ބްރޫސް ވިލިސްގެ އަންހެނުން އެމާ ބުނަނީ ބްރޫސް ގެ ސިއްޙަތު ރަނގަޅު ނަމަވެސް ސިކުނޑި ދަނީ ދަށް ވަމުން ކަމަށެވެ.
އެމެރިކާގެ މަޝްހޫރު އެކްޓަރު ބްރޫސް ވިލިސްގެ އަންހެނުން އެމާ ހެމިންގް ވިލިސް ވަނީ ފުރަތަމަ ފަހަރަށް ޢާންމުކޮށް ބްރޫސްގެ ސިއްހީ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. އެމާ ބުނީ އޭނާގެ ފިރިމީހާގެ ސިކުނޑި ދަނީ "ދަށްވަމުން" ކަމަށާއި އަދި "ވާހަކަ ދެއްކުން ދަނީ ގެއްލެމުން" ކަމަށެވެ.
70 އަހަރުގެ ޑައި ހާޑް ތަރި ބްރޫސް އަށް ފްރޮންޓޯޓެމްޕޯރަލް ޑިމެންޝިއާ ޖެހުނުތާ މިހާރު 3 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
"ބްރޫސް އަދިވެސް ވަރަށް ރަނގަޅަށް ހިނގާބިނގާވެ އުޅެއެވެ. ބްރޫސްގެ ޖުމްލަ ސިއްޙަތު ވަރަށް ރަނގަޅު،" އޭބީސީ ނިއުސް ގެ ގުޑް މޯނިންގ އެމެރިކާ މެދުވެރިކޮށް އަންގާރަ ދުވަހު އެމާ ބުންޏެވެ. "އެކަމަކު އޭނާގެ ސިކުނޑި ދަނީ ދަށްވަމުންނެވެ."
ޑިމެންޝިއާ އެކު އޭނާގެ އާއިލާގެ ތަޖުރިބާ އާ ބެހޭ ގޮތުން ފޮތެއް ނެރުމަށް މަސައްކަތް ކުރަމުންދާ އެމާ ހެމިންގް ވިލިސް އަކީ ބަލިމީހުން ބަލަހައްޓާ މީހުންގެ ހައްގުގައި ވެސް ވާހަކަ ދައްކާ ފަރާތެކެވެ.
އެމާ ބުނީ ބްރޫސް ވާހަކަ ދެއްކުން ދައްވަމުން ދާ ކަމަށާއި، އާއިލާ އިން އެކަންކަމާ ހޭނެމުން ގެންދާ ކަމަށެވެ. އެގޮތުން ފިރިމީހާ އާއި މުއާމަލާތް ކުރާނެ އިތުރު ގޮތެއް ވާނީ ދަސްކޮށްފައި ކަމަށް ވެސް އެމާ ބުންޏެވެ.
ބްރޫސް ގެ އާއިލާއިން 2023 ގައި ހާމަކުރި ގޮތުގައި ހޮލީ ވުޑްގެ މަޝްހޫރު ތަރި އަށް ވަނީ ފްރޮންޓޯޓެމްޕޯރަލް ޑިމެންޝިއާ ޖެހިފައެވެ. މިއީ މާ އާންމު ނޫން ބާވަތެއްގެ ޑިމެންޝިއާގެ ވައްތަރެކެވެ. މި ބައްޔަކީ ހަރަކާތްތެރިވެ އުޅުމާއި ވާހަކަ ދެއްކުމަށް ދަތިތަކެއް ކުރިމަތިކުރުވާ ބައްޔެކެވެ.
މޮޑެލް އަދި ވިޔަފާރިވެރިޔާ ހެމިންގް ވިލިސް ބުނީ ފުރަތަމަ އޭނާ ހީކުރެވިފައި އޮތީ އޭނާގެ ފިރިމީހާ އަށް އެހީތެރިވާން ޖެހޭނީ އޭނާ އަމިއްލަ އަށް ކަމަށެވެ. މިކަމުގެ ސަބަބުން ނިދި ނުލިބުމާއި އާންމު ދިރިއުޅުމުން އެކަހެރިވުން މެދުވެރިވި ކަމަށް އޭނާ ކިޔައިދިނެވެ.
އެމާ ބުނި ގޮތުގައި އޭނާގެ އާ ފޮތް، "އަންއެކްސްޕެކްޓެޑް ޖާނީ: ފައިންޑިންގ ސްޓްރެންތް، ހޯޕް، އެންޑް ޔުއަރސެލްފް އޮން ދަ ކެއަރގިވިންގ ޕާތް" އަކީ ޑިމެންޝިއާގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް އަސަރުކޮށްފައިވާ އެހެން ބަލިމީހުން ބަލަހައްޓާ މީހުންނަށް މަގުދައްކައިދޭ އަދި އެހީތެރިވެދޭނެ ފޮތަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މި ފޮތުގައި އެމާ ވަނީ ބަލިމީހުން ބަލަހައްޓާ މީހުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާއި، އަދި އަމިއްލަ ނަފްސަށް އަޅާލުމުގެ މުހިންމުކަމާ ބެހޭ ގޮތުން ލިޔެފައިވެއެވެ. އޭނާގެ އަމިއްލަ ތަޖުރިބާތަކާއި ދަސްވި ފިލާވަޅުތައް ހިއްސާ ކޮށްފައިވާ މި ފޮތުން، އެހެން ބަލިމީހުން ބަލަހައްޓާ މީހުންނަށް ހިތްވަރާއި އުންމީދު ލިބިގެންދާނެ ކަމަށް އެމާ ޤަބޫލު ކުރެއެވެ.
އެމާ އިތުރަށް ބުނި ގޮތުގައި، ބަލިމީހުން ބަލަހައްޓާ މީހުންނަށް އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އެމީހުން އެކަނި އެ ޒިންމާ އުފުލުމަކީ ވަރަށް ބުރަ މަސައްކަތަކަށް ވާތީއެވެ. އެހެންކަމުން، އާއިލާއާއި ރަހުމަތްތެރިންގެ އެހީތެރިކަމާއި، ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ނިންމާލަމުން އެމާ ބުނީ މި ދަތި ދަނޑިވަޅުގައިވެސް އޭނާގެ ފިރިމީހާ އާ އެކު ހޭދަކުރާ ވަގުތުތަކަކީ އަގުހުރި ވަގުތުތަކެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކީވެސް އާ ގޮތްތަކެއް ދަސްކުރާ ދުވަހެއް ކަމަށާއި، ލޯތްބާއި ކެތްތެރިކަމުގެ މުހިންމުކަން އިތުރަށް ވިސްނޭ ދުވަހެއް ކަމަށެވެ.