މީޑިއާ ބިލުގައި ހިމެނޭ ކޮމިޓީއަށް އައްޔަން ކުރާ ރައީސް ކޮމިޝަނަށް އައްޔަން ކުރަން ދޫކޮށްލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހު ގެންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ނުފޫޒު ނެތް ގޮތަކަށް ރައީސަކު އައްޔަން ނުކުރެވޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
މެންބަރު ޒިޔާދު ވިދާޅުވީ ޖަޒުބާތުގައި ޖެހިގެން ނަމަވެސް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކައަކީ ކަންބޮޑުވާ ވާހަކަތަކެއް ކަމަށެވެ. އަދި މީޑިއާ ކޮންޓްރޯލް ކުރާ ބިލުގައި ހިމެނޭ 7 މެންބަރުންގެ ކޮމިޓީއަށް ރައީސް އައްޔަން ކުރުމުގެ ބާރު ދޫކޮށްލައްވަން އިސްލާހު ގެނައުމަށް ރައީސް ވިދާޅުވާއިރު، އެމަނިކުފާނު އެގޮތަށް ވާހަކަފުޅު ދައްކަވަނީ ކާކަށް އޮޅުވާލަންތޯ ޒިޔާދު ސުވާލު އުފެއްދެވިއެވެ.
އެ ބިލަށް ނުފޫޒު ފޯރުވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، ތިން މެންބަރުން އައްޔަން ކުރަނީ މަޖިލީހުންނޭ ކަމަށް ބުނެ އެ ދައްކާ ވާހަކަފުޅަކީ އޮޅުވާލާ ދަށު ދަރަޖައިގެ ވާހަކައެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.
އޭގައި ލިޔެފައި އެބަ އޮވޭ ވަރަށް ރީތިކޮށް އެ މާއްދާގައި ލިޔެފައި އެބަ އޮވޭ ރައީސް ފޮނުއްވާ ނަންތަކޭ. ފޮނުވަންވާ ގޮތްވެސް އެބައޮތް. ފޮނުވީމާ ރައްޔިތުންގެ މަޖިލީހުން ރުހުންދެނީ. އޭގެ މާނައަކީ ރައްޔިތުން މަޖިލީހުން ނެގުން ކަމުގައި ވަނީނަމަ، ގާނޫނުއަސާސީގައި އެބައޮވޭ ވަޒީރުންގެ މަޖިލިސް ވެސް އެކުލަވާލާނެ ގޮތް. ވަޒީރުންނަކީ ކޮބާ، ސުވާލުކުރާނެ ގޮތާ ހުރިހާ އެއްޗެއް އެބަ އޮތް. ވަޒީރުންގެ މަޖިލިސް އެކުލަވާލަނީ ކާކު؟ ރައްޔިތުންގެ މަޖިލީހަކުން ނޫން. ރައީސުލްޖުމްހޫރިއްޔާ. ހަމަ އެ އިބާރާތް އޮތީ މީގައިވެސް. އެހެންނަމަވެސް ރައީސް ވިދާޅުވީ ތިމަންނައާއި ބެހޭ ކަމެއް ނޫނޭ. އެހާ ހިސާބުން އެ ސިކުންތުކޮޅުގައި އަޅުގަނޑަށް ގަބޫލުކުރެވުނު މިއީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ބިލެއް ކަމަށް.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު![]()
ޒިޔާދު ވިދާޅުވީ އެއްކޮމިޝަނަށް ނުފޫޒު ފޯރުވަން ބޭނުން ނުވާތީ އެ ފުރުސަތު ކޮމިޝަނަށް ދެއްވާނެ ކަމަށް ވިދާޅުވާއިރު އޭސީސީއާއި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވުމަށް ކޮމިޝަންގެ ރައީސް ކަނޑައަޅުއްވަނީ އެމަނިކުފާނު ކަމަށާއި، އެހެންކަމުން މިއީ ސުވާލު އުފެދޭ ކަންކަން ކަމަށެވެ.
އެއްކަމެއްގައި ދެގޮތަކަށް ރައީސް އަމަލުކުރައްވާ އިރު، މިއީ ސާފުކޮށްދޭންޖެހޭ ކަންކަން ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކޮންޓްރޯލް ރައީސް ނެންގެވީ ވެސް ގާނޫނޫއަސާސީއަށް ބަދަލު ގެންނަވައިގެން 3 ގަޑި އިރު ތެރޭގައި ކަމަށާއި، މީޑިއާ ބިލުގައި ހިމެނޭ ކޮމިޓީގައި 7 މެންބަރުން މަޖިލީހުން ނަގަން ޖެހުނަސް ރައީސްގެ ނުފޫޒު އެކަމަށް އޮންނާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
7 މެންބަރުންގެ ތެރެއިން 3 މެންބަރުންތާ މިހާރު އެ ތިބީ. 7 މެންބަރުން މަޖިލީހަށް ނަގަންދިނަސް ނަގާނީ ކިހިނެއްތޯ؟ ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާ. ކޮމިޓީގައި އިންނަނީ ރައީސުލްޖުމްހޫރިއްޔާ. މަޖިލީހުން ބަލައިގަންނަނީ ރައީސުލްޖުމްހޫރިއްޔާ. އެއަށް ވޯޓުލާނީ ވެސް ރައީސުލްޖުމްހޫރިއްޔާ. ދެން ޕީއެންސީ ޕީޖީ ލީޑަރު ވިދާޅުވިހެން ތިބޭނެ ރައްޔިތުން ދެއްވި ވަރަށް އެމްޑީޕީގެ 12 މެންބަރުން. ނަމަވެސް އެކަކުވެސް ހައްގު ބަސް ބުނެފިނަމަ އެ ވާނީ ހަމަ ހައްގު ބަހަށް.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު![]()
ޒިޔާދު ވިދާޅުވީ މީޑިއާ ބިލަކީ އިސްލާހު ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ބިލެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، އެ ބިލަކީ އެއަށްވުރެ ގޯސްކޮށް އޮތް ބިލެއް ކަމަށެވެ.
މަޖިލީހުން މި ބިލު ބަލައިގެންފައިވަނީ އެ ބިލާމެދު އެތައް ކަންްބޮޑުވުމެއް ނޫސްވެރިން ފާޅުކުރަމުން ދަނިކޮށެވެ. އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.