- ކޮމެންޓް