ކ. ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލި 'ލިއޯ' ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގިތުން މަރުވެފައިވަނީ ބ. ކުޑަރިކިލަށް ނިސްބަތްވާ ފިރިހެނެކެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭގައެވެ. ދޯނި ބަންޑުން ޖަހާލުމާ ގުޅިގެން މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ފަރާތުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެމްއެންޑީއެފުން އިތުރަށް ހާމަކުރި ގޮތުގައި މި ދޯނީގައި ޖުމްލަ ހަ މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން ފަސް މީހުން ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި ނިޔާވި ފަރާތުގެ ހަށިގަނޑު ކ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ފަރާތް ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަހުގީގުތައް ކަމާބެހޭ އިދާރާތަކުން ކުރިއަށްދާ ކަމަށް ވެއެވެ.
މޫސުން ގޯސް ދުވަސްވަރު ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިންގުން މިހާރު ވަނީ އިތުރުވެފަ އެވެ.
ކަނޑުދަތުރު ކުރާ ފަރާތްތަކުން، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.