މިނިވަން މީޑިއާ ތަޅު އަޅުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް މުޒާހަރާ ކުރި ނޫސްވެރިންނަށް އަނިޔާވެރިވެ ހައްޔަރު ކުރަން ފަށައިފި އެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 4 ނޫސްވެރިން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ސިޓިޒެން ނޫހުގެ މޫސާ ރަޝީދު، އަދަދު ނޫހުގެ އަހުމަދު އާއިދު އާއި ޝަހުޒާން އާއި ދައުރު ނޫހުގެ މުޒައްޔިމް އަދި އެމްވީ ޕްލަސްގެ ލަމްޔާ ކިޔާ ނޫސްވެރިއަކު ހިމެނެ އެވެ. އަދި ރައީސް އޮފީސް ކުރިމަތީ މުޒާހަރާ ނުކުރުމަށް ޝަރުތުކޮށް އަދަދު ނޫހުގެ ނޫސްވެރިޔާ މިހާރު ވަނީ ދޫކޮށްލާފައެވެ
ނޫސްވެރިން ރައީސް އޮފީސް ކުރިމައްޗަށް ދިޔައީ ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވުމަށްފަހު އެވެ. ރައީސް އޮފީސް ކައިރިއަށް ނޫސްވެރިން އެއްވި އިރު، ރައީސް މުހައްމަދު މުޢިއްޒު ހދ. ގެ އަތޮޅުތަކަށް ކުރެއްވި ދަތުރަށްފަހު ވަނީ މާލެ ވަޑައިގެންފަ އެވެ.
މިނިވަން މީޑިއާގެ ބާރު ރައީސް މުއިއްޒަށް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ އެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ބަހުސް ކުރިއިރު ވެސް ނޫސްވެރިން އެއްވި އެވެ. އެ ބިލުގެ ބަހުސް ނިމުނީ ކަމަށް ހެނދުނުގެ ދަންފަޅީގައި އިއުލާނު ކުރުމަށްފަހު އަނެއްކާ މެންދުރުފަހު ދަންފަޅީގައި ބިލުގެ ބަހުސް ފަށައި ބިލު ބަލައިގަންނަން ވަނީ ފާސްކޮށްފަ އެވެ.