ކ. މާލެ
|
26 އޯގަސްޓް 2025 | އަންގާރަ 19:21
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނޫސްވެރިކަމުގެ ބިލާއި ގުޅިގެން ގިނަ ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނޫސްވެރިކަމުގެ ބިލާއި ގުޅިގެން ގިނަ ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެ، އޮޅިވަޑައިގެން ނޫޅުއްވާ!
ގެއްލެމުންދާ ސަރުކާރުގެ މަގްބޫލުކަމާއި ނެތެމުންދާ ސަރުކާރުގެ އިތުބާރު ރަނގަޅު ކުރެއްވުމުގެ ބަދަލުގައި މިހާރު އެދިމާކުރައްވަނީ އެވާހަކަ ދައްކާ މީހުންނަށް އަދަބު ދީގެން އެވާހަކަ ދެއްކުން ހުއްޓުވާށެ އެވެ.

"އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ، އަޅުގަނޑު އެއްވެސް އިރަކު ކުރި ކަމެއްވެސް ނޫން އަދި ކުރާނެ ކަމެއްވެސް ނޫން" މިއީ މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ސްޕޮންސަރކޮށްގެން ތުޅާދޫ ދާއިރާގެ މެމްބަރު ލައްވާ ހުށަހަޅައިގެން އުޅޭ މިނިވަން މީޑިއާ ކަސްތޮޅު އެޅުވުމާއި ގުޅޭ ބިލާއި ބެހޭ ގޮތުން، ހދ. އަތޮޅުގައި ހުންނަވައިގެން ރައީސް މުއިއްޒު، ދެއްކެވި ވާހަކަފުޅެއްގެ ތަންކޮޅެކެވެ. ބޭނުންފުޅަކީ އެބިލްގެ ސަބަބުން ސަރުކާރަށް ކުރިމަތިވަމުންދާ ފާޑު ކިޔުންތަކާއި ނަފްރަތުގެ ބަސްތަކުން ރެކި ވަޑައިގެން އެކަމުން ބޯދަމައިގަތުމެވެ. އެކަމަކު މިއަދުގެ ނޫސްވެރިންނާއި މިއަދުގެ ދިވެހި ޖީލަކީ ރައީސް މުއިއްޒު ދަންމަވާހާ ގުއި ރޯނެއްގައި ޖެހޭނެ، ދައްކަވާހާ ވާހަކަފުޅެއް ޤަބޫލުކުރާނެ ބައެއް ނޫނެއެވެ.

މީޑިއާ ފުނޑު ފުނޑުކޮށްލުމާއި ބެހޭ ބިލުން ސަރުކާރުން ހާސިލްކުރަން ބޭނުންވާ އެއްޗަކީ މިނިވަން މީޑިއާ ނައްތާލުމާއި ނޫސްވެރިންގެ އަނގައިގައި އަތް އެޅުމާއި ލިޔުންތެރިންގެ ގަލަންތައް އަތުލުމާއި ހިޔާލު ފާޅުކުރާ މީހުންގެ ޚިޔާލުތަކުގައި އަތް އެޅުމެވެ.

މިބިލުން ސަރުކާރުން ހާސިލްކުރަން ބޭނުންވާ އަނެއް ކަމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ހިންގަމުންގެންދާ ބޮޑެތި ވައްކަމާއި ގިނަ ގުނަ ކޮރަޕްޝަނާއި ސުމާރެއް ނެތް ޚިޔާނާތުގެ ވާހަކަތައް ދެއްކިޔަ ނުދީ ހުއްޓުވުމެވެ.

މިބިިލުން ރައީސް މުއިއްޒު ހާސިލްކުރަން ބޭނުންވާ އަނެއް ކަމަކީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ތެރޭގައި ހިންގަމުންދާ ބޮޑެތި ޖަރީމާތަކުގެ މައުލޫމާތު ނޫސް މީޑިއާތަކަށް ފޯރުކޮށްދޭ ވިސިލްބްލޯވަރުންގެ މަސައްކަތްތައް ހުއްޓުވާލުމެވެ. ކުރުގޮތަކަށް ދަންނަވާނަމަ ރައީސް މުއިއްޒު ބޭނުންފުޅުވެގެން އުޅުއްވަނީ ސަރުކާރަށް ފާޑު ނުކިޔާނެ ތާއަބަދު ރައީސް މުއިއްޒުއަށާއި ސަރުކާރަށް ތައުރީފާއި ޝުކުރާއި ސަނާގެ ބަސްތަކުން ވެދުން ކުރާނެ މުޖުތަމައުއެއް އުފެއްދުމެވެ. މިކަން ކުރުމަށްޓަކައި ރައީސް މުއިއްޒު މިފަހަރު ބޭނުން ކުރައްވަން އެއުޅުއްވަނީ ހަންނާނު ކިޔާ މެމްބަރަކު ލައްވާ ހުށަހެޅުވި ބިލެކެވެ.

މިދެންނެވި ބިލުން ރައީސް މުއިއްޒު ކުރައްވަން ބޭނުންފުޅުވާ ކަމަކީ ބިރު ދެއްކުމެއެވެ. ނޫސްވެރިންގެ މައްޗަށް ޖިނާއީ ތަޙްގީގް ހިންގުމެވެ. ނޫސްވެރިންނާއި ނޫސް މިޑިއާތައް ޖޫރިމަނާ ކުރުމެވެ. ނޫސްތަކުގެ ހުއްދަ ބާތިލްކޮށް ބްރޯޑްކާސްޓަރުންގެ ލައިސަންސް ކެންސަލްކޮށް، ނޫސްވެރިަމުގެ ފާސް އަތުލާ ރައީސް މުއިއްޒުއަށް ސަނާ ނުކިޔާ ހުރިހާ ތަންތަން ބަންދުކޮށް ނައްތާލުމެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ދެއްވާނެ ކަމަށާއި ސަރުކާރުގެ ތެރޭގައި ފޮރުވާފައި އެއްވެސް އެއްޗެއް ނުބާއްވާނެ ކަމަށާއި އާރްޓީއައިއެއްވެސް ހުށަހަޅަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރަށް ދޮޅު އަހަރުވީއިރު، ސިޔާސީ މުވައްޒަފުންގެ އަސްލު އަދަދު ހާމަނުކުރެވި، ސަރުކާރުގެ އިދާރާތަކުން ނޫސް މިޑީޔާތަކަށް ސައްޙަ މައުލޫމާތު ނުދެވި ހުށަހަޅާ އާރްޓީއައި އަކަށްވެސް ދެތު ބަހުން ޖަވާބެއް ނުދެވި، ކަންކަން ބޮއްސުންލާ ބުޅާ ގޯނިން ބޭރުވެ، ސަރުކާރުގެ ބިތު ފަންގި ނެގި، ސަރުކާރުގެ ވައްކަމާއި ފަސާދައިގެ، ވާހަކަ އާއްމުވުމުން ދެން އެދިމާކުރައްވަނީ އޮބި އަޅައިގެން އޮބަ ހައްޓައިގެން ސަރުކާރުގެ މޫނު މަތި ރީތި ކުރައްވާށެ އެވެ.

ގެއްލެމުންދާ ސަރުކާރުގެ މަގްބޫލުކަމާއި ނެތެމުންދާ ސަރުކާރުގެ އިތުބާރު ރަނގަޅު ކުރެއްވުމުގެ ބަދަލުގައި މިހާރު އެދިމާކުރައްވަނީ އެވާހަކަ ދައްކާ މީހުންނަށް އަދަބު ދީގެން އެވާހަކަ ދެއްކުން ހުއްޓުވާށެ އެވެ.

އެކަމަކު ޤަބޫލުފުޅުކުރައްވާށެ އެވެ. ރައީސް މުއިއްޒު އަށް އޮޅިވަޑައިގެން އުޅުއްވާ އެއްޗަކީ ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެ ކަމެވެ. މިގައުމުގައި މިއަދު ނޫސްވެރިކަން ކުރާށާ ބްރޯޑްކާސްޓްކުރާށާ، ޚިޔާލުފާޅުކުރަން ތިބީ އެއަށްވުރެ މާފޯރާ މާ ތަޖްރިބާކާރު މާ ޤާބިލް ބައެއް ކަމެވެ. އެމީހުން ތި ކަހަލަ ކިތަންމެ މަންޒަރެއް ދެކެފިކަމެވެ. ކިތަންމެ ތަޖްރިބާއެއް ކޮށްފި ކަމަވެ. ކިތަންމެ ޖޫރިމަނާއަކާއި ކިތަންމެ ހުކުމެއްވެސް ތަންފީޒު ކޮށްފި ކަމެވެ. ކިތަންމެ ފަހަރަކު ޖަލަށްވެސް ވަދެއްޖެ ކަމެވެ. ކިތަންމެ އިންޒާރަކާއި ކިތަންމެ ބިރު ދެއްކުމަކާއި ވެސް ކުރިމަތި ލައިފި ކަމެވެ. ޓީވީ ސްޓޭޝަންތައް އަންދާލި މަންޒަރާއި ނޫސްވެރިންނަށް މަރުގެ ހަމަލާތައް ދެވުނު މަންޒަރުވެސް އެމީހުން ދެކެފި ކަމެވެ.

ރައީސް މުއިއްޒުއަށް އޮޅިވަޑައިގެން އުޅުއްވާ ކަމަކީ މިއަދު މިގައުމުގައި ނޫސްވެރިންކަން ކުރަން ތިބި މީހުންނަކީ ތިޔަ ގޮތަށް ޖައްސަވާ، ހާސް ގޮއް މޮހަން ދަންނަ، ތިޔަ ގޮތަށް ޖައްސަވާ ކޮންމެ މަޅިއަކުން ނެއްޓެން ދަންނަ، ތިޔަ ގޮތަށް ކުރައްވާ ކޮންމެ ކަމަކުން ރެކެން ދަންނަ ބައެއް ކަމެވެ. އަބުރުގެ ގާނޫނު ހަދައިގެން ބްރޯކާސްޓިން ކޮމިޝަން ހަދައިހެން މީޑިއާ ކައުންސިލް ހަދައިގެން މީޑިއާތައް ކޮންޓްރޯލްކުރަން މަސައްކަތްކުރި ދުވަސްވެސް އެމީހުންތިބީ ދެކެފަ އެވެ.

ރައޫސް މުއިއްޒައަށް އޮޅިވަޑައިގެން އުޅުއްވާ ކަމަކީ މިހުންނަވަނީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވުމަށްފަހު ހުންނެވެނީ ކޮން ފަޅިއެއްގައި ކަމެވެ. ރައްޔިތުންގެ އަޑު އައްސަވާ ކަމަށް ވިދާޅުވެ އެއްސެވެނީ ކޮން އަޑެއް ކަމެވެ. މިރާއްޖޭގައި ތިބިއްޔާ ތިބިހާ ނޫސްވެރިންނާއި ނޫސް މީޑިއާތަކާއި ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ހުރިހާ އިދާރާތަކުން މިބިލާއި ދެކޮޅަށް ދެތުވެ އަޑު އުފުލަމުންދާއިރުވެސް ރައްޔިތުންގެ ފަޅީގައި ހުންނެވި ކަމަށް ވިދާޅުވި ބޭފުޅާއަށް އެއަޑު އިވިވަޑައި ނުގަންނަވާ ނަމަ، ރައީސް މުއިއްޒުއަށް ތި ހުންނެވެނީ ކޮން ފަޅިއެއްގައިތޯ އެވެ.

ރައީސް މުއިއްޒުއެވެ. މަނިކުފާނުގެ ސުޕަ މެޖޯރިޓީއޮތް މަޖިލީހުގައ މިވަގުތު އޮތް ނޫސްވެރިކަން މަރާލާ ބިލު މަޖިލީހުން ބޭރު ކުރުމަށް މަނިކުފާނުގެ ޕީޖީ ގުރޫޕަށް ދަންނަވާށެ އެވެ. މަނިކުފާނު ތިޔަ ނުކުމެވަޑައިގަންނަވަނީ މަނިކުފާނަށް ހަނގުރާމަ ކުރެވެން ނެތް ބަޔަކާއި ހަނގުރާމަ ކުރައްވާށެ އެވެ. ނޫސްވެރިންނާއި ކުރިމަތިނުލައްވާށެ އެވެ. މަނިކުފާނު ތިޔަހެން ދައްކަވާ ބިރަކަށް ސިހޭނެ ނޫސްވެރިއަކު މިގައުމަކު މިއަދަކު ނޫޅެ އެވެ. ގޮތް ދޫނުކުރައްވާ ޤާނޫނު ހައްދަވައިގެން އެގާނޫނެއް ތަސްދީގު ކުރެއްވިޔަސް މިނިވަން މީޑިއާ ހުއްޓާލާފައި އަތް އުރާލައިގެން މަނިކުފާނަށް ސަނާ ކިޔަން ތިބޭނެ ނޫސްވެރިންނެއްވެސް މިހާރަކު ނޫޅެ އެވެ. މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅުއްވައިގެން ނޫސްވެރިންގެ އަނގައިގައި އަތް އަޅުއްވައިގެން ވެރިކަން ދެމެހެއްޓެވޭނެ ކަމަށް ހީފުޅުވާނަމަ އެއީ ކުށް ހީއެކެވެ. ގަދަބާރުން މަޖުބޫރުކޮށްގެން ފާއިސާދީގެން ނޫސްމީޑިއާތައް ލައްވާ މަނިކުފާނަށް ސަނާ ކިޔުއްވައިގެން ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބޭނެ ކަމަށް ހީފުޅުވެލައްވާ ނަމަ އެއީވެސް ކުށްހީ އެކެވެ. ސަރުކާރުގެ ކޮރަޕްޝަން އާއި ވައްކަމުގެ ވާހަކަ ދެއްކުން ހުއްޓުވައިގެން އިތުރު ދައުރެއް ހޯއްދެވިދާނެ ކަމަށް ވިސްނިވަޑައިގެންނެވޭނަމަ އެއީވެސް ކުށް ހީއެކެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ނޫސްވެރިން ތިބީ މަނިކުފާނު ޖައްސަވާހާ ބެރަކަށް ނަށާ ގޮތަކަށް ނޫނެ އެވެ. މަނިކުފާނު ބޭނުންފުޅުވާހާ ގޮތަކަށް ދީލާލާކަށްވެސް ނޫނެ އެވެ. ފިހިގަނޑު ބުމަރެއްހެން މަނިކުފާނު ޖައްސަވާހާ ފަޅިއަކަށް އެނބުރޭކަށްވެސް ނޫނެ އެވެ. ކޮންމެ ކަމެއް ކޮންމެ ވައުދެއް ކަދުރު އަލީގެ ނަދުރަށް ނުހައްދަވާށެ އެވެ.

- ކޮމެންޓް