ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ބުނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ބުދަ ދުވަހުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.
އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތަކީ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި އެކަމަށް އެދި ހުށަހެޅޭނީ އެކަމަށްޓަކާ ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލައި އާންމުކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
ޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިގާލީ މަރްހަލާގައި، ރާއްޖޭގެ ހުރިހާ މީޑިއާ ތަކާއެކު "މީޑިއާ ގުންޒަރު"ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވަނީ މީޑިއާގެ ކަންކަން ގެންދާނެ ގޮތުގެ ޚިޔާލު ހޯއްދަވައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން މީޑިއާތަކަށް ދެއްވާފަ އެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރުގެ ފައިސާ އެވެ.
އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ.