Advertisement
ކ. މާލެ
|
27 އޯގަސްޓް 2025 | ބުދަ 10:39
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލްކުރާ ބިލު
މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް މެންބަރު ސައުދުﷲ ތާއިދު ކުރައްވަނީ އޭނާގެ މައްސަލައެއް ފުލުހަށް ހުށަހެޅި ޚަބަރު ރާއްޖެޓީވީން ގެނެސްދީގެން
ހުރިހާ ކަމެއްގައި ކޯޓަށް ވަޑައިނުގެންނެވޭނެ ކަމަށް މެންބަރު ސައުދުﷲ ވިދާޅުވެފައިވޭ
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަބުރުގެ ގާނޫނާއެކު ވައްކަން ކުރި ކަމަށް ގަބޫލެއް ނުކުރަން
ސައުދުﷲގެ ކުންފުނިން އޮޅުވާލައިގެން ފައިސާތަކެއް ނެގި މައްސަލައެއްގެ އިތުރުން ތިނަދޫގެ ބިމުގެ ކުއްޔަށް ފައިސާ ނުދޭ މައްސަލަ ފެންމަތިވެފައިވޭ

މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް މެންބަރު ސައުދުﷲ ތާއިދު ކުރައްވަނީ އޭނާގެ މައްސަލައެއް ފުލުހަށް ހުށަހެޅި ޚަބަރު ރާއްޖެޓީވީން ގެނެސްދީގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މެންބަރު ސައުދުﷲ މިހެން ވިދާޅުވީ، ބުދަ ދުވަހު ހެނދުނު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ވަގުތު ނޫސްވެރިން ބިލާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. އޭނާ ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.

އެއީ މިފަހުން ރާއްޖެޓީވީން އޭނާގެ އަބުރު ނަގާލާފައިވާތީ ކަމަށް މެންބަރު ސައުދުﷲ ވިދާޅުވިއެވެ.

މީޑީއާއަކުން އަބުރު ނަގާލި ކަމަށް ވިދާޅުވިއިރު، އެމައްސަލައާ ގުޅިގެން ކޯޓަށް ވަޑައިނުގެންނެވީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން މެންބަރު ސައުދުﷲ ވިދާޅުވީ ދެން ހުރިހާ ކަމެއްގައި ކޯޓަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަބުރުގެ ގާނޫނާއެކު ސަރުކާރުން ވައްކަންކުރި ކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކުރުމުން މެންބަރު ސައުދުﷲ ވިދާޅުވީ އެކަން ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ސައުދުﷲ ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުން ހުރިނަމަ، ކޮމެޓީގައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

ބިލަށް ތާއީދުކުރަން. ތާއީދުކުރާ ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީޑިއާގައި ވެސް އޮންނަންޖެހޭނެ ހުދޫދެއް. ރާއްޖެޓިވީން ވެސް ވަރަށް ފަހުން ޚަބަރެއް ހެއްދެވި. މީހަކު ސިޓީއެއް ފޮނުވަނީ އޭ ޕޮލިހަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް. މަރަދޫ ސައިޓްގެ ޕްރޮޖެކްޓްގައި އެޑްވާންސްކޮށް މަސައްކަތް ނުކޮށް މަކަރާއި ހީލަތުން ފައިސާތަކެއް ނެގިވާހަކަ. އެއަށް ރާއްޖެޓީވީން ޚަބަރެއް ހަދާލީ. ޚަބަރެއް ހަދާލިއިރު އޭގައި އަޅުގަނޑުގެ އަބުރާއި، އަޅުގަނޑު ކުންފުނީގެ އަބުރު ކަތިލާ ގޮތަށް ޚަބަރު ހަދާފައިވަނީ.

ރައްޔިތުން މަޖިލީހުގެ މެންބަރު ސައުދުﷲ ހިލްމީ

މެންބަރު ސައުދުﷲގެ އަބުރު ނަގާލި ކަމަށް ވިދާޅުވީ، 4 އޯގަސްޓް 2025 ގައި ރާއްޖެއެމްވީން ޝާއިއުކުރި ޚަބަރަކާ ގުޅިގެންނެއެވެ. އެއީ ސައުދުﷲގެ ކުންފުންޏެއް ކަމަށްވާ މިމްސް ޕްރައިވެޓް ލިމިޓެޑް އިން އޮޅުވާލައިގެން ފައިސާތަކެއް ނެގި މައްސަލައެއް ފެންމަތިވެ، މި މައްސަލައިގައި އާންމު ފަރާތަކުން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފޮނުވި ސިޓީގެ ކޮޕީއެއް ރާއްޖެ އެމްވީ އަށް ލިބުމުން އެ މައްސަލަ ފުލުހަށް ހުށަހެޅި ޚަބަރު ރާއްޖެއެމްވީން ގެނެސްދީގެންނެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް ތާއިދު ކުރައްވާ ސަބަބެއް ކަމަށް ސައުދުﷲ ދެއްކެވީ އެ ޚަބަރެވެ.

އެ ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ނ. މަނަދޫގައި ބޭއްވި ރަސްމީ ޖަލްސާއެއްގައި ފާހަގަކުރެއްވި ގޮތުގައި އެ ރަށު ސްކޫލުުގެ އިމާރާތް ކުރުމަށް 2021 ވަނަ އަހަރު 360 ދުވަސްތެރޭގައި ނިންމުމަށް ހަވާލު ކުރި މިމްސް ޕްރައިވެޓް ލިމިޓެޑް (ސައުދުﷲ ހިލްމީ / އޯޝަން / ގދ. ތިނަދޫ) ނިމިފައިވަނީ 70 ނުވަތަ 75 އިންސައްތަ މަސައްކަތް ކަމަށެވެ. މިމްސް ކޮންސްޓްރަކްޝަން އިން އެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވަނީ 15،361،325.49 (ފަނަރަ މިލިއަން ތިންލައްކަ ފަސްދޮޅަސް އެއްހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ސާޅީސް ނުވަ ލާރި) އެވެ. އެ ޕްރޮޖެކްޓަށް ނިންމުމަށް ބޭނުންވާ އެންމެހާ ފައިސާ ވެސް އެ ކުންފުންޏަށް ސަރުކާރުން ދީފައިވާ ކަމަށް އެ ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމުން ހާމަވަނީ ދިވެހި ދައުލަތަށް ސައުދުﷲގެ ކުންފުނި މިމްސް ޕްރައިވެޓް ލިމިޓެޑް އިން އޮޅުވާލައިގެން މަކަރާއި ހީލަތުން ނުހައްގުން ފައިސާ ތަކެއް ހޯދާފައިވާ ކަން ކަމަށް އެ ސިޓީގައި ބުނެފައިވާއިރު މި މައްސަލަ އަކީ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމެއް ކަމަށާއި ސަރުކާރުގެ އިދާރާތަކަށް އޮޅުވާލުމަކީ ވަރަށްވެސް ސީރިއަސް މައްސަލައެއް ކަމުގައި ރައްޔިތުން ދެކޭކަމަށް އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި އެކިއެކި ފަރާތްތަކުން 29.9 މިލިއަން ރުފިޔާ ނުދައްކާ އޮތްއިރު، އޭގެތެރޭގައި މެންބަރު ސައުދުﷲ ގެ ކުންފުނި ވެސް ހިމެނޭކަން ވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

- ކޮމެންޓް