ދޮޅު އަހަރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ވައިކަރަދޫ ކައުންސިލާއި ބައްދަލުކުރުމުން، މީގެ ދޮޅު އަހަރު ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކޮށްދޭން އެދުނު ކަންކަން އަލުން ކޮށްދިނުމަށް ކައުންސިލުން އެދިއްޖެއެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިހާބަށްފަހު އެންމެ ފުރަތަމަ އެރަށަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ކައުންސިލާއި ބައްދަލުކުރެއްވުމުން ކައުންސިލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހައުސިންގ ޔުނިޓް ބޭނުންވާކަމުގައި ފާހަގަކުރި އެވެ. އަދި ގިނަ މީހުން ރަށުން ހިޖުރަ ކުރާކަން ފާހަގަކުރައްވައި، އެކަން އެހެން ދިމާވަނީ ވަޒީފާ ލިބުމުގެ ދަތިކަން ހުރުމުން ކަމުގައި ކައުންސިލުން ފާހަގަ ކުރި އެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލުން އެދުނު އިރު، މަގުތައް ރަނގަޅު ފެންވަރުގައި ހެދުމަށާއި، ރަށަށް މިސްކިތެއް ގާއިމުކޮށްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކޮށްދެއްވުމަށް ކައުންސިލުން އެދުނެވެ.
އެދުވަހު ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ.
އަނެއްކާ އޭގެ ދޮޅު އަހަރު ފަހުން، އަންގާރަ ދުވަހު ކައުންސިލާއި ބައްދަލުކުރެއްވުން ކައުންސިލުން ވަނީ ދޮޅު އަހަރުކުރިން ރައީސް މުއިއްޒު އަރިހުގައި އެދުނު ކަންކަން ތަކުރާރުކުރައްވާފައެވެ.
އަންގާރަ ދުވަހު ކައުންސިލާއެކު ބޭއްވި ބައްދަލުކުރުމުގައި ކައުންސިލުން އެދުނީ ހައުސިންގ ޔުނިޓް އެޅުމާއި ރަށުގެ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ކަރަންޓު ވިއުގަ އައުކުރުމާއި ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދިނުމަށެވެ. މީގެ އިތުރުން ރަށު ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމް އަވަސް ފުރުޞަތެއްގައި ނިންމަވައިދެއްވުމަށާއި ކުނި ނައްތާލުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ރަށްވެހި އިމާރާތް މަރާމާތުކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދުނެވެ. ވައިކަރަދޫއިން އަލަށް ގޯތި ދޫކުރި ސަރަހައްދާއި ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓު، ވީހާ އަވަހަކަށް ފޯރުކޮށްދިނުމަށާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި ޤާއިމުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދުނެވެ.
އަންގާރަ ދުވަހުގެ ކައުންސިލް ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.