Advertisement
ކ. މާލެ
|
28 އޯގަސްޓް 2025 | ބުރާސްފަތި 08:38
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެކްސް
މީޑިއާ ކޮންޓްރޯލް ބިލު
މީޑިއާ ކޮންޓްރޯލް ކުރާ ބިލު ތަސްދީގު ނުކުރުމަށް ރައީސް ނަޝީދު ވެސް ގޮވާލައްވައިފި
ނަޝީދު ވިދާޅުވީ ބިލު ތަސްދީގު ނުކުރުމަށް މި ގޮވާލައްވަނީ ކުރީގެ ލިޔުންތެރިއެއްގެ ހައިސިއްޔަތުން ކަމުގައި
މީޑިއާ ބިލަކީ ބްރޯޑްކާސްޓް ކުރުމާއި ނޫސްވެރިކަން ސަރުކާރުން ކޮންޓްރޯލް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބިލެއް
ނޫސްވެރިންނާއި އެމްޑީޕީ އާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން މި ބިލު ބޭރުކުރުމަށް ގޮވާލައްވައިފި

ސަރުކާރުގެ ފުރިހަމަ ތާއީދާ އެކު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލު ތަސްދީގު ނުކުރުމަށް ރައީސް މުއިއްޒު އަށް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ބުރާސްފަތި ދުވަހު ވިދާޅުވީ، ބިލު ތަސްދީގު ނުކުރުމަށް މި ގޮވާލައްވަނީ ކުރީގެ ލިޔުންތެރިއެއް ގެ ހައިސިއްޔަތުންނާއި ކުރީގެ "ޟަމީރުގެ ގައިދީއެއްގެ" ހައިސިއްޔަތުން ކަމުގައެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ރައީސް ޑރ. މުޢިއްޒު މީޑިއާ ބިލު ތަސްދީޤު ނުކުރެއްވުމެވެ."

ސަރުކާރަކުން މީހުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ކޮންމެ ފަހަރަކު، އެ ޤައުމެއް މިނިވަންކަން ކުޑަވެ، ފުދުންތެރިކަން ދަށްވެގެން ދިޔުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބްރޯޑްކާސްޓް ކުރުމާއި ނޫސްވެރިކަން އިންތިހާ އަށް ސަރުކާރުން ކޮންޓްރޯލް ކުރެވޭ ގޮތައް ފަރުމާ ކޮށްފައިވާ މި ބިލު ބޭރު ކުރުމަށް ރާއްޖޭގެ ނޫސްވެރިންނާއި، ނޫސްވެރިންނާ ބެހޭ ޖަމްއިއްޔާ އިންނާއި، އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން ގޮވާލާފައިވާއިރު، ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަކާލާތު ކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ތަކުން ވެސް ވަނީ މި ބިލު ބޭރު ކުރުމަށް ގޮވާލާފައެވެ.

ބިލު މަޖިލީހުން ބޭރު ކުރުމަށް އެމްޑީޕީ އާއި ނޫސްވެރިން ރައްޔިތުންގެ މަޖިލިސް ކުރާ ގޭ ދޮށުގައި ބުދަ ދުވަހު އިހްތިޖާޖު ކުރަމުން ދަނިކޮށް ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ބިލު ބަލައި ގަތުމަށް ފާސް ކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ބިލު ފޮނުވާފައެވެ.

ބިލާ ދެކޮޅަށް އަޑު އުފުލާ އިހްތިޖާޖު ކުރި ބައެއް ނޫސް ވެރިން ވަނީ ގަދަ ބާރުން ދުރައް ޖައްސައި، އަދި ބައެއް ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެހެން ނަމަވެސް ފަހުން ފުލުހުން ވަނީ އެ ނޫސްވެރިން ވަނީ ދޫކޮށްލާފައެވެ.

މަސްދަރު: އެކްސް
- ކޮމެންޓް