މިނިވަން މީޑިޔާ ނެތިކޮށްލުމުގެ މަކަރުވެރި މަގުސަދުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވަން ނިންމައިފިއެވެ.
އެޕްޑީޕީ އިން ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ވަނީ ބުދަ ދުވަހުގެ މަޖްލިސް ޖަލްސާ ފެށޭ ވަގުތު ކަމަށްވާ، ހެނދުނު 9 ޖަހާއިރު ސޯސަން މަގު މަޖީދިއްޔާ ސްކޫލް ކަންމަށްޗަށް އެއްވުމަށް ގޮވާލާފައެވެ. އަދި މި އެއްވުމަކީ މީޑިޔާ އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެއްވާ އެއްވުމެއް ކަމަށްވެސް ބުނެފައިވެއެވެ.
For media, for free speech. Tomorrow, 9 AM.#HatharehgeHaggugai #CTRLehNukureveyne #CTRLbillBeyrukurey pic.twitter.com/OvqP9jxd1y
— MDP Secretariat (@MDPSecretariat) August 26, 2025
ތުޅާދޫ ދާއިރާގެ "މިނިވަން" މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ މެދު ނޫސްވެރިންގެ ތެރޭގައި ވެސް ދަނީ ފުޅާ ދާއިރާއެއްގައި ކަންބޮޑުވުންތައް ފާޅުކުރަމުންވެ.
މި ބިލަކީ މީޑިއާގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށް މަގުފަހިކުރާނެ ބިލެއް ކަމަށް ބުނެ، މޯލްޑިވްސް މީޑިއާ ކައުންސިލް އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ މި ބިލުގެ ސަބަބުން މީޑިއާގެ މިނިވަންކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އެމަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަށް ބިލު ފާސްކުރަން ބޭނުންފުޅުނުވާ ކަމަށް ޕީއެންސީގެ މެންބަރުންނަށް އަންގަވާފަވާނޭ ކަމުގައެވެ.
މި ބިލާ ދެކޮޅަށް ރައީސް މުއިއްޒު އަދި ޕީއެންސީގެ މަޖިލިސް މެންބަރުންވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ބަދަލުގައި ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ ޕާޓީ މަޖިލިސް މެމްބަރުންގެ ފަރާތުން ފެނިގެންދަނީ މި ބިލު ދިފާއުކުރާ މޭރުމުން ވާހަކަ ދައްކަވަމުންދާ މަންޒަރެވެ.
ބިލާ ދެކޮޅަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް އަޑުއުފުލާފައިވީ ނަމަވެސް، މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް އޮތުމާއެކު މި ބިލު ފާސްވުމަކީ ގާތްކަމެއް ކަމަށް ބެލެވެއެވެ.
ބިލުގައި ހިމެނޭ އެންމެ ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެންބަރުން މިބިލުގައި ވާގޮތުން އުފައްދާ މީޑިޔާ ރެގިއުލޭޓްކުރާ ކޮމިޝަނުގައި ހިމެނުމާއި، ނޫސްވެރިން ވޯޓުލައިގެން ކޮމިޝަނަށް ހޮވާ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދިނުން ހިމެނެއެވެ. މީގެ އިތުރުން، ކޮމިޝަނަށް ވަގުތީ ގޮތުން މީޑިޔާ ތަކުގެ ލައިސަންސް ހިފެހެއްޓުމުގެ ބާރު ދިނުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ހާލަތްތަކުގައި ފުލުހުން މެދުވެރިކޮށް ނޫސްތަކާއި ޓީވީ ސްޓޭޝަންތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ދިނުން ފަދަކަންކަން ހިމެނެއެވެ.
ބިލުގައި ހިމެނޭ އެހެނިހެން ކަންބޮޑުވުންތަކުގެ ތެރޭގައި، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު އޮތުމާއި، ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅި، ބިރުވެރިކަމެއްގެ ތެރެއަށް ނޫސްވެރިން ވެއްޓިގެންދާނެ ކަމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.
މީޑީއާގެ މިނިވަންކަމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް މި ބިލާ ދެކޮޅަށް ބަޔާންތައް ނެރެފައެވެ.