ސަރުކާރުގެ ނިޔަތަކީ ނުވަތަ ޕީއެންސީގެ ނިޔަތަކީ ނޫސްވެރިކަން ނެތިކޮށްލުން ކަމަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ދައުރުން ބޭރުން ބުދަ ދުވަހު ބޭއްވި ޖަލްސާގައި މިނިވަން މީޑިއާ ތަޅު އެޅުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވާ މެންބަރު އައްބާސް ވިދާޅުވީ، މިއަދު މިސަރުކާރުގެ ތެރެއިން ފެންނަނީ ނޫސްވެރިންނަށް ދުއްތުރާކޮށް ޖެއްސުންކޮށް ފުރައްސާރަ ކުރާ މަންޒަރު ކަމަށެވެ. އަދި ދިވެހި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން "ހެސްކިޔާފަ" ވައްކަން ކުރާ ކަމަށް އައްބާސް ވިދާޅުވި އެވެ.
ގައުމަށް ލާރި އެބަވަދޭ ބޯކޮށް، މުޅި ސައުތު އޭޝިއާގައި ގައުމަކަށް ވަންނަންޖެހޭ އެންމެ ގިނަ އަދަދަށް ފައިސާ އެބަ ވަދޭ އިއްޒަތްތެރި ރައީސް. 2024 2025 ދެ އަހަރުގެ ބަޖެޓު 110 ބިލިއަން ރުފިޔާ ހުސްވެގެން ދާއިރު ރާއްޖޭގެ ރައްޔިތަކަށްވީ އެއްވެސް ކަމެއް ނެތް އިއްޒަތްތެރި ރައީސް. އޭގެ ބަދަލުގައި އަޅުގަނޑުމެންނާއި ހަމައަށް މިކަންކަން ވާނުވާ ބުނެދީ އެބޭފުޅުން އެއައް ގުނައެއް ބުރަކޮށް މަސައްކަތްކުރައްވާއިރު އެބޭފުޅުންގެ އަނގަ ބަންދު ކުރަން އެބޭފުޅުންގެ ގަލަމުން ލިޔެ ނުދިނުމަށް އެބޭފުޅުންގެ ދޫ ބަންދު ކުރުމަށް އެބޭފުޅުންގެ އާއިލާ ބިރުޔވެތި ކަމެއްގެ ތެރެއަށް ވައްދަން މިކުރާ މަސައްކަތަކަށް އަޅުގަނޑަކަށް އާނއެކޭ ނުބުނެވޭނެ.
މުހައްމަދު އައްބާސް![]()
އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެސް ދިވެހި ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެފަ އެހުރީ މިނިވަން ނޫސްވެރިކަމުގެ ތެރެއިން ކަމަށް ވިދާޅުވެ އައްބާސް ވިދާޅުވީ އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މަޖިލީސް ރައީސް އަށް ކަމަށެވެ. އައްބާސް ވިދާޅުވީ މިނިވަން ނޫސްވެރިކަން ފުނޑާލަން ނުވަތަ ރާއްޖޭގެ ނޫސްވެރިން އެކުރާ މަސައްކަތާއި ދެކޮޅަށް ކުރާ ކޮންމެ ކަމެއް ކުށްވެރިކޮށް ދިވެހި ރާއްޖޭގެ މީޑިއާގެ ހައްގުގައި ބަސްބުނެ ހައްގައް ވަކާލާތު ކުރާނަން ކަމަށެވެ.
އައްބާސް ވިދާޅުވީ މިއުޅެނީ މީޑިއާއާއި ދޭތެރޭ ފިޔަވަޅު އެޅޭނެ އުސޫލުތަކާއި ހަމަތަކާއި ކޮމިޝަންތައް ނެތިގެން ނޫން ކަމަށާއި މިއުޅެނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގެނެސް ގުޅަކޮށް ރައީސް ބޭނުންފުޅު ނުވާ ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ދީ ޖަލުގެ ތޭރިތަކުގެ ތެރެއަށް ވައްދަން ކަމަށެވެ.
އާންމު ރައްޔިތުން ސޯޝަލް މީޑިއާގަ އެބޭފުޅުންގެ އަމިއްލަ ފޯނުން ޕޯސްޓުކޮށްލާ ޕޯސްޓަކާއި ގުޅިގެން ގެންގޮސް ޖަލުގެ ތޭރިތަކުގެ ތެރެއަށް ލާން، އެހެންވެގެންތޯ ހދ އިން ފެސިގެންގފޮސް އައްޑޫއާ ދޭތެރޭގައި ޖަލުތަކެއް އަޅަން މިނިންމަވަނީ ހުރިހާ ނޫސްވެރިންނާއި އާންމު ރައްޔިތުންނާ އެންމެން ޖަލަށް ލާންތޯ އިއްޒަތްތެރި ރައިސް
މުހައްމަދު އައްބާސް![]()
އައްބާސް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ހަދާފައި އޮތީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ބަލައިގެން ކަމަށާއި މިއަދު ތިމާމެންނަށް ސުޕަ މެޖޯރިޓި ލިބިފައި އޮތުމުން މުޅި ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލުގެނެސް ރައްޔިތުން އަނދަގޮނޑި ޖަހަން ދިމާކުރުމުން ރައްޔިތުން އެކަމަށް އާނއެކޭ ނުބުނާނެ ކަމަށެވެ.
ތަހުޒީބުވެ ކުރިއަރާފައިވާ ގައުމުތަކުގައި މިނިވަން ނޫސްވެރިކަން އޮތްގޮތް ބަލަން ޖެހޭކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ ބައެއް ކަންކަން ކުރަންވުމުން އެމެރިކާއާއި ޔޫކޭއާއި ޔޫރަޕާއި އެނޫންވެސް ތަހުޒީބު ބޮޑެތި ގައުމުތަކުގައި ކަންކުރާ ގޮތް ބައްލަވާފައި އަނެއްބައި ކަންތައްތައް ކުރަންވުމުން ދުނިޔޭގެ އެންމެ ފަގީރު ގައުމުގައި ކަންކަމަށް އަމަލުކުރާގޮތް ބަލައިފައި އެވާހަކަ ގަނޑުކޮޅެއްގައި ލިޔެގެން މަޖިލީހަށް ހުށަހެޅިޔަސް އަދި ގަބޫލެއް ނުކުރާނެ ކަމަށެވެ.