ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ނައްތާލާ ބިލުގެ ކަންބޮޑުވުން ބޮޑުވެ، އެ ބިލު ބޭރުކޮށްދިނުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙު އަށް ނޫސްވެރިން ގޮވާލައިފި އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅާފައިވާ ބިލުގެ ބަހުސް ވަނީ ބުދަ ދުވަހު އޮތް ދައުރުން ބޭރުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފަ އެވެ.
އެ ބިލާ އެއްކޮޅަށް ޕީއެންސީގެ ގިނަ މަޖިލިސް މެމްބަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔަ ވަގުތު މަޖިލީހުގެ ގެލަރީގައި ގިނަ އަދަދެއް ނޫސްވެރިން ހިމޭން އިހުތިޖާޖު ކޮށްފަ އެވެ. އޭގެ ކުރިން މަޖިލިސް ޖަލްސާ ފެށުމުގެ ކުރިން ނޫސްވެރިން ވަނީ މަޖިލިސް އިދާރާގެ ދޮރު މަތީގައި ވެސް އިހުތިޖާޖު ކޮށްފަ އެވެ.
މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި އަށް ފަހު، މެމްބަރުން ވަނީ މަޖިލީހުގެ ކުޑަ ދަށަށް ވަޑައިގެންފަ އެވެ. އެ ވަގުތު މެމްބަރު ފަލާޙު ވެސް އިންނެވީ ގޮނޑީގަ އެވެ. އެއާ އެކު ނޫސްވެރިން ވަނީ މަޖިލީހުގެ ފާރު ކައިރި އަށް އެއްވެ، ބިލު ބޭރުކޮށްދިނުމަށް ފަލާޙު އަށް ގޮވާލައިފަ އެވެ.
ނޫސްވެރިން ގޮވާލާފައި ވަނީ، "ފަލާޙު ޕްލީސް ރިމޫވް ދަ ބިލް" މިހެންނެވެ. ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ އެ ސަހަރައްދަށް އެއްވެ، އިހުތިޖާޖުގެ ތެރެއިން އެހެން ގޮވާލައިފަ އެވެ.
ނޫސްވެރިން ފަލާޙު އަށް މިހެން ގޮވާލާފައިވާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނު ވެސް ވަނީ ފަލާޙުއާ އެ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.
އެގޮތުން އޭރު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިއްބަވައި ވައިބާ ގުރޫޕެއްގެ ތެރޭގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން މެމްބަރުންގެ މެދުގައި ހޫނުވެފައި ވަނިކޮށް، އެ ގުރޫޕުގައި ރައީސް ޔާމީން ލިޔުއްވާފައި ވަނީ "އަޅުގަނޑު މި ނިކުތީ މި ޕޭޖުން ... ފަލާހް ޕްލީޒް ރިމޫވް މީ" މިހެންނެވެ.
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް ނޫސްވެރިން އަދި މީޑިއާ ތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. އެެގޮތުން އެ ބިލު ފާސް ނުކުރުމަށާއި، އެ ބިލު މަޖިލީހުން ބޭރުކޮށްލުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
އެ ބިލާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ އެ ޕެޓިޝަންގައި ސޮއި ކޮށްފަ އެވެ.