ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި އޮތް 400 ހައުސިން ޔުނިޓާއެކު، އިތުރު 2000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެންމެ ދަތިވެފައިވާ މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި، ކުޅުދުއްފުށީގެ ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އަދި ހައްލު ބޭނުންވާ މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށެވެ.
ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ 400 ހައުސިން ޔުނިޓްގެ މަޝްރޫއު އެކި ސަބަބުތަކާހުރި ކުރިއަށްނުދިޔަކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މިފާއިތުވެދިޔަ ދުވަސްތަކުގައި ސަރުކާރަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިމަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް އަދި އިތުރު 2000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ 2000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން 700 ހައުސިންގ ޔުނިޓު ޚާއްސަކޮށްފައިވަނީ ގޯތީގައި އިމާރާތްކުރާ އުސޫލުން ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިމަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަަމަށެވެ.
2000 ހައުސިން ޔުނިޓްގެ ތެރެއިން 700 ހައުސިން ޔުނިޓް އަޅުމަށް އަޅުގަނޑުމެން ނިންމާފައިވަނީ އަމިއްލަ ގޯތި އޮވެ އެގޯތީގައި މީގެ ހައުސިން ޔުނިޓެއް އަޅަން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން. އެހެންވީމަ މި 700 ހައުސިން ޔުނިޓް މި ޚާއްސަކުރަނީ އެ ކޮންމެ ޔުނިޓަކީ 3 ކޮޓަރީގެ ގެއެއް. 700 ޔުނިޓް މިޚާއްސަކުރަނީ ތިބޭފުޅުންގެ ތެރެއިން އަމިއްލަ ގޯތީގައި ގެއަޅަން ބޭނުންވާ މީހުންނަށް. އެގޮތަށް 700 ޔުނިޓް އެޅުމުގެ މަސައްކަތް ކައުންސިލަށް މިނިސްޓްރީއާ ގުޅިގެން އެޗްޑީސީއާ ގުޅިގެން އައިޑެންޓިފައިކޮށް ނިމުނުހާ އަވަހަށް އަމަލީ މަސައްކަތް ފަށައިދޭނަން. އެހެންވީމަ މިއަހަރުގެ ތެރޭގައި އަޅުގަނޑު އުންމީދުކުރަން އަމަލީ ގޮތުން ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް. އެކަމަކަށް މިހާރު އެއްވެސް ހުރަހެއް ނެތް. 1300 ޔުނިޓް އަޅާނީ ވަކިން ލޭންޑް ޔޫސް ޕްލޭންގައި ގެދޮރުބިނާ ކުރުމަށް ޕަބްލިކް ހައުސިން ޕްރޮޖެކްޓް ހިންގަން ކަނޑައަޅާފައި އޮތް ލޮކޭޝަންގައި 1300 ފްލެޓް އެޅުމަށް އަޅުގަނޑުމެން ނިންމާފައި މިވަނީ. އެހެންވީމަ ޖުމްލަ 2000 ހައުސިން ޔުނިޓް.
ރައީސް ޑރ.މުހައްމަދު މުއިއްޒު![]()
ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 30 ޑިސެމްބަރު 2022 ގައެވެ. އޭރު މިމަޝްރޫއު ނިމެނޭނެ ކަމަށް 20 ނޮވެމްބަރ 2024 ގައި ލަފާކޮށްފައިވެއެވެ. ނަމަވެސް މިސަރުކާރު ވެރިކަމަށް އައުމާއި އެކު މިމަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައެވެ.
18 އިންސައްތަ މަސައްކަތް ނިމިފައިވާ މިމަޝްރޫއުގެ ޖުމްލަ އަގަކީ 415,086,000 (ސާޅިސް އެއްމިލިއަން ފަސްލައްކަ އަށްޑިހަ ހަ ހާސް) ރުފިޔާއެވެ. މިއީ ފަސް ޓަވަރުގެ މައްޗަށް އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ ފްލެޓްތަކެކެވެ.
މި ސަރުކާރު އައި ފަހުން 2024 ވަނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީގެ ތަރައްގީއަށް މުހިއްމު މަޝްރޫއުތަކެއް ހިމަނާފައިވީ ނަމަވެސް އޭގެ ތެރެއިން އެއްވެސް މަޝްރޫއުއެއްގެ މަސައްކަތެއް ކުރިއަށްނުދާ ކަމަށް އެސިޓީގެ ކައުންސިލުން ބުނެފައިވެއެވެ.