ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގައި ފުރިހަމަ ޑިކްޓޭޓަރޝިޕެއް ހިންގެވުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް އަޑު އުފުލުމަށް ރައްޔިތުންގެ މަޖިލިސް ސަރަހައްދަށް އެމްޑީޕީގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވަނީ އެއްވެފަ އެވެ. އެސަރަހައްދުގައި ހުންނަވައި މެންބަރު މައުރޫފް ވިދާޅުވީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކުގެ ދިފާއުގައި މިވެރިކަން އައިންސުރެ އެމްޑީޕީން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
މެންބަރު މައުރޫފް ވިދާޅުވީ ރައްޔިތުން ހާލުގައި ޖައްސާފައިވާ ކަމަށާއި، މި ސަރުކާރުން މީޑީއާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ފުރިހަމަ ޑިކްޓޭޓަރޝިޕެއް ހިންގުމަށް ކަމަށެވެ.
މީގެ ކުރީގައި 5 އަހަރުގެ ވެރިކަމެއް ނިންމާލިން. އަސާސީ ހައްގެއް ގެއްލިދާނެ ކަމަށް ހީވެގެން ވެސް މީހަކު ކަންބޮޑުވެގެން އުޅުނުތަނެއް ނުފެނޭ. މިވެރިކަން އައިސްކުރެ އަޅުގަނޑުމެންނަށް މިފެންނަނީ އެންމެ އަސާސީ ހައްގުތައް ގެއްލިގެން ރައްޔިތުން އަބަދާއަބަދު މަގުމައްޗަށް ނުކުމެ ތިބެންޖެހޭ މަންޒަރު. ހަގީގަތުގައި ރައްޔިތުން ވަރަށް ހާލުގައި ވަރަށް ނިކަމެތިކޮށް ރައްޔިތުން ތިބީ. މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް އަޑު އުފުލަން ނުޖެހޭ ހާލަތަށް ރައްޔިތުންގެ ހާލަތު ޖައްސާފައި. އަދި މިވާހަކަތައް އެންމެ ރަނގަޅަށް ރިޕޯޓު ކުރަމުންދާ މީޑިއާތައް ކޮންޓްރޯލް ކުރުމަށްޓަކައި ފުރިހަމަ ޑިކްޓޭޓަރޝިޕެއް ދިވެހިރާއްޖޭގައި ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ކަންތައްތައް އެންމެ ފަހު ކަމެއްގެ ގޮތުގައި މީޑިއާ ކޮންޓްރޯލް ކުރަން މިނިވަން މެންބަރެއް ލައްވާ ރައްޔިތުންނަށް އޮޅުވާލަން ބިލެއް ހުށަހަޅައިގެން އެ ބިލު ފާސްކުރުމުގެ މަސައްކަތް މިއަދު ކުރެވެމުންދާތީ އެކަމާ ކަންބޮޑުވުންފާޅު ކުރަމުން.
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު![]()
މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ބޭރުގައި ޕީއެންސީގެ މެންބަރުން ވެސް މީޑީއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި، ޕާޓީ ވަކިކޮށްފާނެ ކަމުގެ ބިރަށް ވޯޓު ދެއްވާނެ ކަމަށް މެންބަރުން ވިދާޅުވާ ކަމަށެވެ.
ރާއްޖޭގެ މުސްތަގުބަލު އޮތީ ވަރަށް ބަނަކޮށް ކަމަށާއި، ރައްޔިތުން މިވެރިކަން ބަދަލުކުރުމަށް މަގުމަށްޗަށް ނުކުމެ ވަރަށް ވަރުގަދައަށް މުޒާހަރާ ކުރުމަށް މެންބަރު މައުރޫފް ގޮވާލެއްވި އެވެ.